ޙައްޤުމަގުގަ ސާބިތުވުމަށް ނަޞޭހަތްދިން ބޮޑު ވަގަކަށް އެކަމުގެ ސަބަބުން ސުވަރުގެ ލިބުނުކަމުގެ ކަމުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ޙައްޤުމަގުގަ ސާބިތުވުމަށް ނަޞޭހަތްދިން ބޮޑު ވަގަކަށް އެކަމުގެ ސަބަބުން ސުވަރުގެ ލިބުނުކަމުގެ ކަމުގެ ވާހަކަ!

މިއީ މަޝްހޫރު ބޮޑުވަގެއްގެ ވާހަކައެވެ. އިމާމް އަޙްމަދު ބުނު ހަންބަލް އާއި ޖަލުގައި ބައްދަލުވެ، ޖަލުގައި ކުރަމުން ގެންދިއަ އަނިޔާތަކަށް ކެތްތެރިވެ ސާބިތުވެވަޑައިގަތުމަށް ހިތްވަރުދިން ވަގެއްގެ ވާހަކައެވެ. އެކަމުގެ ސަބަބުން އޭނާއަށް ސުވަރުގެ ލިބުނު ގޮތުގެ ވާހަކައެވެ. ޝައިޚް މޫސާ އަންވަރު ހަސަން މިއަދުނޫހާއި ހިއްޞާކުރައްވާފައިވާ މިލިޔުއްވުމަކީ ހަމަ ކޮންމެ މީހަކަށްވެސް ވަރަށް މުހިންމު ޢިބްރަތަކަށްވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. 

ޙައްޤުގެ މަގުގައި ޘާބިތުވުން

އަލްއިމާމު އަޙްމަދު ބުނު ޙަންބަލް ޖަލުގައި މުޖުރިމުންގެ ބަޔަކާއިއެކު އިންނެވިއެވެ. އެ މުޖުރިމުންގެ ތެރޭގައި ވަރަށް މަޝްހޫރު ވަގަކު ވެސް އިނެވެ. މީނަ އަލްއިމާމު އަޙްމަދު ބުނު ޙަންބަލްއަށް އަށް އިޙްތިރާމްކޮށް އެކަލޭގެފާނަށް ގަދަރު ކުރެއެވެ. އަދި އެކަލޭގެފާނަށް ލިބެމުންދާ އަނިޔާތަކާއި މެދު އޭނާގެ ހިތުގައި އޯގާތެރިކަމާއި ޙަމްދަރުދީ އުފެދިފައިވެއެވެ. 

އެއްދުވަހަކު މީނާއަށް އަލްއިމާމު އަޙްމަދު ބުނު ޙަންބަލް ހަށިކޮޅުގައި ހުރި ފާރުތަކުގައި ވޭން އަޅާތީ އުޅުއްވާ މަންޒަރު ފެނި އަރިހަށް ގޮސް ސިއްރު ސިއްރުން ދެންނެވިއެވެ. އެމީހުން ކަލޭގެފާނަށް ވަރަށް އަނިިޔާކޮށް ހަދާ އެހެންނޫންތޯއެވެ. 

އޭ ސާހިބާއެވެ. އެމީހުން އަޅުގަނޑަށް ވަރަށް ގިނައިން އަނިޔާކޮށް ހަދައެވެ. އެއީ ތިމަން ކުރާ ވައްކަމާއި އެނުންވެސް ކުށްތަކުގެ ސަބަބުންނެވެ. ތިމަން ދުވަހަކު ވެސް އެމީހުންގެ ކުރިމަތީގައި ކުށަށް އިޢުތިރާފެން ނުވަމެވެ. އެމީހުންގެ އެތިފަހަރުތަކަށް ތިމަން ކެތްތެރިވަމެވެ. ތިމަން އެކަން އެގޮތަށް ކުރަނީ ތިމަން ބާޠިލް ގޮތުގައި ހުރެއެވެ.

ކަލޭގެފާނު ޙައްޤު ގޮތުގައި ހުންނަވައި ބަލިކަށިވެވަޑައިގަންނަވަނީތޯއެވެ. އޭ ސާހިބާ އެވެ. ބަލިކަށިވެވަޑައި ނުގަންނަވާށެވެ. ބާޠިލްގެ އަހުލުވެރިންނަށްވުރެ ޙައްޤުގެ އަހުލުވެރިންގެ ކެތްތެރިކަން ބޮޑުވާނެއެވެ. 

އޭގެ ފަހުން އަލްއިމާމު އަޙުމަދު ބުނު ޙަންބަލް ޖަލުގައި ހޭދަ ކުރެއްވި ހުރިހާ މުއްދަތެއްގައި ލިބެމުން ދިޔަ އަނިޔާ ތަކަށް ކެތްތެރިވެވަޑައިގަތެވެ. ބަލިކަށިކަން ހިތްޕުޅަށް ވެރިވާ ކޮންމެ ފަހަރަކު ވަގުކަލޭގެ ދެއްކި ވާހަަކައިގެ މަތިން ހަނދުމަފުޅުވެ ލިބެމުންދާ  އަނިޔާއަށް ކެތްތެރިވެވަޑައިގަތެވެ.

ފިތުނައިގެ ދުވަސްތައްކާއިި ލޭ އޮހުރުވުންނިމި، އިމާމު އަޙްމަދު ބުނު ޙަންބަލު ވެސް ޖަލުން މިނިވަން ވެވަޑައިގަތެވެ. ޖަލުން މިނިވަން ވެވަޑައިގެން ހަށިކޮޅަށް ލިބިފައިވާ އަނިޔާތަކަށް ބޭސް ފަރުވާ ކުރައްވަން އުޅުއްވި ދުވަސްވަރު އެއްކަލަ ވަގުކަލޭގެ މަތިން ހަނދުމަފުޅުވިއެވެ. އެކަލޭގެފާނު އެނާ އާއި ބެހޭގޮތުން ސުވާލުކުރުން އޭނާ މިދުނިޔެ ދޫކޮށްފިކަން އެނގިވަޑައިގަތެވެ.

އެކަލޭގެފާނު އޭނާގެ މަޤްބަރާއަށް ޒިޔާރަތް ކުރައްވައި އޭނާގެ މައްޗަށް ހެޔޮ ދުޢާ ކުރެއްވިއެވެ. އެއްރެއަކު އެކަލޭގެފާނަށް ހުވަފެންފުޅުން ފެނިވަޑައިތީ އޭނާ ސުވަރުގޭގައި އުޅޭތީއެވެ. އެކަލޭގެފާނު އޭނާ އާއި ސުވާލު ކުރެއްވިއެވެ، ތިބާ އަށް ސުވަރުގެ ވަދެވުނީ ކިހިނަކުން ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ތިމަންނާ ކަލޭގެފާނަށް ކެތްތެރިވުމަށް ނަޞީޙަތް ތެރިވުމުގެ ސަބަބުން، އެކަލާނގެ ތިމަންނާއަށް ތައުބާ ލެއްވިއެވެ.

- މޫސާ އަންވަރު ޙަސަން

މިއަދު އޮންލައިން