ދަރިންގެ ހިތުގަ ނަމާދަށް ލޯބި ޖައްސުވަން ކޮންމެހެން ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ދަރިންގެ ހިތުގަ ނަމާދަށް ލޯބި ޖައްސުވަން ކޮންމެހެން ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން!: މުފްތީ މެންކް

ނަމާދަށް ބަންގިގޮވާއަޑުއިވުމުން ބައެއް މީހުން ނަމާދަށް ދިއުމަށް ކަންނެތްވެއެވެ. އަނެއް ބައަކު މިސްކިތުގައި ތިއްބައި ޤަމާތް ދިނުމުން ނަމާދަށް ތެދުވަން ކަންނެތްވެއެވެ. އެފަދަ މީހުން ނަމާދަށް ތެދުވެ ތިބިނަމަވެސް ތިބޭނީ ކަންނެތްކަމުގައެވެ. ނަމާދުކުރާނީ ކުރާހިތަކުންނޫނެވެ. މަޖުބޫރުވާތީ ކުރާ ކަމެއްގެ ގޮތުގައެވެ. މިފަދަ ކޮންމެ ކަންނެތްކަމަކީ މުނާފިޤުންގެ ޢަލާމާތެކެވެ. 

ﷲ ތަޢާލާ ވަނީ މިކަންކަމުގެ ވާހަކަތައް ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވައިފައެވެ. ވީމާ މިކަންކަމަކީ އެއްވެސް މީހަކު އެއްވެސް ވަރަކަށް ޝައްކުކުރަން ޖެހޭ ކަންކަމެއް ނޫނެވެ. 

ނަމާދާއިމެދު މިފަދައިން ޢަމަލުކުރާ މީހުންގެ ދަރިންނަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. ނަމާދާއިމެދު މައިންބަފައިންގެ ކިބައިން ފެންނަ ކަންކަން އެކުދިން ދެނެގަނެއެވެ. އަދި އެކުދިންނަށްވެސް އެގޮތްތައް ދަސްވެއެވެ. ވީމާ މިއީ ހަމަ ކޮންމެ ބެލެނިވެރިއަކުވެސް ވަރަށް ބޮޑަށް އިތުރަށް ވިސްނަން ޖެހިފައިވާ ކަންކަމެވެ. 

ނަމާދަށް ގޮވައިލެވޭއަޑުއިވުމުން ނަމާދަށް އަވަސްވެގަންނަކަން ކުދިންނަށް އަންގާށެވެ! އުފާވެރިކަމާއިއެކު ހިނިތުންވެހުރެ ނަމާދުކުރުމަށް ކުރިމަތިލާށެވެ! އެއިރުން ކުދިންނަށްވެސް ދާނީ އެގޮތް ދަސްވަމުންނެވެ. އަދި ކުދިންގެ ހިތްތަކުގައި ދާނީ ނަމާދަށް ލޯބިއިތުރުވެ ނަމާދަށް ޝައުޤުވެރިކަންވެސް އިތުރުވަމުންދާނެއެވެ. 

މިހާރަކަށް އައިސް ބައްދަލުވުންތަކާއި މަސައްކަތްހުންނަގޮތުން ބައެއް ފަހަރު "މިސްކިތަށް ގޮސްލާފައި ނުވަތަ ނަމާދުކޮށްލައިގެން ވަރަށް އަވަހަށް އެބަ އަންނަން ކަމަށް ބުނެވެއެވެ! މިއީ ހަމަ އެއްގޮތަކަށްވެސް ދުލުން ބުނެގެންވާނެ ބަހެއް ނޫނެވެ! އެބަހުން ވެސް އެނގިގެންދަނީ ތިބާ ނަމާދުކުރުމުގައި އަވަސްއަރުވާލައިގެން ނަމާދުކުރާނެ ކަމެވެ! އެއީ ބޮޑުވެގެންވާ ފާފައެކެވެ. ވީމާ އެފަދަ ބަހެއް ބުނުމަކީވެސް ހަމަ ވަރަށް ބޮޑު ފާފައެކެވެ. 

ޙާލަތުމެދުވެރިވާ ގޮތަކުން ނުވަތަ ދިމާވާ ކަމަކުން ކޮންމެ ނަމާދަކަށް އެއްވަރަކަށް ވަގުތު ނުދެވިދާނެއެވެ. ނަމަވެސް އެއިގެ މާނައަކީ އަވަސްއަރުވައިލުމުގެ ނިޔަތް ބޭއްވުމެއް ނޫނެވެ. ކިތަންމެ ވަގުތު ނެތި ނަމާދުކުރިނަމަވެސް ނަމާދު ނަމާދަކަށްވާނީ އެ ނަމާދެއް ފުރިހަމަކުރުމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން