ދުނިޔޭގެ އެންމެންވެސް ކަންބޮޑުވެގެން މިއުޅެނީ ކުރިން ދިރިއުޅުނު ގޮތަށްވުރެ ދަތިޙާލުގައި އުޅެންޖެހުމުންނެވެ. ކުރިން ނެތް މައްސަލަތަކެއް ކުރިމަތިވުމުންނެވެ. ކުރިން އުފުލަން ނުޖެހޭ ތަކްލީފްތަކެއް އުފުލަންޖެހުމުންނެވެ. ވީމާ ތަންކޮޅެއް ފުންކޮށް ވިސްނައިލަން އެބަޖެހެއެވެ. ވެގެން މިއުޅެނީ ކިހިނަކުންކަން ދެނެގަންނަން މަސައްކަތްކުރަން އެބަޖެހެއެވެ.
ބޮޑެތި ބަދަލުތަކެއް މިވަނީ އައިސްފައެވެ. ދަތިއުނދަގޫ އެތައްކަމަކާއި މިއަދު މިވަނީ ކުރިމަތިލާންޖެހިފައެވެ. ވީމާ ވިސްނައިލަން މަސައްކަތްކުރަމާހެއްޔެވެ؟
ﷲ ތައާލާ ވަޙީކުރައްވަވާފަ އެއްވެސް އިންސާނަކަށް ނުވަތަ އިންސާނުންނަށް ނިޢްމަތެއް މިންވަރުކުރެއްވެވުމަށްފަހު ސަބަބަކާއި ނުލައި އެ ނިޢްމަތް އަނބުރާ ނުގެންދަވާ ކަމަށެވެ. ވީމާ ﷲ ތައާލާ ދެއްވެވި ނިޢްމަތެއް އަނބުރާ ގެންދަވައިފިނަމަ އެކަމަށް ސަބަބެއް ނުވަތަ ސަބަބުތަކެއް ހުންނާނެއެވެ.
ﷲ ތަޢާލާ އަހަރެމެންނަށް އަންގަވައިދެއްވަވަނީ އަހަރެމެންގެ ނިކަމެތިކަމެވެ. ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ކިތަންމެވަރަކަށް ކުރިއަރައިދިއަ ނަމަވެސް އެއްވެސް ކަމެއް ނުއެނގޭކަމެވެ. އެއްވެސް އާރެއް ބާރެއް ނެތްކަމެވެ. މުޅި ދުނިޔެ މިޙާލަތަށް ވެއްޓިގެން މިދިއައީ ލޮލަށް ވެސް ނުފެންނަ ކުޑަކުޑަ ވަރިރަސްއެއްގެ ސަބަބުންނެވެ! އެވައިރަސްގެ ސަބަބުން މުޅި ދުނިޔެ ދަތުރުކުރަމުން މިދަނީ ހައިހޫނުކަމާއިދިމާއަށެވެ! ނުހުއްޓުވުނެވެ. ފަރުވާއެއްވެސް ހޯދުނު ކަމަކަށް އަދިވެސް ނުވެއެވެ!
ނިކަންބުނެބަލާށެވެ! މިވަރުގެ ޢިބްރަތްތެރި ފިލާވަޅެއް ދެއްވެވުމުންވެސް އެއްވެސް ކަމެއް ދަސްވިކަމަށްވެއްޖެހެއްޔެވެ؟ ﷲ ތަޢާލާގެ މަގަށް އެބަ އެނބުރެވޭހެއްޔެވެ؟ ބަލިން ތިމާއަށް ސަލާމަތްކަން ލިބުނީތީ ނުވަތަ ތިމާގެ ފުރާނަ ނުގެންދަވާތީ އެއްވެސް ވަރަކަށް އެބަ ޝުކުރުވެރިވެވޭ ހެއްޔެވެ؟
ދުނިޔޭގެ އެންމެ ލޮލަށް ކަންތައްތަކެއް ދައްކަވައިފިއެވެ. ވޭންތަކެއް އުފުލަން އެންމެންނަށްވެސް ޖެހިއްޖެއެވެ. ބަނޑަށް އަސަރުތަކެއްވެސްކޮށްފިއެވެ. ހައިހޫނުކަންވެސް އިޙްޞާޞްކުރަން ޖެހިއްޖެއެވެ. މިހުރިހާ ކަންކަން އަމިއްލައަށް ތަޖުރިބާކުރެވެމުންދާއިރުވެސް ކަމެއް ވިސްނި ޢިބްރަތެއް ޙާޞިލުކުރެވުނީ ކިތައް މީހުންނަށްބާވައެވެ! ތައުބާވެވުނީ ކިތައް މީހުންނަށްބާވައެވެ! ނަމާދު ފުރިހަމައަށް އަދާކޮށް އަޅުކަންކުރުން އިތުރުކުރެވުނީ ކިތައް މީހުންނަށްހެއްޔެވެ؟
ނިކަން ބުނެބަލާށެވެ! ދުނިޔޭގެ ފަހުގެ ފެންނަން އޮތް ތާރީޚަށް ބެލިނަމަވެސް އެންމެ ގިނަ ބައަކަށް އެކަމުގެ އަސަރުކުރި ކަންކަން ހިނގައިދިއުމުންވެސް ﷲ ތަޢާލާގެ މަގަށް ރުޖޫޢަ ނުވެވިގެން، ތައުުބާނުވެވިގެން ތިއައުޅެނީ ތާޅަފިލީގެ އަޑު ނުއިވޭތީ ހެއްޔެވެ؟ ވިސްނާށެވެ! އަދިވެސް ވަގުތު އެބައޮތެވެ! ޙާލަތު ބަދަލުކުރުން އޮތީ ހަމަ އިންސާނުންގެ އަތްމަތީގައެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން