މާފަށް އެދެން ޖެހޭ މިހާގެކިބައިން މާފުނުހޯދާ ހުއްޓާ މަރުވެއްޖެނަމަ ކުރެވިދާނެ ބައެއް ކަންކަން: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މާފަށް އެދެން ޖެހޭ މިހާގެކިބައިން މާފުނުހޯދާ ހުއްޓާ މަރުވެއްޖެނަމަ ކުރެވިދާނެ ބައެއް ކަންކަން: މުފްތީ މެންކް

ތިމާއެންމެ ލޯބިވާ މީހުންވެސް އަދި ދުރުމީހުންވެސް ދުނިޔެ ދޫކުރުމުން އެންމެ ގިނަ ބައަކަށް ހިތާމަކުރަންޖެހިފައި އޮންނަނީ އޭނާ ދުނިޔޭގައި ހުރިއިރު އޭނާގެ ޙައްޤުތައް އަދާނުކުރެވުނީތީއެވެ. އޭނާއަށް ހެޔޮކޮށްހިތައި އޯގާތެރިވެ އަޅައިނުލެވުނީތީއެވެ. އަދި ކީއްހެއްޔެވެ؟ އޭނާގެ ކިބައިން މަޢާފަށް އެދެންޖެހޭ ކަންކަމުގައި މަޢާފަށް ނުއެދެވި އޮތުމުންނެވެ. 

މިފަދަ ގޮތްތައް މެދުވެރިވަނީ ކޮންމެ ވަގުތަކު ވެސް، ކޮންމެ މީހަކަށްވެސް ދުނިޔެ ދޫކުރަން ޖެހިދާނެކަން ޤަބޫލުނުކުރެވޭތީއެވެ. އެކަން އެނގުނު ނަމަވެސް އެކަމަށް ބިރުވެތިނުވެވޭތީއެވެ. ކޮންމެ ވަގުތަކުވެސް ދުނިޔެ ދޫކުރަން ޖެހިދާނެކަން އެނގޭއިރުވެސް ކަމަށް ބަލައި ތައްޔާރު ނުވެވި ހުންނާތީއެވެ.  

މިކަމުގެ ނަތީޖާއަކަށްވަނީ އޭނާގެ ކިބައިން މާފަށް އެދުނުނަމަ މާފުލިބޭނެ ކަންކަމުގައިވެސް މާފަށް ނުއެދެވި އޮތުމުން ޤިޔާމަތް ދުވަހު އެކަމާއި ކުރިމަތިލާންޖެހުމެވެ. އޭނާއަށް ހެޔޮކޮށް ހިތިނަމަ ޘަވާބު ލިބުމުގެ ފުރުޞަތުއޮވެމެ އެކަން ނުކުރެވި އޮތުމުން އެ ޘަވާބު ވެސް ނުލިބި އޮތުމެވެ.  

މިފަދަ ގޮތެއް މެދުވެރިވި ނަމަވެސް މާޔޫސްނުވާށެވެ! އެމީހާއަށްޓަކައި ހެޔޮ ދުޢާކުރާށެވެ! އެމީހަކަށް ﷲ ތަޢާލާ ޘަވާބު ދެއްވަވާނެ ޢަމަލުތައްކުރާށެވެ! އެމީހާއަށްޓަކައި ޞަދަޤާތްކުރާށެވެ! ޤިޔާމަތް ދުވަހު އެމީޙަކަށް ފައިދާކުރާނެ ކަންކަންކުރާށެވެ! ހަމައެއާއިއެކު މީހަކަށް ނުބައި ބަހެއް ބުނެވިފައިވީނަމަވެސް އެމީހަކަށްޓަކައި ހެޔޮދުޢާކުރަންވާނެއެވެ. 

މިކަމުގައި ކޮންމެ ދެމަފިރިއަކުވެސް ވިސްނަން ޖެހޭނެއެވެ. ކޮންމެ މީހަކީވެސް ކޮންމެ ވަގުތެއްގައިވެސް ދުނިޔެ ދޫކުރަންޖެހިދާނެ މީހަކަށްވާއިރު ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލައަކަށް ފިތުނައަކަށް ހަދައި ހިތުގައި ބާއްވައިގެން ނުނިދާށެވެ! ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން އެކަކު އަނެކަކަށް މާފުކުރާށެވެ! ހިތްހެޔޮކުރާށެވެ! ދުނިޔޭގައި ތިބެ އެކަން ނުކުރިނަމަ އެކަން ޢާޚިރަތް ދުވަހުން އެމީހަކާއި ކުރިމަތިވާނެކަމަށް ބިރުވެތިވާށެވެ! ދުނިޔޭގައި ތިބެ ހިތް ހަލާލު ހޯދެން ހުރި ކަންކަމުގައި އެފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާށެވެ!  

ހަމައެފަދައިން މައިންބަފައިންގެ ހިތްޙަލާލުވެސް ހޯދަމުން ގެންދާށެވެ! ކޮންމެ ދުވަހަކުވެސް އެމީހުންނާއި ބައްދަލުކުރާށެވެ! ބައްދަލުނުކުރެވޭނަމަ ފޯނުން ނަމަވެސް ވާހަކަދައްކާށެވެ! އެމީޙުންގެ ހިތުގައި އެއްވެސް ހިތްބުރަކަމެއް އޮތަ ނުދޭށެވެ!  

މިކަންކަމަކީ އާޚިރަތް ދުވަހަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. ވީމާ ފަރުވާކުޑަނުކުރާށެވެ! ފަރުވާކުޑަކުރެވިއްޖެ ނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ ކަމަށް ބިރުވެތިވާށެވެ!

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން