"އަލަފް" ގެވިސްނުން: ހިޖުރީ އާއަހަރަށް ކުރިމަތިލާން އަޅުކަން ދެގުނައަށް އިތުރުކުރަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
"އަލަފް" ގެވިސްނުން: ހިޖުރީ އާއަހަރަށް ކުރިމަތިލާން އަޅުކަން ދެގުނައަށް އިތުރުކުރަމާ!

ހިޖުރައިން 1441 ވަނަ އަހަރު ނިމި 1442 ވަނައަހަރަށް ފެށުނީއެވެ. ނިމިގެން ދިއަ އަހަރަކީ ފަހުގެ ތާރީޚުގައި ދުނިޔެއަށް ކުރިމަތިވި އެންމެ ހިތްދަތި އަހަރުކަމުގައިވެދާނެއެވެ. އެންމެ ގިނަ ކާރިސާތައް ކުރިމަތިވި އަހަރުކަމުގައިވެދާނެއެވެ. އަދި އެއް ބައްޔެއްގައި އެންމެ ގިނަ ބައަކު މަރުވި އަހަރުކަމަށްވެސްވެދާނެއެވެ. އަދި އެއްބައްޔެއްގެ ނުރައްކާ ދުނިޔޭގެ އެންމެ ގިނަބައަކަށް ކުރިމަތިވި އަހަރުކަމަށްވެސްވެދާނެއެވެ! މާލީ ގޮތުން އެންމެ ބޮޑު ނުތަނަވަސްކަމެއް ލިބުނު އަހަރު ކަމަށާއި ދުނިޔޭގެ އެންމެ ގިނަބައަކު އިންތިހާއަށް ކަންބޮވާންޖެހި ޙާލުގައި ޖެހުނު އަހަރުކަމުގައިވެްވެދާނެއެވެ! 

މިހުރިހާ ކަންކަންވެސް ﷲ ތަޢާލާ މިންވަރުކުރެއްވެވީ މުޅި ދުނިޔެއާށް ވަރުގަދަ އިންޒާރެއްގެ ގޮތުންކަމަށްވެސްވެދާނެއެވެ. ބާރުގަދަ މެސެޖެއްގެ ގޮތުން ކަމަށްވެސްވެދާނެއެވެ. އެމެސެޖަކީ "ތިމަން ﷲ ތިއަބައިމީހުންނަށް ނިޢްމަތްތައް މިންވަރުކުރެއްވެވުމުން ތިއަބައިމީހުންނަކީ މާބާރުގަދަ ނުވަތަ އެއްވެސް ބާރެއްހުރި ބައެއް ކަމަށް ހީނުކުރާށެވެ. ކިތަންމެ ކުޑަކުޑަ ކަމަކުންވެސް މުޅި ދުނިޔެއަށް ނިކަމެތިކަން ދެއްވެވުމުގެ ކުޅަދާނަކަން ތިމަން ﷲ އަށް ލިބިވޮޑިގެންވެއެވެ!" ކަމުގައިވެސް ވެދާނެއެވެ! 

ނިމިގެންދިއަ ހިޖުރީ އަހަރަށް ބަލައިފިނަމަ ފެނިގެންދިއަ އެންމެ ބޮޑު އެއް ޙަޤީޤަތަކީ އެ އަހަރަކީ ތިމާމެންނަކީ އެންމެ ބާރުގަދަ، ބޭނުންކޮންމެ ކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ދުނިޔޭގެ ވެރިކަމަށް ދައުވާކުރަމުން އައި ވެރިންތައް ކުޑަކަކޫ ޖެހިގެންދިއަ އަހަރުކަމެވެ. މާޔޫސްވެ އިނދަޖެހިގެންދިއަ އަހަރުކަމެވެ. 

ފެނިގެންދިއަ ކަންކަން ވަރަށް ގިނައެވެ. ޢިބްރަތް ޙާޞީލުކުރަންޖެހޭ ކަންކަން ވެސް ވަރަށް ގިނައެވެ. ވީމާ މިއީ މާގިނަ ވާހަކަތައް ދައްކައި ބަހުސްތައް ކުރަން ވަގުތުތައް ބޭކާރުކުރަންވީ ވަގުތެއް ނޫނެވެ. ކުރަން އަވަސްވެގަންނަންވީ ކަންތައްތައް އޮތީ ހާމައަށް ފެންނާށެވެ! އެއީ ތަޤްވާވެރިކަން އިތުރުކޮށް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އިތުރުކޮށް އަޅުކަންކުރުން ގިނަކުރުމެވެ.

- "އަލަފް" ގެވިސްނުން

މިއަދު އޮންލައިން