"ޔާ ﷲ! ދުނިޔެއަށް އަޅަމެން ފޮނުއްވެވީ އަޅަމެންގެ އެއްވެސް ބާރެއް ނެތިއެވެ. ދުނިޔެއިން ނުކުމެގެން ދާންޖެހެނީވެސް ހަމަ އެއްވެސް ބާރެއް ނެތިއެވެ. އަޅަމެންނަށް ފުރާނަ ދެއްވަވަނީ ވެސް އަދި އެފުރާނަ އަނބުރައި ގެންދަވަނީވެސް ހަމަ އިނބަ ﷲ އެވެ!
އަޅަމެންގެ ފުރާނައިގެ މައްޗަށް ކޮރޯނާއަށްވެސް އަދި އެހެން ރޯނާއަކަށްވެސް އެއްވެސް ބރެއް ނެތެވެ! ކޮވިޑަށްވެސް އެހެން ވިޑަކަށްވެސް އެއްވެސް ބާރެއް ނެތެވެ!
ޔާ ﷲ! އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! ކޮރޯނާ އާއި އެހެންވެސް މުޞީބާތްތަކުން އަޅަމެންނަށް ސަލާމަތްކަން މިންވަރުކުރައްވަވައިދެއްވަވާނދޭވެ! ދުނިޔޭގައި ހުރުމަށްވުރެ އަޅަމެންނަށް ފައިދާކުރާނީ ދުނިޔޭގައި ނެތުން ކަމަށްވެ އަޅަމެންގެ ފުރާނަ ގެންދެވި ނަމަވެސް އިނބަ ﷲ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ ފުރާނަ ނުގެންދަވާނދޭވެ! އަޅަމެންނަށް ފައިދާކުރާނީ ދުނިޔޭގައި ތިބުމުންކަމަށްވެ އަޅަމެން ދުނިޔޭގައި ބައިތިއްބަވާނަމަ އަޅަމެންގެ ހިތްތަކުގައި ތަޤްވާވެރިކަން އިތުރުކުރައްވަވައި ހިތްހަމަޖެހުން މިންވަރުކުރައްވަވާނދޭވެ!" އާމީން
މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ! ހަމައެއާއެކު މިފަދަ ދުޢާތައްވެސް ކުރާށެވެ! އެހެނީ ހަސަދަވެރިކަމުގެ ނުބައި އަލިފާން މިއަދު މިވަނީ މުޅި ދުނިޔެއަށް ޢާންމުވެ ފެތުރިފައެވެ.
"ޔާ ﷲ! އަޅަމެންގެ ތެރެއިން ގިނަބައެއްގެ ހިތްތައް ވަނީ ހަސަދަވެރިކަމުން ފުރިފައެވެ. އެމީހުންގެ ހިތުގައިވާ ހަސަދަވެރިކަމުގެ ނުބައިކަމުން އަޅަމެން ސަލާމަތްކުރައްވަވައިދެއްވަވާނދޭވެ! އެމީހުންގެ ހިތުގައިވާ ހަސަދައިގެ އަލިފާނުން އަނދާބައަކު ކަމުގައި އަޅަމެން ނުލައްވަވާނދޭވެ!" އާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން