ކާކުކަން ނޭނގޭ މީހުން ދޭ މަޝްވަރާއަށް އަމަލުކުރުމުން ކައިވެނިތައް ރޫޅުން ގިނަވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކާކުކަން ނޭނގޭ މީހުން ދޭ މަޝްވަރާއަށް އަމަލުކުރުމުން ކައިވެނިތައް ރޫޅުން ގިނަވޭ!

ދިރިއުޅުމުގައި ދިމާވާ ކަންކަމަށް މަޝްވަރާކުރަންވާނީ އެކަންކަމުގެ ތަޖުރިބާ ލިބިފައިވާ އަދި ﷲ ތަޢާލާއަށް ތެދުވެރި ތަޤްވާވެރިންނާއިއެވެ. އެކަމަށް ސަމާލުކަން ނުދީ މީސްމީހުންނާއި މަޝްވަރާކުރުމުން ކަންކަން ޙައްލުވުމުގެ ބަދަލުގައި ކަންކަން ދަނީ ގޯހުން ގޯހަށެވެ. ޙައްލުކުރެވޭނެ ފެންވަރުގައި ހުންނަ މައްސަލަތައްވެސް ހޫނުވެ އޮންނަނީ ވަރިއާއި ހަމައަށް ކަންކަން ގޮސްފައެވެ. 

މިހާރަކަށް އައިސް ހުސްވަގުތެއް ލިބުމުންނާއި ހުސްވަގުތު ހޯދައިގެންވެސް ގިނަ ބައަކު ވަގުތު ހޭދަކުރަނީ ފޭސްބުކް ފަދަ ސޯޝަލް މީޑިއާގައި މީސްމީހުންނާއި މަޝްވަރާ ކުރުމަށެވެ. މިގޮތުން އެމީހަކު އެއްގޮތަކަށްވެސް ނުދަންނަ ގިނަ ބައަކާއިވެސް މަޝްވަރާ ކުރެއެވެ. 

އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ނުވެސް ދަންނަ މީހަކު ކޮންމެފަދަ ލަފައެއްވެސް ދީފާނެއެވެ. އެކަމަކުން އަނެކާއަށް ލިބިދާނެ ގެއްލުމަކަށް ނުވިސްނާނެއެވެ. ވިސްނި ނަމަވެސް ތިމާ ދަންނަ، ހެޔޮ ލަފާ މީހުން ވިސްނާ ވަރަކަށް ނުވިސްނާނެއެވެ. ވީމާ ކަންކަމުގައި މަޝްވަރާ ކުރަން އެންމެ ރަނގަޅީ އެމީހަކު ރަނގަޅަށް ދަންނަ ހެޔޮ ލަފާ މީހުންނާއިއެވެ. ޚާއްޞަކޮށް މޫނާއި މޫނު ދިމާކޮށްގެން ތިބެއެވެ. 

ފުރުޞަތުތައް ހުޅުވާލެވިފައި މިވާ ދުނިޔޭގައި ސޯޝަލް މީޑިއާ ބޭނުން ނުކޮށް އުޅުމަކީ ކުރަން އެހައި ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ރަނގަޅު ކަންކަން ކުރުމަށް، އިސްލާމް ދީން ހުއްދަކުރާ ކަންކަން ކުރުމަށް ސޯޝަލް މީޑިއާ ބޭނުންކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ހަމަ ބޭނުންކުރަންވީއެވެ. މައްސަލައަކަށްވެގެންދަނީ ސޯޝަލް މީޑިއާ ބޭނުން ކުރެވޭ ގޮތެވެ. ބަދަލުކުރަން ޖެހިފައި މިވަނީ ދިރިއުޅެން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރުން ކަމަށް ދެކޭ ދެކުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން