ޝިފާއަށް އެދިގެން ހަމައެކަނި ސޫރަތުލް ފާތިޙާވެސް ކިޔެވިދާނެއެވެ. އެވެސް ރުޤްޔާއެވެ. އަދި މިތަނުގައި އަޅުގަނޑު މި ބަޔާން ކޮށްދެނީ އެސްފީނާއެއް ވިޔަސް ، ޙަސަދައެއްވިޔަސް، ސިޙްރެއް ކަމުގައި ވިޔަސް އަދި ޖިންނި ޝައިޠާނެއްގެ އުނދަގޫ ކަމުގައި ވިޔަސް ނަފްސަށް އަމިއްލައަށް ކުރެވިދާނެ ފަރުވާ(ރުޤްޔާ) އެކެވެ
ބޮލާއި މުޅި ހަށިގަނޑު ތެމޭވަރުގެ ފެން އެއްޗަކަށް ތިރީގައި ބަޔާން ކުރާ ދުޢާތަކާއި ސޫރަތްތައް އަދި އާޔަތްތައް ކިޔަވާ ފުމޭށެވެ. ކިޔެވުމަށް ވަކި ޚާއްޞަ ޢަދަދުތަކެއް ނުވެއެވެ.
1 ފަހަރު 3 ފަހަރު 7 ފަހަރު ކިޔެވި ނަމަވެސް މައްސަލައެއްނެތެވެ.
أعوذ بكلمات الله التامات من شر ما خلق މާނަ: ހެއްދެވިހައި ތަކެތީގެ ނުބައި ކަމުން މިއަޅާ ރައްކައުތެރި ކޮށްދެއްވުމަށް ﷲ ގެ ފުރިހަމަ ބަސްފުޅުތަކުން ޙިމާޔަތަށް އެދެމެވެ. أعوذ بكلمات الله التامة منكل شيطان وهامة ومنكل عين لامة މާނަ: އެންމެހައި ޝައިޠާނުންނާއި އަދި އެންމެހައި އެސްފީނާ ލޯތަކުން މިއަޅާ ރައްކައުތެރި ކޮށްދެއްވުމަށް ﷲ ގެ ފުރިހަމަ ބަސްފުޅުތަކުން ޙިމާޔަތަށް އެދެމެވެ. بسم الله الذى لا يضر مع اسمه شيء في الأرض ولا في السماء وهو السميع މާނަ: ﷲ ގެ ނަންފުޅުން ފަށަމެވެ. އެއިލާހުގެ ނަންފުޅާއެކު ބިމާއި އުޑުގައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އެއިލާހުއީ އެންމެ މޮޅަށް އައްސަވާ ވޮޑިގެންވާ އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. بسم الله أرقي نفسي من كل شيء يؤذيني من شركل نفس وعين حاسد الله يشفينى بسم الله أرقي نفسي މާނަ: ﷲ ގެ ނަންފުޅުން އަހުރެން ރުޤްޔާކުރަމެވެ. އަހުރެންނަށް ގެއްލުންދެނިވި ކޮންމެ ކަމަކުންނާއި ، ނުބައި ކޮންމެ އެއްޗެއްގެ ކިބައިންނާއި އަދި ޙަސަދަވެރި ކޮންމެ ލޮލެއްގެ ނުބައިކަމުންނެވެ. ﷲ ޝިފާދެއްވާށިއެވެ.
އެއަށްފަހު ސޫރަތުލް ފާތިޙާ އާޔަތުލް ކުރްސީ ސޫރަތުލް ބަޤަރާގެ އެންމެ ފަހު ދެ އާޔަތް ސޫރަތުލް އިޚްލާޞް ސޫރަތުލް ފަލަޤް ސޫރަތުއްނާސް ނުވަތަ ސޫރަތުލް ފާތިޙާ ސޫރަތުލް އިޚްލާޞް ސޫރަތުލް ފަލަޤް ސޫރަތުއްނާސް ނުވަތަ ސޫރަތުލް އިޚްލާޞް ސޫރަތުލް ފަލަޤް ސޫރަތުއްނާސް ނުވަތަ ސޫރަތުލް ފަލަޤް ސޫރަތުއްނާސް މިއިން ކޮންމެ ގޮތަކަށް ކިޔެވި ނަމަވެސް މައްސަލައެއް ނެތެވެ.
ފަރުވާ ކުރާއިރު ﷲ މެދު ޔަޤީންކަން ބާއްވާށެވެ. ކެތްތެރިކަމާއި އެކު ޘާބިތުވާށެވެ. ބަލި ރަނގަޅުވަންދެން ބޮލާއި މުޅި ހަށިގަނޑު ތެމޭގޮތަށް އެފެން އަޅަމުންގެންދާށެވެ. އަދިހަމަ ކިޔަވާފައި ހުރި ފެންބޯންވެސް ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން ނަމާދުތަކަށް ރައްކާތެރިވެ ގިނަގިނައި ޤުރްއާން (ޚާއްޞަކޮށް ސޫރަތުލް ބަޤަރާ، ސޫރަތުލް ފަލަޤް، ސޫރަތުއްނާސް) ކިޔަވައި ގިނަގިނައި ޛިކުރުކުރުމުގައި ދެމިހުންނާށެވެ. ގިނަގިނައިން އަސްތަޣްފާރު ކުރުމާއި لاحول ولا قوة الا بالله حسبي الله لااله الا هو عليه توكلت وهو رب العرش العظيم މިފަދަ ކަލިމަތައް ގިނަގިނައިން ކިޔާށެވެ.
ސޫރަތުލް ފަލަޤް އަކީ ސިޙްރުވެރިންގެ ނުބައިކަމުންނާއި ޙަސަދަވެރިންގެ ނުބައިކަމުން ރައްކާތެރިކަން ލިބިގަތުމަށް ޚާއްޞަ ސޫރަތެކެވެ. އަދި ސޫރަތުއްނާސް އަކީ އެންމެހައި ޝައިޠާނުންގެ ނުބައިކަމުން ރައްކާތެރިކަން ލިބިގަތުމަށް ޚާއްޞަ ސޫރަތެކެވެ. ރައްކާތެރި ކަމުގެ ސަބަބުތަކުގައި ހިފައި ﷲ ގެ މަގުގައި ޘާބިތުވެލައްވާށެވެ. ޙަސަދަވެރިންނާއި ސިޙްރުވެރިންގެ ނުބައި ކަމުން ﷲ އަޅަމެން ރައްކާތެރި ކުރައްވާށިއެވެ.!
- މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާ ކުރެއްވި ލިޔުމެއް