ބުރާސްފަތި ދުވަހަކީ ރޯދަހިފުން ސުންނަތް ދުވަސްތަކުގެ ތެރެއިން އެއް ދުވަހެވެ. ޖެހިގެން މިއަންނަނީ ހުކުރު ދުވަހެވެ. އެ ދުވަސް މިއަހަރު މިއަންނަނީ އާޝޫރާ ދުވަހުގެ ކުރިއަށެވެ.
މިއަހަރުގެ ކަލަންޑަރުގައިވާގޮތުން މިއަހަރުގެ އާޝޫރާ ދުވަހަކީ މުޙައްރަމް މަހުގެ 10 ވާ އަންނަ ހޮނިހިރު ދުވަހެވެ.
ވީމާ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރޯދަހިފައިފިނަމަ އެމީހަކަށް ބުރާސްފަތި ދުވަހުގެ ސުންނަތް ރޯދަހިފި އާޝޫރާ ދުވަހުގެ ކުރިއަށް އޮތް ދުވަހު ވެސް ރޯދަހިފި އަދި އާޝޫރާ ދުވަހުވެސް ރޯދަހިފުނީއެވެ. ހުކުރު ދުވަހު ރޯދަ ނުހިފުނު މީހާ އަށް އޮތީ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ރޯދަހިފުމެވެ.
ޝައިޚް މުޙައްމަދު ޝާފިޢުގެ މިޔުއްވުމުން އިތުރު ތަފްޞީލް ލިބިވަޑައިގަންނަވާނެއެވެ!
"ސަލަފުންނާއި ޚަލަފުން (ކުރީގެ މީހުންނާއި ފަހުގެ މީހުން) ގެ އަރިހުގައި ޢާޝޫރާ ދުވަހަކީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހެވެ. ޙަދީޘްތަކުގެ ބޭރުފުށުގެ މާނަވެސް ހުރީ އެގޮތަށެވެ. އަދި ލަފުޒުން ދޭހަވަނީވެސް އެމާނައެވެ. ބަހުގެ ޢިލްމުވެރިންގެ އަރިހުގައިވެސް މަޝްހޫރުގޮތަކީ މިއީއެވެ. ())) انظر: شرح النووي على مسلم 12 /8( » (، و «المجموع 383/6( »
ގަދަވެގެންވާ ސުންނަތްވުމަކުން ޢާޝޫރާ ދުވަހުގައި ރޯދަހިފުން ސުންނަތްވެގެންވެއެވެ. ޙަދީޘްގައި ވެއެވެ. ((…صِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ))[أخرجه مسلم– (١١٦٢)] މާނައީ: "…ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާދެއްވާނެކަމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ."
ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ހުރިހާ ކުދި ފާފައެއް ފުހެވެއެވެ. ބޮޑެތި ފާފަތައް ނުފުހެވޭނެއެވެ. ކުދި ފާފަތައް ހުރި ނަމަ ކުދި ފާފަތައް ފުހެވެއެވެ. ކުދި ފާފައާއި ބޮޑެތި ފާފަ ނެތްނަމަ ހެޔޮކަން ލިޔުއްވެއެވެ. އަދި އެކަމުގެ ސަބަބުން ދަރަޖަ އުފުއްލެވެއެވެ. ބޮޑެތި ފާފަތައް ހުރިނަމަ ބޮޑެތި ފާފަތައް ކޮންމެވެސް ވަރަކަށް ލުއިވެގެންދާނެކަމަށް އުއްމީދު ކުރެވެއެވެ. (ބައްލަވާ : شرح النووي على مسلم ) 3/ 113، 8/ 51 (، والمجموع ) 6/ 382 (.)
އަނބިންނާއި ދަރީން އަދި އެބައެއްގެ މައްޗަށް ތިބާގެ ބެލެހެއްޓުން ވާ ކޮންމެ މީހަކަށް ޢާޝޫރާ ދުވަހުގައި ރޯދަހިފަން ބާރުއެޅުން ހުއްޓެވެ. އަދި އެދުވަހުގެ ރޯދަހިފުމަށްޓަކައި ހާރުކެއުމަށް އެމީހުން ހޭލައްވާށެވެ. ރުބައްޔިޢު ބިންތި މުޢައްވިޛު ރަޟިޔަﷲ ޢަންހާ، ޢާޝޫރާ ދުވަހުގެ ރޯދަހިފުމާ ބެހޭގޮތުން ވިދާޅުވިއެވެ. “ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެއްވުމުގެ ކުރީގައި ޢާޝޫރާ ދުވަހުގެ ރޯދަވީ ފަރުޟެއްކަމުގައެވެ. އަހަރެމެން ޢާޝޫރާ ދުވަހުގެ ރޯދަހިފައި އުޅުނީމެވެ. އަދި އަހަރެމެންގެ ކުޑަކުފިންލައްވާ އެދުވަހުގެ ރޯދަ ހިފުވީމެވެ. އަދި އަހަރެމެން ކެހެރިން އެކުދިންނަށް ކުޅޭ އެއްޗެހި ހަދައިދެމެވެ. ބަނޑުހައިވެގެން ކާއެއްޗަކަށް އެދި އެކުދިން ރޯނަމަ އަހަރެމެން އެކުދިންނަށް، ރޯދަވީއްލާ ގަޑި ޖެހިއްޖައުމަށް ދަންދެން މި ކުޅޭ އެއްޗެހި ދެމެވެ.” (ބައްލަވާ رواه البخاري ) 1960 (، ومسلم ) 1136(.
ޢާޝޫރާ ދުވަހާއި ތާސޫޢާ މި ދެދުވަހު ރޯދަހިފުން މުސްތަޙައްބުވެގެންވެއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިންނާ ޚިލާފުވުމުގެ ގޮތުންނެވެ. ޢައްބުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާޝޫރާ ދުވަހުގެ ރޯދަ ހިއްޕަވައި ރޯދަހިފުމަށް އަމުރުކުރެއްވި ހިނދު ސަޙާބީން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ހަމަކަށަވަރުން އެދުވަހަކީ ޔަހޫދީންނާއި ނަޞާރާއިންވެސް މަތިވެރިކުރާ ދުވަހެކެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللهُ صُمْنَا الْيَوْمَ التَّاسِعَ)) [أخرجه مسلم / (١١٣٤) ]މާނައީ: “ފަހެ ޖެހިގެން އަންނަ އަހަރު އިން ޝާ (ދިހަވަނަ ދުވަހާއެކު) ﷲ ނުވަވަނަ ދުވަހު އަހަރެމެން ރޯދަ ހިފާނަމެވެ.” އަނެއް އަހަރު އައުމުގެ ކުރިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެއްޖެއެވެ. އެހެން ރިވާޔަތެއްގައި ވެއެވެ. “އަންނަ އަހަރު ދުނިޔޭގައި ހުންނާނޭ ނަމަ (ދިހަވަނަ ދުވަހާއެކު) ނުވަނަ ދުވަހުގައި ރޯދަ ހިފާހުށީމެވެ."
ނުވަ ވަނަ ދުވަހު ރޯދަ ނުހިފުނު މީހާ، ދިހަވަނަ ދުވަހު ރޯދަ ހިފާފައި އެގާރަ ވަނަ ދުވަހު ރޯދަ ހިފުންވެސް ޝަރުޢުވެގެންވެއެވެ. އެއީ ޔަހޫދީންނާ ޚިލާފު ވުމުގެ ގޮތުންނެވެ.
ހަނދުބެލުމުގައި އަރާފާނޭ އޮޅުމެއްގެ ސަބަބުން ނުވަތަ މައްސަރު ފެށުމުގައި ހަނދުބެލުމުގައި ޝައްކުއުފެދޭ ކަމެއްވާނަމަ، ޙިސާބުކުރުމުގައި ނުވަވަނަ ދުވަސް އެއީ ޚުދު ޢާޝޫރާ ދުވަސްކަމުގައި ވެދާނެ ކަމަށް ބެލެވޭ ޙާލަތެއްގައި ރައްކާތެރިވުމުގެ ގޮތުން ޢާޝޫރާ ދުވަހުގެ ކުރިން އެއްދުވަހާއި ފަހުން އެއްދުވަހު ރޯދަހިފުމަކީ މަނާކަމެއް ނޫނެވެ.
- ޝައިޚް މުޙައްމަދު ޝާފިޢު
(އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު ލިޔުއްވާފައިވާ 33 فائدة في المحرم وعاشوراء (މުޙައްރަމް މަހާއި ޢާޝޫރާގެ 33 ފައިދާ) ގެ ތަރުޖަމ އިން)