ފުރަމޭ ބަދަލުކުރުން ނޫން ގޮތެއް ނެތިގެން އެޑްމިޓްކުރި މަންމައަށް އޮޕަރޭޝަނަކާއި ނުލައި ޝިފާލިބުނު ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ފުރަމޭ ބަދަލުކުރުން ނޫން ގޮތެއް ނެތިގެން އެޑްމިޓްކުރި މަންމައަށް އޮޕަރޭޝަނަކާއި ނުލައި ޝިފާލިބުނު ގޮތުގެ ވާހަކަ!

އިކްލީލް އޭނާގެ މަންމަ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މަންމަގެ ފުރަމެއަށް ކުރިމަތިވި މައްސަލަތަކެއްގެ ސަބަބުން ފުރަމޭ ބަދަލުކުރަން ޖެހިގެންނެވެ. އެނޫން ގޮތެއް ނެތްކަމަށް ޑޮކްޓަރުން ލަފާދިނުމުންނެވެ. 

ނަމަވެސް ކަންކަން މެދުވެރިވީ މުޅިން އެހެން ގޮތަކަށެވެ. އެޑްމިޓްކުރިތަނާ މަންމައަށް ލުއިވާންފެށީއެވެ. ޑޮކްޓަރުން ޢަޖައިބުވާހައި ބޮޑަށެވެ. 10 ވަރަކަށް ދުވަސްފަހުން ޑޮކްޓަރުން ނިންމީ އޮޕަރޭޝަން ނުކުރުމަށެވެ. އިތުރަށް ގޯސްނުވާނަމަ އޮޕަރޭޝަން ކުރުމުގެ ބޭނުމެއް ނެތުމުންނެވެ. 

ހޮސްޕިޓަލުން މަންމަ ދޫކޮށްލުމުން ގެއަށްގެންގޮސް މަންމައަށް ފަރުވާކުރަމުންދަނިކޮށް ގެއަށް ވަޑައިގެންނެވި އިމާމަކަށް އިކްލީލް މަންމަގެ ވާހަކަ ކިޔައިދިނެވެ. އޮޕަރޭޝަން ކުރުން ނޫން ގޮތެއް ނެތްކަމަށް ޑޮކްޓަރުން ނިންމި ކަމަށާއި ނަމަވެސް ފަހުން އެ ނިންމުން ބަދަލުކުރީކަމަށް ބުނެއެވެ. 

އިކްލީލްގެވާހަކަ އަޑުއެއްސެވުމަށްފަހު އިމާމް އެދިވަޑައިގަތީ މަންމަގެ ހުރިހާ ދަރިން އެތަނަށް ޙާޒިރުކުރުމަށެވެ. 8 ދަރިން ސިޓިންގރޫމަށް އައުމުން އިމާމް ވިދާޅުވިއެވެ. "ކުރާ ކޮންމެ ހެޔޮ ޢަމަލެއް ކުރަންވީ ސިއްރުންނެވެ. އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ބޮޑު ސިއްރެއްގެ ގޮތުގައި ބާއްވައިގެންނެވެ. ނަމަވެސް ހާމަކުރުމުން މީސްތަކުންނަށް އެކަމަކުން ފައިދާކޮށްފާނެ ކަންކަމުގައި ހާމަކުރުމަކީ ދެއްކުންތެރިކަމަކަށް ނުވާނެއެވެ! ވީމާ ތެދުބަހުން ބުނެބަލާށެވެ! އޮޕަރޭޝަންކުރަން މަންމަ ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެކަން އެނގުނު ހިސާބުން މަންމައަށްޓަކައި ޚާއްޞަ ހެޔޮ އަމަލެއް ކުރީ ކޮންކުއްޖެއް ހެއްޔެވެ؟" 

އެއް ކުއްޖަކު ފިޔަވައި ހުރިހާކުދިން ބުނީ މަންމައަށް ހެޔޮ ދުޢާކުރި ކަމަށާއި ހޮސްޕިޓަލް ބިލްދައްކަން ޚަރަދުކުރި ކަމަށެވެ. އަދި މަންމަގެ ކަންކަން ވަރަށް ގާތުން ބެލިކަމަށެވެ. ހޮސްޕިޓަލުގައި ވަގުތުވެސް ހޭދަކުރިކަމަށެވެ. 

އެންމެފަހުން ވާހަކަ ދެއްކީ 6 ވަނަ ދަރިފުޅެވެ. އޭނާ ބުންޏެވެ! "އެހެން ކުދިން ކުރިކަންކަން އަޅުގަނޑުވެސް ކުރީމެވެ. އެއިގެ އިތުރުން ކުޑަކަމެއް ކުރީމެވެ. އެއީ މަންމަ އެޑްމިޓްކުރި ދުވަހު ވަރަށް ބަނޑުހައިހޫނުކަމުގައި ތިބި ކުޑަ ދެކުދިން ގޮވައިގެން ކާނެއެއްޗަކަށް އެދި މިގެއަށް އައި މުސްކުޅި އަންހެނަކަށް އަހަރެންގެ އަތުގައި ހުރި ހުރިހާ ގަހަނާ ޞަދަޤާތްކުރީމެވެ! ބަރުދަން ބުނާކަށް ނެތީމެވެ. އަތުގައި ހުރި ހުރިހާ އެއްޗެކެވެ. އަދި މަންމައަށްޓަކައި ހެޔޮ ދުޢާކޮށްދިނުމަށް އެދުނީމެވެ. އަދި އަހަރެންގެ އެ ޢަމަލު ޤަބޫލުފުޅުކޮށްދެއްވެވުން އެދި ދުޢާކުރީމެވެ!"

އިމާމް ވިދާޅުވިއެވެ. "ތިއަ ހުރިހާކުދިން ވެސް ކަންތައްތައް ތިއަކުރީ ވަރަށް ރަނގަޅަށެވެ! މާތް ﷲ ތިއަ ހުރިހާކުދިންނަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ! އިތުރަށް ބުނާނެ އެއްޗެއް ނެތެވެ! މަންމައަށް އެވަރުގެ ބޮޑު ރަޙްމަތެއް ލެއްވެވި ސަބަބު ދެނެވޮޑިގެންވަނީ މާތް ﷲ އެވެ! މަންމައަށް ހެޔޮކޮށްހިތުންމަތީގައި ދެމިތިބޭށެވެ! ދެދުނިޔޭގައި އެކަމުގެ މަތިވެރި ޘަވާބާއި ދަރުމަ މާތް ﷲ ދެއްވަވާނެތެވެ! އިން ޝާ ﷲ ހަމަ އެންމެ ވާހަކައެއް އިތުރަށް ބުނެލާނަމެވެ! ނިކަމެތި ޙާލުގައިވާ މީހާގެ ޙާޖަތް ފުއްދައިދީ، އޭނާއަށް އުފާވެރިކަން ހޯދައިދީފި މީހެއްގެ ބޭނުންތައް މާތް ﷲ ފުއްދަވައި ދެއްވަވާނެކަން އެއީ އެނގެން އޮތްކަމެކެވެ. ވީމާ ފަޤީރަކަށް ތަނަވަސްކަމެއް ހޯދައިދީފި މީހެއްގެ ބޭނުން މާތް ފުއްދަވައި ދެއްވަވާނެކަން ޝައްކުނުކުރާށެވެ! މިކޮއްކައަށް ތިއަކުރެވުނީ ހެޔޮކަން ބޮޑު ޢަމަލެކެވެ!" 

 

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން