މީހަކަށް ލިބެން އޮތް ކުރިއެރުމަކަށް ހުރަސް އަޅަން މަސައްކަތްކުރުމަކީވެސް ހަމަ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މީހަކަށް ލިބެން އޮތް ކުރިއެރުމަކަށް ހުރަސް އަޅަން މަސައްކަތްކުރުމަކީވެސް ހަމަ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމެވެ!

ފައިސާއަށް ދަހިވެތިމީހުންނަކީ ސުވަރުގެ ލިބުން އެހައި ފަސޭހަބައެއް ނޫނެވެ! ދީލަތިވުމަކީ ސުވަރުގެ ވަނުމަށް ލިބޭ ތަޅުދަނޑިއެކެވެ. ތިބާއަށް ﷲ ތަޢާލާ ދެއްވަވަން ކަނޑައަޅުއްވަވާފައިވާ މިންވަރަށް ހަމަ ކޮންމެ ދުވަހަކުވެސް ލިބޭނެއެވެ. ވީމާ ކުޑަތަންކޮޅެއް އިތުރުކުރުމުގެ ދަހިވެތިކަމުގައި ވައްކަންކޮށް މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުން ފަދަ ކަންކަން ނުކުރާށެވެ! 

ދުނިޔޭގައި އުޅެންޖެހޭ ނިކަމެތިޙާލަތަކީ އެކަމުގެ ސަބަބުން ތިމާ ކުރާ ހެޔޮ ޢަމަލުތަކުން އުނިވާނެ ސަބަބެއް ނޫނެވެ! ނަމަވެސް މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެ ވައްކަންކުރުން ފަދަ ކަންކަން ކުރާމީހާ ކިތަންމެ ގިނައިން ހެޔޮޢަމަލުކުރިނަމަވެސް އެއިން ބަދަލުދީ ނިންމުމުން ބާކީ ތިމާއަށް އެއްވެސް މިންވަރެއް ނެތުމަކީ ވަރަށް ގާތްކަމެކެވެ. 

ބޮޑެތި ބިޔަފަރުބަދަތައްހައި ގިނަ އަޅުކަން ހިފައިގެން ޤިޔާމަތް ދުވަހު މަޙްޝަރަށްދާ އެތައްބައަކު މުފްލިސުންގެ ގޮތުގައި ނަރަކައަށް ވަންނަން ޖެހޭނެ ކަމުގެ ވާހަކަ ރަސޫލް (ޞޢވ) ޙަދީޘްފުޅުކުރައްވަވާފައިވާކަން އަހަރެމެން އެންމެންނަށްވެސް އެބަ އެނގެއެވެ. ހިތާމައަކީ އެކަންކަމަށް ވިސްނައި ނުލެވޭ ކަމެވެ. ފޫނެތް ޖާޑިއަކަށް ފެންއަޅައި ފުރާ ފަދައިން ޢަމަލުތައް ކުރެވެމުން އަންނަކަމެވެ. 

މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުގެ މާނައަކީ ހަމައެކަނި މީހެއްގެ މުދަލަށް އަރައިގަތުމެއް ނޫނެވެ. އެވެސް މީހަކަށް ލިބެން އޮންނަ ކުރިއެރުމަކަށް ނުވަތަ ކާމިޔާބީއަކަށް ހުރަސްއެޅުމަކީވެސް ހަމަ އެހެން މީހެއްގެ ޙައްޤުތަކަށް އަރައިގަތުމެވެ. މީހުންގެ ޒާތީ ކަންކަމާއިބެހި ފަޟީހަތްކުރުމަކީވެސް ހަމަ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމެވެ! ވީމާ އާޚިރަތް ލިބެން އެދޭމީހާ މިކަންކަމަށް ސަމާލުކަން ދިނުމަކީ ހަމަ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން