މަގުމަތިން ނޫންނަމަ އެނޫންތަނަކުން ނަމަވެސް ފިރިހެނަކަށް އަންހެނަކު ފެނިއްޖެނަމަ އަނގައިގައި ހުރި ހުރިހާދައްތަތައް ދައްކައިގެން ފައިން ބޮލަށް އެބަބަލަމުއެވެ. އަދި އަންހެނަކަށް ފިރިހެނަކު ފެނުނު ނަމަވެސް ހަމަ މިމޭރުމުން އެބަ ބަލައެވެ. ނަމަވެސް އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ފެނުމުން އެފަދައިން ބަލާކަސް ބޭނުމެއް ނުވެއެވެ. އަދި ހިނިތުންވާކަށްވެސް ބޭނުމެއް ނުވެއެވެ.
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ހިނިތުންވުމަކީ ވެސް ޞަޤާތެކެވެ. ޞަދަޤާތްދޭން އޮތީވެސް ގާތުން ދުރަށެވެ. ވީއިރު ތިމާގެ ބައިވެރިޔާއަށް ހިނިތުން ނުވީމާ މިކުރެވެނީ ކޮންކަމެއްހެއްޔެވެ؟ އަހަރެންގެ ނަޒަރުގައި އެއީ ކުރެވޭ އަނިޔާއެކެވެ. އަނިޔާކުރަން ކައިވެނިކުރީ ކީއްކުރަން ހެއްޔެވެ؟
ދެމަފިރިން އެކަކު އަނެކަކަށް ލޯބިން ބަސްބުނުމާއި ތަޢްރީފްކުރުމަކީވެސް އަޅުކަމެކެވެ. އަދި އެކަކު އަނެކަކަށް ލޯބިން ބުނާ ކޮންމެ ބަހަކީވެސް ކައިވެނީގެ ވައުފަށް ނިއުޅުނަނުދިނުމަށް ޖެހޭ އިތުރު ގޮށެކެވެ. ވީމާ ކައިވެނި ރޫޅުނަނުދީ ބަދަހިކޮށް ދަމަހައްޓަން ބޭނުންނަމަ ވީހައި ގިނައިން ގޮށްޖަހަމުން ގެންދާށެވެ!
ދެމަފިރިން ނަމަވެސް ކޮންމެ ދެމީހެއްގެ މިޒާޖު އެއްގޮތެއް ނުވާނެއެވެ! އެފަދަ ކަމެއް މެދުވެރިވިނަމަވެސް ކުނިމޫނު ނުދައްކައި ހިނިތުންވެލާށެވެ! ހެޔޮބަހެއް ނޫނީ ނުބުނާށެވެ! އެކަކު އަނެކަކަށް އިޙްތިރާްކުރާށެވެ! އެއިރުން ކަންކަން މަޑުމަޑުން ބަދަލުވަމުން ގޮސް ދެމީހުންގެ ހުރިހާ ޚިޔާލުތަކެއް އެއްގޮތްކުރެވޭނެއެވެ!
ޚިޔާލުތަފާތުވާ ވަގުތު އެކަކު އަނެކަކަށް ކަންކަން ދޫކުރާށެވެ! ގޮތްދޫކުރާށެވެ! ގޮތްދޫކުރަނީ ބަލިކަށިވުމަކުން ނޫނެވެ! ޙައްޤުމަގުގައި ހުރިނަމަވެސް ޒުވާބުނުކުރުމުގެ ބޭނުމުގައި ޒުވާބުކުރުމުން ދުރުހެލިވެ ޒުވާބުކުރުން ހުއްޓައިލާ މީހާއަށް ސުވަރުގެ ގަނޑުވަރެއް ދެއްވަވާކަން އެއީ އެނގެން އޮތްކަމެކެވެ. އެއިރުން ދިރިއުޅުންވެސް ބާއްޖަވެރިކުރެވެނީއެވެ. ސުވަރުގެއިން ގަނޑުވަރެއްވެސް ލިބެނީއެވެ! ގިނަގިނައިން ގަނޑުވަރުތައް ނުހޯދަންވީ ކީއްވެގެން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން