ﷲ ތަޢާލާ އެކަލާނގެ ރަސޫލާ މުޙައްމަދު (ޞޢވ) އަށް ވަޙީކުރެއްވެވީ ކޮންމެ މީހަކާއި ބައްދަލުވެވަޑައިގެންނެވި ނަމަވެސް އިސްލާމް ދީނުގެ ރިވެތި ސަލާމުން ސަލާމް ކުރެއްވެވުމަށެވެ. އެމީހުންނަށް އަމާންކަމާއި ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅާއި ރަޙްމަތް އޮތްކަން ބަޔާންކުރެއްވެވުމަށެވެ. އަދި ރަސޫލާ (ޞޢވ) ވަނީ މިފަދައިން ޢަމަލުކުރުމަށް މީސްތަކުންނަށް ޙަދީޘްފުޅު ކުރައްވަވައި އެކަމުގައި ނަމޫނާ ދައްކަވައިފައެވެ.
ވީއިރު ބޭރުން އައިސް ގެއަށް ވަންނަގޮތަށް ރުޅިވެރި ބަސްތައް ބުނާނީ ކިހިނަކުންހެއްޔެވެ؟ އަދި ބޭރުން އައިސް ވަނުމާއިއެކު އެމީހަކަށް ރުޅިވެރިކަމާއިއެކު އިސްތިޤްބާލްކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ރުޅިމޫނު، ކުނި މޫނު ދައްކައި އެހެން މީހުންނަށް ބޮޑު ބިރަކަކަށްވާނެ ގޮތަށް ކަންކަން ކުރާނީ ކިހިނަކުންހެއްޔެވެ؟ އައިސްފައި ހުންނަ ރުޅީގައި އަތް އިސްކޮށް އަނިޔާވެރިވާންވާނީ ކިހިނަކުންހެއްޔެވެ؟ ﷲ ތަޢާލާ ވަނީ މީސްތަކުންގެ މައްޗަށް ރަޙްމަތް ކުރިއަށް ނެރުއްވަވައިފައެވެ. އަނިޔާވެރިކަން ވަނީ އެކަލާނގެ ޒާތުފުޅަށް ޙަރާމްކުރައްވަވައިފައެވެ.
ހިތާމައަކީ ބައެއް ޢާއިލާތަކުން ޢަމަލުކުރާގޮތެވެ! ބައެއް ފިރިން ބޭރުން އައިސް ގެއަށް ވަންނަނީ އިންތިހާއަށް ރުޅިއައިސްގެން ހުރެއެވެ. ހަމައެފަދައިން ބޭރުން އައިސް ގެއަށް ވަންނައިރަށް ބައެއް އަނބިން އިސްތިޤްބާލުކުރަނީ ރުޅިވެރިކަމާއިއެކުގައެވެ. މިފަދަ ގޮތްގޮތަށް ޢަމަލުކުރާނަމަ އެއްވެސް މައްސަލައެއް ޙައްލުކުރެވޭނީ ކިހިނަކުންހެއްޔެވެ؟ މިފަދަ ޢަމަލުތައް ވެގެންދާނީ ރޯވެ އަނދަމުންދާ އަލިފާންގަނޑަކަށް ދަރުއެޅުން ފަދަ ކަމަކަށް ނޫންހެއްޔެވެ؟
އެކަކު އަނެކަކާއި ބައްދަލުވުމުން ފުރަތަމަ ކަމަކަށް އިސްލާމް ދީނުގެ ރިވެތި ސަލާމްކޮށް އޭނާއަށް ސަލާމަތްކަން ހުރިކަން ބަޔާންކޮށްދޭށެވެ! މައްސަލައެއް އޮތްނަމަ އެކަމަށް ފަހުން މަޝްވަރާކުރާށެވެ. ހަމަޖެހިލައިގެން ތިބެއެވެ. އިށީނދެލައިގެން ތިބެ އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއިއެކުގައެވެ.
ދެމަފިރިން ކަމުގައި ނުވިނަމަވެސް ކޮންމެ ދެމީހަކު ނަމަވެސް ބައްދަލުވުމުން މި ގޮތަށް ޢަމަލުކުރާށެވެ! ބައްދަލުވުމުން ފުރަތަމަ ކަމަކަށް ރުޅިއިސްކުރުން ނުހަދާށެވެ! އެކަމުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ! އަދި ރުޅިވެރިކަމާއިއެކު އިސްތިޤްބާލްކުރުމަކީ އިސްލާމް ދީނުގައި ހުއްދަކަމެއް ނޫނެވެ! ވީމާ އިސްލާމްދީނުގައިވާ މަގުން ސަލާމްކުރުން އިސްކޮށް ލޯތްބާއިއެކު އިސްތިޤްބާލުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން