މައިންނާ ޒުވާބުކޮށް ޖަދަލުކޮށް މައިންނަށް އިހާނެތިކޮށްހިތާ މީހާގެ އެއްވެސް ޢަމަލެއް ﷲ ޤަބޫލުފުޅެއް ނުކުރައްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
މައިންނާ ޒުވާބުކޮށް ޖަދަލުކޮށް މައިންނަށް އިހާނެތިކޮށްހިތާ މީހާގެ އެއްވެސް ޢަމަލެއް ﷲ ޤަބޫލުފުޅެއް ނުކުރައްވަވާނެ!

ޤިޔާމަތް ދުވަހު އެބައެއްގެ ޢަމަލުތައް އެއްގޮތަކަށްވެސް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ 3 ބައެއްގެ ވާހަކަ ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެ 3 ބާވަތުގެ މީހުން ކޮށްފައިވާ އެއްވެސް ޢަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ.

އެއިގެ ތެރެއިން ފުރަތަމަ މީހާއަކީ އެމީހެއްގެ މައިންނާއި ޒުވާބުކޮށް ޖަދަލުކޮށް މައިންނަށް އިހާނެތިކޮށްހިތާ މީހާއެވެ. 2 ވަނަ މީހާއަކީ މީހަކަށް އެއްޗެއްދިނުމަށްފަހު އެމީހާއަށް ޝުކުރުވެރިވާންޖެހޭނެ ކަމަށް ބުނެ ކަލަގޮވާމީހާއެވެ. 3 ވަނަ މީހާއަކީ ތަކެތި ވިއްކާއިރު އެމީހާ އެ އެއްޗެއް ގަތް އަގުކަމަށް ބުނެ އަގުއޮޅުވާލައި ﷲ ގަންދީ ހުވާކުރާ މީހާއެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ބައެއް މައިން ތަންކޮޅެއް ހަރުކަށިވެދާނެއެވެ. ބަސްބުނުމުގައިވެސް އަމަލުކުރުމުގައިވެސް ހަރުކަށިވެދާނެއެވެ. ނަމަވެސް އެއީ މައްސަލައެއް ކަމަށް ދެކި ރުޅި އައިސް ޒުވާނުކުރާށެވެ! މައިން އެގޮތަށް ކަންތައް ކުރަނީ މައިންގެ ހިތުގައި ދަރިންނަށް އޮންނަ ލޯބީގެ ބޮޑުކަމުންނެވެ. ކިތަންމެ ބޮޑުވި ނަމަވެސް މައިންނަށް ދަރިން ބޮޑެއްޗެއް ނުވާނެއެވެ. ވީމާ ނުރަނގަޅުކަމެއް ކޮށްފާނެކަމަށް ބަލައި އެފަދަ ކަންކަން ކުރިއަ ނުދިނުމުގެ ގޮތުން ބައެއް ކަންކަން ކުރެވެނީއެވެ. 

ދަރިން ކުރަން މައިން ނޭދޭކަންކަންކޮށް، ގޮސްގެން ނުވާނެ ތަންތަނަށް ދިއުން ފަދަ ކަންކަން ކުރުމުން މައިން ރުޅި އަންނާނެއެވެ. ބައެއް ފަހަރު ހަރުކަށި ބަސްބުނާނެއެވެ. މިފަދަ ޙާލަތުގައި މައިންގެ ރުޅި އެންމެ ބޮޑަށް ގަދަވަނީ މައިން ގާތު ދޮގުހަދާތީއެވެ. ވީމާ މައިން ނުރުހޭފަދަ ކަމެއް ކުރެވުނު ނަމަވެސް ދޮގު ނުބުނެ ތެދުބަހުން ބުނެ މާފަށް އެދޭށެވެ! އަދި އެފަދަ ކަމެއް ދެން ނުކުރާނެ ކަމަށް ބުނާށެވެ. 

މައިން ބަފައިން އެއްވެސް މީހަކާއި ވާހަކަ ނުދައްކަން ބުނެފިނަމަ އެކަމަށް ވިސްނާށެވެ! މުހިންމު ސަބަބެއް ނެތި މައިން ބަފައިން އެފަދަ ބަހެއް ނުބުނާނެއެވެ. ހަމައެއާއިއެކު މީހުންގެ ކަންކަން ދެނެގަތުމުގެ ތަޖުރިބާވެސް މައިންނަށް ލިބިފައިވާނެއެވެ. ވީމާ މައިން އެފަދަ ނަޞޭޙަތް ދޭނީ އެމީޙުންނަށް ކަންތައްތަކެއް ވިސްނޭތީކަމަށް ޤަބޫލުކުރާށެވެ! 

މި ޙަދީޘްފުޅަށް ވިސްނައި ބިރުވެތިވާށެވެ! ޚިޔާލުތަފާތުވާ ކަންކަމުގައިވެސް މައިންނަށް ދޫކުރާށެވެ! ޖަދަލުކޮށް ޒުވާބުނުކުރާށެވެ! މައިންބަފައިންނަށް "އުފް"ވެސް ނުބުނަން އޮތް ވަޙީ ބަސްފުޅަށް ފުރިހަމައަށް ޢަމަލުކުރާށެވެ! 

- ޝައިޚް ޢަޙްމަދު ޢަލީ ގެ ދަރުސަކުން

މިއަދު އޮންލައިން