އެއްވެސް ކަމަކުން ނަޞްރު ލިބުން ލަސްވާނަމަ ﷲ އަށް ނަޞްރުދޭށެވެ! ﷲ އެމީހަކަށް ނަޞްރު ދެއްވަވާނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އެއްވެސް ކަމަކުން ނަޞްރު ލިބުން ލަސްވާނަމަ ﷲ އަށް ނަޞްރުދޭށެވެ! ﷲ އެމީހަކަށް ނަޞްރު ދެއްވަވާނެތެވެ!

ﷲ ތަޢާލާގެ ދީނަށް ނުވަތަ ﷲ ތަޢާލާއަށް ނަޞްރު ދޭން ގޮވައިލެވޭ އަޑު އެއީ ކޮންމެ ދުވަހަކު އެންމެ ގިނައިން އިވޭ އެއް އަޑެވެ. ނަމަވެސް އެއަޑާއިމެދު ވިސްނެނީ ކިހައިވަރަކަށް ހެއްޔެވެ؟ އެއްވެސް ވަރަކަށް ސަމާލުކަން ދެވޭ ހެއްޔެވެ؟ 

ﷲ ތަޢާލާއަށް ނުވަތަ އިސްލާމް ދީނަށް ނަޞްރު ދޭން ބުނަނީ އެއްވެސް ޙާލެއްގައި މީސްތަކުންގެ ކިބައިން ﷲ ތަޢާލާ އެއްވެސް ނަޞްރަކަށް ބޭނުންފުޅުވެވޮޑިގަންނަވާތީއެއް ނޫނެވެ. ﷲ ތަޢާލާއީ ހުރިހާ ކަންކަމުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. ﷲ ތަޢާލާއަށް ނުވަތަ އިސްލާމް ދީނަށް ނަޞްރުދޭށެވެ ބުނެވޭ ބަހުގެ މާނައަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވެ ﷲ ތަޢާލާ އަންގަވާފައިވާ ޢަމަލުތައް ކުރުމުގައި ދެމިހުރުމެވެ. ނަހީކުރެއްވެވި ހުރިހާ ކަންކަމުން ދުރުރުހެލިވެހުރުމެވެ. އެންމެ ކުރުކޮށް ބުނާނަމަ ހުރިހާ ކަންކަމުގައިވެސް ﷲ ތަޢާލާއަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ. 

ﷲ ތަޢާލާއަށް ނަޞްރުދޭ އަޅުންނަށް ﷲ ތަޢާލާ ނަޞްރުދެއްވަވާނެތެވެ! އެއީ ހަމަ ޔަޤީންކަމެކެވެ. ވީމާ ދުނިޔޭގައިވެސް ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރަން އެދޭމީހާ ﷲ ތަޢާލާއަށް ނަޞްރުދޭށެވެ! ޤިޔާމަތް ދުވަހު ނަޞްރާއި ކާމިޔާބު އެދޭމީހާވެސްމެއެވެ. 

ގިނަބައަކު މިއަދު އެންމެ ގިނައިން ކުރާ އެއް ޝަކުވާއަކީ އެމީހަކު ކުރަން ބޭނުންވާ ކަންކަން ނުކުރެވޭ ކަމުގެ ޝަކުވާއެވެ. ކުރާ މަސައްކަތުގައި ކުރިއެރުން ނުލިބޭކަމުގެ ޝަކުވާއެވެ. ހިތްހަމަޖެހުން ނުލިބޭކަމުގެ ޝަކުވާއެވެ. 

މިފަދަ ކޮންމެ ޙާލަތެއްގައިވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ނަޞްރުދޭށެވެ! އެއިރުން ތިބާ އެދޭކަންކަމަށް ﷲ ތަޢާލާ ނަޞްރު ދެއްވަވާނެތެވެ! 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން