މަރުވުމަށްފަހު ފާފަ އިތުރުވާނެ މި ޢަމަލަށް އިންތިހާއަށް ބިރުވެތިވާށެވެ! ސަލާމަތްކަން އަވަހަށް ހޯދާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މަރުވުމަށްފަހު ފާފަ އިތުރުވާނެ މި ޢަމަލަށް އިންތިހާއަށް ބިރުވެތިވާށެވެ! ސަލާމަތްކަން އަވަހަށް ހޯދާށެވެ!: މުފްތީ މެންކް

މިއީ މާކުރީގެ ވާހަކައެއް ނޫނެވެ. ހާމަ ދާދިފަހުން ހިނގައިދިއަ ކަމެއްގެ ވާހަކައެވެ. ޒުވާނުންތަކެއް ދަތުރުކުރި ކާރެއް އެކްސިޑެންޓްވެ ޒުވާނަކު މަރުވީއެވެ. ސަލާމްވި ޒުވާނުން ބުނި ގޮތުގައި އެޒުވާނާ މަރުވުމުން އެމީހުން ވަރަށް ހިތާމަކުރިއެވެ. އެއީ އެމީހުން އެކުގައި ބޮޑުފާފައެއް ކުރެވެމުން އައިސްފައިވާތީއެވެ. 

އެ ޒުވާނާއަކީ ތަނަވަސްކަން ލިބިފައިވީ ޒުވާނެކެވެ. އެހެންކަމުން އޭނާގެ ކްރެޑިޓްކާޑުން އިޝްތިރާކު ދައްކައިގެން ބަރަހަނާ ފޮޓޯޓަކާއި ވީޑިއޯތައް ހޯދައެވެ. އަދި އެ އީމޭލްތައް ހުންނަނީ އެކުވެރިންނަށް ފޯވަޑްވާނެ ގޮތްވެސް ހަދައިފައެވެ. އެކަން ހުއްޓުނީ އޭނާ މަރުވިތާ އެތައް ދުވަހެއްފަހުންނެވެ. އިޝްތިރާކު ދެއްކި މުއްދަތު ހަމަވެގެން ނުފޮނުވަން ފެށުމުންނެވެ. 

މިވާހަކަތައް ކިޔައިދީފައި އެކުދިން އަހަރެންގާތު ކަރުނައަޅައި ރުޔެވެ! އެއީ ފާފަވެރިވާނެ ނުބައި އަމަލެއްކަމާއި އެކުވެރިޔާ މަރުވި ނަމަވެސް އެކަމުގެ ސަބަބުން އޭނާގެ ފާފަތައް އިތުރުވެދާނެތީ އެމީހުން ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. 

"އަހަރެން ބުނީމެވެ! މަރުވި އެކުވެރިޔާއަށްޓަކައި ހެޔޮދުޢާކުރާސެވެ! އެއްވެސް މީހަކު މަރުވުމުން ދެން ކަންތައް މެދުވެރިކުރައްވަވާނެ ގޮތެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ތިއަ ކަމުގައި އުފާވެރި އުންމީދުތަކެއްވެސް އެބަ އޮތެވެ! އެއީ އެކުވެރިޔާ މަރުވުމުން ލިބުނު ޢިބްރަތުގައި މިއަދު ތިއަކުދިން ތިއަވަނީ އިޞްލާހްވެފައެވެ. ކުރަމުން އައި ނުބައި ފާފަކުރުން ހުއްޓާލައިފައެވެ. އެކަމުގެ ސަބަބުން އެކުވެރިޔާއަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވައި ދެއްވަވާނެކަމަށް އުންމީދުކޮށް އެކުވެރިޔާއަށްޓަކައި ހެޔޮ ދުޢާކުރާށެވެ! 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ޚާއްޞަކޮށް ޒުވާނުންނޭވެ! މިއަދު ވިސްނައިނުލާތިބެ ސޯޝަލް މީޑިއާގައި ތިއަ ހާމްކުރާ ފޮޓޯތަކާއި ވީޑިއޯތަކަކީ ތިއަ ޒުވާނުން މަރުވުމަށްފަހުވެސް ފެންނަން ހުންނާނެ ތަކެއްޗެވެ. އެތަކެތި މީހުން ބަލާވަރަކަށް އެކަންކުރި މީހާ ދާނީ ފާފަވެރިވަމުންނެވެ. ކައްވަޅުގައި އޮންނައިރުވެސް ދާނީ އެމީހަކަށް ޢަޛާބު އިތުރުވަމުންނެވެ. 

މިއީ ކިހައި ބޮޑު ބިރުހުރިކަމެއްކަމަށް ވިސްނައި ބިރުވެތިވާށެވެ! ސޯޝަލް މީޑިއާއަށް ލެވިފައިވާނަމަ ލެވިފައިވާހައި އެފަދަ ތަކެތި އަވަހަށް ނައްތައިލާށެވެ! ތައުބާވާށެވެ! ﷲ ތަޢާލާގެ ރަޙްމަތަށް އެދި ދުޢާކުރުން ގިނަކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން