ނިކަމެތި މުސްކުޅި އަންހެނަކަށް އެހީތެރިވުމުން އޭނާ ކުރި ދުޢާއިން ޖެހިޖެހިގެން ވިހި އަހަރު ހިލޭ ޙައްޖަށް ދެވުނު މީހެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ނިކަމެތި މުސްކުޅި އަންހެނަކަށް އެހީތެރިވުމުން އޭނާ ކުރި ދުޢާއިން ޖެހިޖެހިގެން ވިހި އަހަރު ހިލޭ ޙައްޖަށް ދެވުނު މީހެއްގެ ވާހަކަ!

ދެވަނަ ޚުޠުބާގައި އަހަރެން މިކިޔައިދެނީ ﷲ ތަޢާލާއަށްޓަކައި މުސްކުޅި އަންހެނަކަށް އެހީތެރިވުމުން އޭނާކުރި ދުޢާއިން ޖެހިޖެހިގެން 20 އަހަރު އަމިއްލަ އަތުން އެއްވެސް ޚަރަދެއް ނުކޮށް އެހެން މީހުންގެ އެހީގައި ޙައްޖަށް ދެވުނު މީހެއްގެ ވާހަކައެވެ. 

އޭނާ ނިޞްބަތްވަނީ މިޞުރަށެވެ! ޙައްޖަށް އައިސް އުޅުމުގެ ތެރޭގައި މަދީނާއިން މައްކާއަށް އޭނާ ދަތުރުކުރީ ބަހެއްގައެވެ. ދަތުރުގެ ވަކިހިސާބަކުން އޭނާއަށް މަގުމަތިން ފެނުނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ފައިމަގުގައި މައްކާއަށް ދިއަ އަންހެނެކެވެ. އެވަގުތު އޭނާގެ ހިތަށް އެރިއެވެ. އެކަނި ޙާލަށް ހިނގަންވެސް އުނދަގޫ މިއަންހެންމީހާއަށް ފައިމަގުގައި މައްކާއަށް ދިއުން ވާނީ ވަރަށް ބޮޑު ތަކްލީފަކަށެވެ.  އަހަރެންނަކީ ޒުވާނެކެވެ. އަހަރެންނަށް ފައިމަގުގައި ދެވިދާނެއެވެ. 

ބަސްތައް ގިނަވެ މަގުމަތި ފުރިބާރުވެފައި އޮތުމުގެ ސަބަބުން ބަސް މަޑުކޮށްލި ވަގުތު ބަހުން ފުންމާލައިގެން ގޮސް އެ އަނހެން މީހާ ގާތު ޒުވާނާ ބުންޏެވެ. "މަންމާއެވެ! ބަހުގައި ހުރި އަހަރެންގެ ސީޓުގައި މަންމަ މައްކާއަށްދާށެވެ! އަހަރެން ހިނގާފައި ހިނގައިދާނަމެވެ!" 

އެވަގުތު އެއަންހެންމީހާއަށް އުފަލުން ރޮވުނެވެ. ކާކުކަންވެސް ނުއެނގޭ ޒުވާނަކު އޭނާއަށް ރަޙުމްކުރީތީއެވެ! ޒުވާނާގެ އެހީތެރިކަމާއިއެކު ބަހަށް އަރަމުން އެއަންހެން މީހާ ދުޢާކުރިއެވެ! އެޒުވާނާއަށް އަންނަ އަަހރުވެސް ޙައްޖުވުމުގެ ފުރުޞަތު ދެއްވެވުން އެދިއެވެ. އަދި އޭނާއަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިއެވެ. 

އެ ޒުވާނާ ދާދިފަހުން ބުނެފައިވެއެވެ. "އެއީ ކީއްވެގެންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! އަަހރެންނަށް އެނގޭ ކަމަކީ ފާއިއތުވި 20 އަހަރު ކޮންމެ އަހަރަކުވެސް ކޮންމެވެސް މީހަކު އަހަރެން ޙައްޖަށް ގެންދާ ކަމެވެ. އަހަރެން އެދިގެނެއް ނޫނެވެ. އެމީހުން އަމިއްލައަށް އެކަން ބޭނުންވެގެންނެވެ! އެމީހުންނަށް މަގުދައްކައި އެހީތެރިވާ މީހެއްގެ ގޮތުގައވެ!" 

- ޝައިޚް ނަވައިދު ޢަބްދުލްޢަޒީޒް މީގެ 5 އަހަރުކުރިން ދެއްވާފައިވާ ހުކުރު ޚުޠުބާއަކުން

މިއަދު އޮންލައިން