މުޖުތަމައުތަކުގައި އަދި ފަރުދުންގެ މެދުގައިވެސް މިއަދު އެންމެ ގިނަ މައްސަލަތައް އުފެދި މީސްތަކުން މާޔޫސްވެ ބަލިކަށިވަމުން މިދަނީ ﷲ ތަޢާލާގެ މިންވަރުފުޅަށް އިތުބާރުކުރުމުގެ ކުޅަދާނަކަން ކުޑަވަމުންދާތީއެވެ. ޤަޞްދުގައި ތިމާކުރި ކަމަކުން ކުރިމަތިވި ކަމެއް މެނުވީ އެހެން ކޮންމެ ކަމެއް ކުރިމަތިވުމުގައިވެސް ތިމާގެ އެއްވެސް އަމިއްލަ ބާރެއް ނެތްކަން ޤަބޫލުކުރެވެނީ މިއަދު ވަރަށް މަދު މީހަކަށެވެ.
މިސާލަކަށް އިންސާނާއަށް ﷲ ތަޢާލާ ދެއްވެވި އިޚްތިޔާރުގެ ތެރެއިން ވަޅިއެއް ނަގައި އަނެއް އަތުގައި އަޅައި ކަނޑާލައިފިނަމަ އެއީ އެމީހަކު އަމިއްލައަށް ލިބިގަތް އަނިޔާއެކެވެ. ނަމަވެސް ދިމާވާ އެކްސިޑެންޓެއްގައި ތިމާގެ އެއްވެސް ބާރެއް ނެތި އެފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އެއީ ﷲ ތަޢާލާ މިންވަރުކރެއްވެވި ކަމެކެވެ.
ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ކަމަކާއިމެދުވެސް މިމޭރުމުން ފިކުރުކުރާށެވެ! އެހާލަތު މިންވަރުކުރެއްވެވި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! އަދި އެހާލަތަކުން އަރައިގަނެވުން ވަނީވެސް ހަމަ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންކަން ޔަޤީންކުރާށެވެ!
ކުރިމަތިވާ މައްސަލަތަކާއި ދަތިތަކުން އަރައިގަތުމަށްޓަކައި އެންމެ މުހިންމު ކަމަކީ ﷲ ތައާލާއަށް ވަކީލުކުރުމުގެ ބާރު އެމީހަކަށް ލިބިފައިވުމެވެ. އެބާރު އެކި މީހުންގެ ކިބައިގައި ހުންނާނީ އެކިވަރަށެވެ. އެބާރުލިބުންވަނީ އެމީހާގެ ކިބައިގައި އީމާންކަން ހުންނަ މިންވަރެއްގެ މައްޗަށެވެ. ވީމާ ﷲ ތަޢާލާގެ މިންވަރުފުޅަށް އިތުބާރުކުރުމުގެ ކުޅަދާނަކަން ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! އއަދި އެބާރުލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!
އެކަން ޙާޞިލުކުރެވޭނީ ފާފަކުރުމުން މީހާ ދުރުހެލިވެ ހެޔޮ ޢަމަލުކުރުން ގިނަކުރި މިންވަރެއްގެ މައްޗަށެވެ.
"ޔާ ﷲ! އިންބަ ﷲ ގެ މިންވަރުފުޅަށް ވަކީލުކޮށް އިތުބާރުކުރުމުގެ ބާރު މިއަޅާއަށް މިންވަރުކުރައްވަވާނދޭވެ! އިނބަ ﷲ މިންވަރުކުރެއްވެވި ކަމަކުން މެނުވީ މިއަޅާއަށް އެއްވެސް ރަޙްމަތެއް ނުވެއެވެ. މިއަޅާއަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނދޭވެ!" އާމީން މިފަދަ ޢިބާރާތްތަކުން ގިންގިނައިން ދުޢާކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން