ކޮންމެ ރަމަޟާން މަހެއް ނިމުން ކުރީއަހަރު ނުކުރެއްވި އޮތް އިތުރު އަޅުކަމެއް ކުރައްވަވަން ޞަޙާބީން މަސައްކަތްކުރެއްވެވިއެވެ. ކުރީ އަހަރަށްވުރެ ތަޤްވާވެރިކަން އިތުރުކުރައްވަވަން ގަދައަޅުއްވަވައި މަސައްކަތްކުރައްވަވައެވެ.
އެހެނީ ރަމަޟާން މަހަށްފަހު އެހައިތަނަށް ކުރިން ނުކުރެވި އޮތް ހެޔޮ އަމަލެއް ކުރެވެން ފެށުމަކީ އެމީހަކަށް ރަމަޟާން މަސް ކާމިޔާބުކުރެވުނުކަމުގެ ހެއްކެއް ކަމަށް ފުދޭތީއެވެ!
މިއަހަރުގެ ރަމަޟާން މަހަށްފަހު އިތުރު އަޅުކަމެއް ކުރަން މިހައިތަނަށް ނުފެށި ތިބި މީހުން އެފަދަ ކަމެއް ފެށުން އަވަސްކުރާށެވެ! ހިޖުރީ އައު އަހަރުގެ ފެށުމަކަށްވެސް އެއީ ކުރަން ފައިދާހުރިކަމަކަށްވާނެއެވެ. މިހާރު ހުރި ހާލަތުން މަތީ ޙާލަތަށް ހިޖުރަކުރުމަކީ ހުރިހައި ގޮތަކުންވެސް ވަރަށް މަތިވެރިކަމަކަށްވެގެންދާނެއެވެ. އެއަށްވުރެ މަތިވެރިވެގެންވަނީ ކޮންކަމެއް ހެއްޔެވެ؟
ދުނިޔަވީ ނަޒަރަކުން ކަންކަން ބަލާ މީހުންނަށް އެއްދުވަހަށްވުރެ އަނެއް ދުވަސް ކާމިޔާބުވުމަކީ ކުރީދުވަހަށްވުރެ އަނެއްދުވަހު އެމީހާގެ އަތުގައި ހުންނަ ފައިސާގިނަވުމެވެ. ނަމަވެސް އާޚިރަތް ދުވަހާއިމެދު ވިސްނާ މީހާއަށް އެއްދުވަހަށްވުރެ އަނެއްދުވަސް ކާމިޔާބު ކުރެވުމަކީ ކުރީ ދުވަހަށްވުރެ ގިނަ އަޅުކަން އެދުވަހު ކުރެވުމެވެ. ވީމާ މަސައްކަތްކުރަންވީ ކޮންމެ ދުވަހަކީވެސް ކުރީ ދުވަހަށްވުރެ ގިނައިން އަޅުކަންކުރެވޭދުވަހަކަށް ހެދުމަށެވެ.