މީސްތަކުންގެ އަމަލުތަކަށް އަންނަމުންދާ ނުބައި އަމަލުތަކާއިއެކު ފިތުނަވެރިކަން މިދަނީ އިތުރުވަމުންނެވެ. ފިތުނަވެރިކަން މިވަނީ ޢާއިލާތަކުގައި ވެސް ވަކިހިއްޕާލައިފައެވެ. ދިރިއުޅޭ ގެތަކުގައި ހާލިހަދައިފައެވެ.
މިޙާލަތުގައި ކުރުން އެންމެ މުހިންމުކަމަކީ ޝައިޠޯނާއަށް އެކަންކުރަން ގެއަށް ނުވަދެވޭނެ ގޮތް ހެދުމެވެ. އެކަންކުރުމަށް އެންމެ ފަސޭހަ މަގަކީ ވީހައި ގިނަ މަލާއިކަތުން ގެއަށް ވެއްދުމެވެ. ދައުވަތުދީގެް ގެއަށް ގެނައުމެވެ.
އެކަން ކުރަން ކުރަންވީ ކަންތައްތައްވެސް އެނގެން އެބައޮތެވެ! ފުރަތަމަކަމަކީ ގޭގައި ޤަވާއިދުން ނަމާދުކުރުމެވެ. ފިރިހެނުން ޖަމާޢަތުގައި ނަމާދުކުރި ނަމަވެސް ސުންނަތް ނަމާދުތައް ގޭގައި ކުރުމެވެ. ގޭގައި ގިނަގިނައިން ޤުރްއާން ކިޔެވުމެވެ. އެކަންކަން ކުރާއިރު އަބަދުވެސް ގޭގައި މަލާއިކަތުން ތިއްބަވާނެތެވެ!
އެއްވެސް މީހަކު ނަމާދުކުރަނީ އެކަނިހުރެއެއް ނޫނެވެ! ނަމާދުކުރާއިރު އޭނާގެ ދެފަރާތުގައި މަލާއިކަތުން ތިއްބަވަތެވެ! ފަހަތުގައި ސަފުތަކަށް މަލާއިކަތުން ތިއްބަވަތެވެ. އެގެއަކަށް ގިނަގިނައިން މަލާއިކަތުން ވަދެވަޑައިގަންނަވާނަމަ އެގެއަކަށް ރަޙްމަތް އިތުރުކުރައްވަވާނެތެވެ. އެކަމަށް އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެތެވެ! އަދި އެފަދަ ގެއަކަށް ޝައިޠޯނުންނަކަށް ނުވަދެވޭނެތެވެ!
އަހަރެމެންނަށް ޝައިޠޯނުން ފައްސައި ނުލެވިދާނެއެވެ. ނަމަވެސް އެކަމުގެ ބާރު ﷲ ތަޢާލާ ވަނީ މަލާއިކަތުންނަށް ދެއްވަވައިފައެވެ. ވީމާ މަލާއިކަތުން މެދުވެރިކޮށް ޝައިޠޯނުންތައް ފައްސުވާލާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން