ﷲ ގެ ނަންފުޅު ބޭނުންކޮށް ދޮގުހުވާކުރުމަކީ ދުނިޔެއާ އާޚިރަތުގަ އެމީހާ އެދޭ އެއްވެސް ކަމެއް ޙާޞިލު ނުކުރެވިދާނެކަމުގެ ބިރު އޮތްކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ﷲ ގެ ނަންފުޅު ބޭނުންކޮށް ދޮގުހުވާކުރުމަކީ ދުނިޔެއާ އާޚިރަތުގަ އެމީހާ އެދޭ އެއްވެސް ކަމެއް ޙާޞިލު ނުކުރެވިދާނެކަމުގެ ބިރު އޮތްކަމެއް!

އާދަމްގެފާނަށް ސުވަރުގެ ދޫކުރައްވަވައި ބިމަށް ފައިބާ ވަޑައިގަންނަވަން ޖެހިވަޑައިގަތީ ކުރެއްވެވުނު ހަމަ އެންމެ ފާފައަކާއި ގުޅިގެންނެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި އެންމެ އަމަލެއް ކުރެއްވެވިގެންނެވެ. އެގަހަކާއި ކައިރިވެވަޑައި ނުގަތުމަށް އަމުރުފުޅުކުރެއްވެވި އެންމެގަހުން ފަރިއްކުޅުއްވެވުމުންނެވެ. 

ސުވާލަކީ އާދަމްގެފާނަށް އެފަދަ ބޮޑު ކުށެއް އެހައި ފަސާހައިން ކުރެއްވެވުނީ ކީއްވެގެން ހެއްޔެވެ؟ ޢިލްމުވެރިން ބަޔާންކުރައްވަވާގޮތުގައި އެކަމުގައި މެދުވެރިވި ސަބަބަކީ ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން އެއްވެސް މީހަކު އެއްވެސް މިނަވަރެއްގެ ދޮގެއް ބުނެފާނެ ކަމަށް އާދަމްގެފާނަށް އެއްވެސް ވަރަކަށް ޤަބޫލުފުޅު ކުރެއްވެވިފައިނެތުމެވެ. އެފަދަ ނުބައި އަމަލެއް އެއްވެސް މީހަކު ކޮށްފާނެ ކަމަށް ހިތްޕުޅަށްވެސް ނާރާކަމެވެ. 

ނިކަން ވިސްނައިލަބަލާށެވެ! މީސްތަކުން މިއަދު ވާހަކަދައްކާއިރު ބުނާކޮންމެ ބަހެއްގެ ކުރިއަށް ﷲ ތަޢާލާގެ ނަންފޫޅު އެބަ ބޭނުންކުރެއެވެ! ﷲ ގަންދީ ކަމަށްބުނެ ބޮޑެތި ދޮގުތައް ހަދަން އެއްވެސް ބިރެއް ނުގަނެއެވެ. ޖެހިލުމެއްވެސް ނުވެއެވެ. ހީވަނީ ދުލުންބުނެލާ އެންމެ އާދައިގެ ބަހެއް ބުނެލާހެންނެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ނަންފުޅުތަކަކީ އެންމެ މަތިވެރި ނަންފުޅުތަކެވެ. އޮނަސައްތަ އިސްުފުޅުގައިވާ 99 ނަންފުޅުގެ ތެރެއިންވެސް ﷲ އަށްވުރެ މަތިވެރި އެއްވެސް ނަންފުޅެއް ނުވެއެވެ. އެފަދަ މަތިވެރިކަންބޮޑު ނަންފުޅެއް ބޭނުންކޮށްގެން ދޮގުބަސްތައް ނުބުނާށެވެ! ދޮގުހުވާތައް ނުކުރާށެވެ! ﷲ ތަޢާލާ އިބިލީހަށް ލަޢްނަތް ލެއްވެވިފަދައިން ހަމަ ތިމާއަށްވެސް ލަޢްނަތް ލައްވަވައިފާނެ ކަމަށް ބިރުވެތިވާށެވެ!

ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ދޮގުހުވާކުރާއިއރު ވިސްނައިލާށެވެ! ތިބާހަދާ ބޮޑު ދޮގު ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ތިބާއަށް ބޮޑުވެގެންވާ ކޯފާއެއް ލައްވަވައިފާނެކަމަށް ބިރުވެތިވާށެވެ! ތިބާ އެދޭ އެއްވެސް ކަމެއް ޙާޞިލުނުވެ ދުނިޔޭގެ ޙަޔާތްވޭތިކުރަންޖެހި އަދި އާޚިރަތުގައިވެސް އެފަދަ ގޮތެއް މެދުވެރިވެދާނެކަމަށް ބިރުވެތިވާށެވެ!

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން