މިއަދަކީ މިއަހަރުގެ އާޝޫރާ ދުވަހެވެ! ތިމާއަކީ ކަލަކު ކަމަށް ދައުވާކުރި ނުބައި ނުލަފާ ބޮޑު ޖައްބާރު ފިރުއަޢުނުގެ އަނިޔާވެރިކަމުން މޫސާގެފާނާއި މޫސާގެފާނުގެ ލަޝްކަރު ސަލާމަތްކުރެއްވެވި ދުވަހެވެ. ފިރުއަޢުނާއި ފިރުއަޢުނުގެ ލަޝްކަރު ޣަރަޤުކުރެއްވެވި ދުވަހެވެ.
މިފަދަ ދުވަހެއްގައި ހަނދާންކުރަންވީ ބައެއްކަންކަން އެބަހުއްޓެވެ. އެއިގެ ތެރެއިން ފުރަތަމަ ކަމަކީ އެމީހަކު އުޅޭނެހައި ގޮތަކަށް ދުނިޔޭގައި އުޅެފައި ކުރާނެހައި ކަމެއްކޮށްފައި އެންމެފަހުވަގުތު ޝަހާދަތް ކިޔައި ތައުބާވާން މަސައްކަތްކުރިނަމަވެސް އެފުރުޞަތު ނުލިބިދާނެކަމެވެ. އެފުރުޞަތު ﷲ ތަޢާލާ ނުދެއްވަވައިފާނެ ކަމެވެ.
އެ ނުބައި ނުލަފާ ޖައްބާރު ފިރުއަޢުނު ވެސް ސަލާމަތްވެވޭނެ އެހެން އިތުރު އެއްވެސްގޮތެއް ނެތްކަން އެނގުމުން ޝަހާދަތް ކިޔައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން މަސައްކަތްކުރިއެވެ. އެކަން އޭނާއަށް ނުކުރެވުނީއެވެ. ހަމައެކަނި އެންމެ ސަބަބަކާއިހުރެއެވެ. އެ ސަބަބު ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ!
"ފިރުއަޢުނު ކަނޑަށް ޣަރަޤުވަމުންދިއަ ވަޤުތު ޝަހާދަތްކިޔައި ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް އެކަމަށް ހެކިވާން މަސައްކަތްކުރިއެވެ. ޝަހާދަތް ކިޔަން އަނގަ ހުޅުވުމުން ޖިބްރީލްގެފާނު ކޯރުގެއަޑިން ކިސަޑުނަންގަވައި ފިރުއައުނުގެ އަނގައަށް އުއްކެވިއެވެ.
ޖިބްރީލްގެފާނުގެ މިޢަމަލުފުޅާއި ގުޅިގެން ﷲ ތަޢާލާ ޖިބްރީލްގެފާނަށް ވަޙީކުރެއްވެވިއެވެ. "އެކަންކުރެއްވެވީ ކީއްވެގެންތޯއެވެ؟ ކިސަޑުއުއްކެވިނަމަވެސް ފިރުއަޢުނު އިޚްލާޞްތެރިކަމާއިއެކު ތައުބާވީނަމަ ތިމަން ﷲ އޭނާގެ ތައުބާ ޤަބޫލުފުޅުކުރެއްވެވީމުހެވެ."
އެނގިގެން މިދިއައީ އެނުބައި ނުލަފާ ފިރުއަޢުނަށް ތައުބާނުވެވުނީ އެނާގެ ކިބައިގައި އެއްވެސް މިންވަރަކަށް އިޚްލާޞްތެރިކަމެއް ނެތުމުން ކަމެވެ. އިޚްލާޞްތެރިކަން ހުރި ނަމަ އެނުބައި ނުލަފާ ފިރުއަޢުނުގެ ތައުބާވެސް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެކަމެވެ.
އާޝޫރާ ދުަވަހަކީ މުސްލިމުންނަށް ނަޞްރު ދެއްވެވި ރަޙްމަތުގެ ދުވަސްކަން އެނގިގެންދާ އެންމެ ބޮޑު އެއްސަބަބަކީ ﷲ ތަޢާލާގެ މިވަޙީ ބަސްފުޅެވެ. އެނުބައި ނުލަފާ ޖައްބާރު ފިރުއަޢުނުވެސް އިޚްލާޞްތެރިކަމާއިއެކު ތައުބާވުމަށް އެދުނު ނަމަ ތައުބާ ޤަބޫލުފުޅު ކުރައްވަވާނެ ކަމަށް ވަޙީކުރެއްވެވުމުން އިޚްލާޞްތެރި އަޅުންނަށް އެކަލާނގެ ރަޙްމަތް އޮތް މިންވަރު އެނގިގެންދާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން