އަހަރެމެންނަށް އަބަދުވެސް މިތިބެވެނީ ފާފަތައް ކުރެވިކުރެވި ކަމަށްވުމުން އަބަދުވެސް ތިބެން މިޖެހެނީ ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރުންމަތީގައެވެ. މިގޮތުން އެންމެ ގިނަ ބައަކު ކުރާކަމަކީ އިސްތިޣްފާރުކުރުމެވެ ގިނަގިނައިން އަސްތަޣްފިރުﷲ ކިޔުމެވެ.
މިގޮތުން އަސްތަޣްފިރުﷲ ކިޔާއިރު ބައެއް މީހުން ވަރަށް އަވަހަށް ކިޔައެވެ. ނަމަވެސް އެއީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ. ކިޔަންވާނީ މިކިޔަނީ ކޮން އެއްޗެއްކަން ހިތަށް ގެންނަމުންނެވެ. ތިމާ މިދަންނަވަނީ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުންކަމާއި އެކަމުގެ ބޮޑުކަން ހިތްމައްޗަށް ގެންނަމުންނެވެ.
ތިމާއަށް އެންމެ ގިނައިން ކިޔޭ ކަލިމައަކީ އަސްތަޣްފިރުﷲ އަށް ހަދާށެވެ! އެއީ ވަކިވަގުތަކު ކިޔަން އޮތް ކަލިމައެއް ނޫނެވެ! އެކަމުގެ ހިތް މައްޗަށް ގެނެސް ﷲ ތަޢާލާއަށް ބިރުވެތިވެ ގިނަގިނައިން ފާފަފުއްސަވައި ދެއްވެވުމަށް އެދޭމީހާގެ ހުރިހާ ބޭނުންތަކެއްވެސް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ވެސް އެންމެ ގިނައިން ކުރަން އޮތްކަމަކީ ފާފަފުއްސަވައިދެއްވެވުން އެދި ދެންނެވުން ގިނަކުރުމެވެ. އެކަމުން އެނގިގެންދަނީ ފާފަުރެވޭތީ އެމީހަކު ދެރަވެ ހިތާމަކުރާކަމެވެ. ފާފަތައް ފުއްސަވައިދެއްވެވުން އެދި ނުދެންނެވުމަކީ ބޮޑާ، ކިބުރުވެރިންގެ ސިފައެކެވެ.
- މުފްތީ މެންކުގެ ދަރުސަކުން