ނިދީން ހޭލެވުމުން ފުރަތަމަކަމަކަށް މިހާރު އެންމެ ގިނަ މީހުން ކުރާނެ ކަމަކީ ފޯނަށް އައިސްފައިހުންނަ މެސެޖުތައް ކިޔުމާއި މެސެޖުތަކަށް ޖަވާބުދިނުމާއި ގުޅި މީހުން ބެލުމާއި އެމީހުންނަށްގުޅުން ފަދަ ކަންކަމެވެ. އަނެއްބައަކު އަވަސްވެގަންނާނީ ދުންފަތުގެ އިސްތިޢްމާލް ކުރުމަށެވެ. ނުވަތަ އެމީހަކު އެންމެ ކުރަން ދެވިހިފާފައި ހުންނަ ކަމެއް ކުރުމަށެވެ.
މިކަންކަން މިފަދައިން ކުރާއިރު ނިދިން ހޭލެވުމަކީ ކިހައިވަރެއްގެ މުހިންކަމެއްކަމާއިމެދު ވިސްނައިލެވެނީ ވަރަށް މަދުމީހަކަށެވެ. ނިދީގައި ތިމާގެ އަތުން ބީވެގެންދާކަމެވެ. ފުރަނަ ހަށިގަޑުގައި ހުރިނަމަ ރޫހާނި ގޮތުން ދެތަންގެންދާކަމެވެ. އެހެންކަމާއިއެކުވެސް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތަށް ޝުކުރުެރިއެއް ނުވެއެވެ. އަދި ނިޢްމަތެއް ދެއްވެވިކަންވެސް ޤަބޫލެއް ނުކުރެވެއެވެ. ޤަބޫލުކުރަނީ އެއީ ހަމަ އޮޓޮމެޓިކުން މެދުވެރިވާ ކަންކަން ކަމަށެވެ.
އަވަހާރަފުޅުން ހޭފުޅުލެއްވެވުން ރަސޫލް (ޞޢވ) ދެކެވަޑައިގެންފައިވަނީ ވަރަށް ބޮޑު ނިޢްމަތެއްގެ ގޮތުގައެވެ. އެހެންކަމުން ރަސޫލް (ޞޢވ) އަށް ހޭފުޅުލެއްވެވުމާއިއެކު ފުންމައިގެން ތެދުވެވަޑައިގަންނަވައެވެ. މާނައަކީ ތެދުވެވަޑައިގަތުމަށް އަވަސްވެވަޑައިގަންނަވައެވެ. އަދި ތެދުވެވަޑައިގެންނެވުމާއިއެކު އަލުނޖް ދިރުން ދެއްވެވިކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރު ދަންނަވައި ޙަމްދުކުރައްވަވައި ދުޢާކުރައްވަވަތެވެ!
އެއީ އިތުރު އެންމެ ދުވަހަކަށް ނުވަތަ ހިނދުކޮޅަކަށްނަމަވެސް ދުނިޔޭގައި ލަހައްޓަވައިދެއްވެވީތީއެވެ. ﷲ ތަޢާލާއަށް އެންމެ އަޅުކަމެއް ނަމަވެސް އިތުރަށް އަޅުކަމެއް ކުރައްވަވާނެ ފުރުޞަތު ﷲ ތަޢާލާ ދެއްވެވީތީއެވެ. އެހެންވެ އަވަސްވެވަޑައިގަންނަވަނީ ސިވާކުން ދަތްޕުޅު އުނގުޅުއްވެވުމަށެވެ. އެއަށްފަހު ވުޟޫކުރައްވަވައި ނަމާދުކުރެއްވެވުމަށް އަވަސްވެވަޑައިގަންނަވައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސކުން