މިޒަމާނުގައި ކަންކަން ހިނގަމުންދާގޮތަށްބަލާއިރު ލޯބީގެ ވާހަކަތައް ދެއްކުމާއި އަދި ލޯބިވާކަން ހާމަކުރުން ވެފައި އޮންނަނީ ކައިވެނީގެ ކުރިން ކުރާކަމަކަށެވެ! ކައިވެނިކުރުމަށްފަހު އެބާވަތުގެ ވާހަކަތައް ދެއްކުން އޮންނަނީ މަދުކުރެވިފައެވެ. ދުވަސްކޮޅެއްފަހުން ލޯބިވާކަން ހާމަކޮށް ބަސް ބުނުން އޮންނަނީ ހަމައެކަނި ވަކި ދުވަސްތަކަކު ކުރާކަމަކަށް ހަދައިފައެވެ.
މިއީ މިކަން އޮންނަންވީ ގޮތެއް ނޫނެވެ. އެކަކު އަނެކަކު ދެކެ ލޯބިވާކަން ހާމަކުރަން ވަކިއުމުރެއް ނެތެވެ! އެއީ އަބަދުވެސް ކުރަމުން ގެންދަން ޖެހޭނެ ކަމެކެވެ. ދިރުވައި އާލާކުރަމުން ގެންދަން ޖެހޭ ކަމެކެވެ. އެކަމުގައިވެސް ރަސޫލް (ޞޢވ) ވަނީ އުންމަތަށް ނަމޫނާ ދައްކަވައިފައެވެ.
ޢާއިޝަތުގެފާނުގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައިވަނީ ރަސޫލް (ޞޢވ) ޢައިޝަތުގެފާނާއި ކައިވެނިބައްލަވައިގެން އުޅުއްވަމުން އެކަމަނާދެކެ ލޯބިފޅުވެވަޑައިގަންނަވާކަމަށް ހަދީޘްފުޅު ކުރައްވަވާ ކަމަށާއި އަދި ދުވަހަކުވެސް ވަރިނުކުރައްވަވާނެ ކަމަށް ޙަދީޘްފުޅު ކުރެއްވެވި ކަމަށެވެ.
މިކަމުން އެނގިގެން މިދަނީ ކައިވެނިކޮށްގެން ކިތަންމެ ގިނަ ދުވަހަކު އުލުނު ނަމަވެސް، ޢުމުރުން ކިތަންމެ ދޮށިވީނަމަވެސް އެކަކު އަނެކަކު ދެކެ ލޯބިވާކަން ހާމަކުރަންޖެހޭނެ ކަމެވެ. އަދި ވަކިނުވެ އެކުގައި ދިރިއުޅޭނެ ކަމުގެ ވައުދު ތަކުރާރުކުރަންޖެހޭނެ ކަމެވެ.
ހަމައެއާއިއެކު ސަމާލުކަންދޭންވީ ކަމަކީ ދުލުން މިފަދަ ބަސްބުނުމަކުން އެކަނި ނުފުދޭނެ ކަމެވެ. ރަސޫލް (ޞޢވ) ޢަމަލުފުޅު ކުރެއްެވިފަދައިން ޢަމަލުކުރަންވެސް ޖެހޭނެ ކަމެވެ. ދިރިއުޅުމުގެ ކަންކަމުގައި ބައިވެރިވެ އެކަކު އަނެކަކަށް އެހީތެރިވެދޭންޖެހޭނެ ކަމެވެ. އިޚްލާޞްތެރިކަމާއި ވަފާތެރިކަން އިސްކުރަންޖެހޭނެ ކަމެވެ.
- ޑރ، ޔާސިރު ޤާދީގެ ދަރުސަކުން