ސުވަރުގެ އެދޭމީހާ ޒަވާޖީ ޙަޔާތް އުފާވެރިކުރަން ގަދައަޅައި މަސައްކަތްކުރާނަމަ ނަރަކައަށް ވަންނަން ޖެހޭނެ ގިނަ ފާފަތަކުން ސަލާމަތްވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ސުވަރުގެ އެދޭމީހާ ޒަވާޖީ ޙަޔާތް އުފާވެރިކުރަން ގަދައަޅައި މަސައްކަތްކުރާނަމަ ނަރަކައަށް ވަންނަން ޖެހޭނެ ގިނަ ފާފަތަކުން ސަލާމަތްވެވޭނެ!

ޙަޔާތުގެ ބައިވެރިޔާ ގާތު އޭނާ ދެކެ ލޯބިވާކަމަށް ބުނަން ވަކި ޢުމުރެއް ނެތެވެ. ޢުމުރުން ކިތަންމެ ގިނަ ދުވަސްވެ ކިތަންމެ މުސްކުޅިވެފައިތިބި ނަމަވެސްމެއެވެ. އެހެނީ ލޯބިވުމަށާއި ލޯބިވާކަން ބަޔާންކުރަން ވަކި އުމުރެއް ނެތެވެ. ލޯބިވުމަށާއި ލޯބި ބޭނުންވުމަށްވެސް ވަކި އުމުރެއް ނެތެވެ! ލޯބި ނުލިބިގެން ޝަކުވާކުރަންވެސް ހިތާމަކުރަންވެސް ވަކި ޢުމުރެއް ނެތެވެ! މިއީ ހުރިހާ ޢުމުރެއްގައިވެސް ހަމަ އެންމެ ބޮޑަށް ބޭނުންވާ ކަންކަމެވެ. 

އޭހެނަސް މިއަދު މިފެންނަނީ ކައިވެނިކުރުމަށްފަހު ލޯބިވާކަން ދުލުން ބުނެލަންވެސް ނުކެރިގެން އުޅޭތަނެވެ. ކައިވެނީގެ ކުރިން ތަސްބީޙައެއް ކިޔާހެން ބުނަމުން އައި ބަސްތައް ކައިވެނީގެ ފަހުން ބުނަން ފަސްޖެހޭނަމަ އެއީ ކިހައި ދެރަކަމެއްހެއްޔެވެ؟ ކުރިން ބުނީ ލޯބިން ކަމަށްވާނަމަ ކައިވެނިކުރުމުން އެހެން ބުނަން އޮތީ ކޮން ހުރަހެއް ހެއްޔެވެ؟ ނޫނީ ކުރިން ލޯބިވާކަމަށް ބުނަމުން އައީ ލޯބިނުވެ ހރެހެއްޔެވެ؟ ލޯބިވެގެން ބުނަމުން އައި ބަސްތަކެއް ނަމަ ކައިވެންޏަށްފަހު ލޯތްބަށް އެވީ ކިހިނަކުން ހެއްޔެވެ؟ 

މުސްލިމުންގެ ގޮތަކަށްވާންޖެހޭނީ ކައިވެނީގެ ކުރިން ބުނަން ލަދުވެތިވި ބަސްތައްވެް ކައިވެންޏަށްފަހު ބުނެ ހާމަކުރުމެވެ. ވީމާ ކައިވެނީގެ ކުރިން ލޯބިވާކަމަށްވުރެ މާގިނައިން ކައިވެންޏަސްފަހު ލޯބިވާކަން ހާމަކުރާށެވެ! ޒަވާޖީ ޙަޔާތް ތާޒާކަންމަތީގައި ކުރިއަށް ގެންދަން އެންމެ ބޮޑަށް އެހީތެރިވެދޭނެ އެއް ކަމަކީ ދެމަފިރިންގެ ލޯބި ދިރުވައި އާލާކުރުމެވެ. އެކަމަށް އޮތް އެންމެ މުހިންމު ފަރުވާއަކީ ލޯބިވާކަން ހާމަކުރުމެވެ. ބަހާއި ޢަމަލުންނެވެ. އެކަކު އަނެކަކަށް ވަފާތެރިވުމުންނެވެ. 

އެހެން މީހުންނާއި ވާހަކަ ދައްކާއިރުވެސް ބައިވެރިޔާ ދެކެ ލޯބިވާ ވާހަކަ ބުނަންޖެހޭ ޙާލަތްތަކުގައި ބުނެހާމަކުރާށެވެ! އެކަން ހާމަނުކުރާނަމަ ލޯބިނުވާކަމަށް ހީކުރެވި ދެމެދަށް ޝައިޠޯނާ ވަންނާނެއެވެ! ޝައިޠޯނާގެ ހީލަތްތެރި މަޅިފަތި ކަރަށްވައްޓައިލަން މަސައްކަތްކުރާނެއެވެ! 

ސުވަރުގެ ދާން އެދޭމީހާ ޒަވާޖީ ޙަޔާތް އުފާވެރިކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ނަރަކައަށް ވަންނަން ޖެހޭނެ ގިނަ ފާފަތަކުން އެއިރުން ސަލާމަތްވެވޭނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން