މޫސާގެފާނާއި މޫސާގެފާނަށް ތަބަޢަވެގެން ތިބި މުސްލިމުންކޮޅު އަތުލައިގަތުމަށް ފިރު އަޢުނު އޭނާ ބިޔަ ލަޝްކަރުގޮވައިގެންގޮސް ކުރިމަތިލިހިނދެވެ! މޫސާގެފާނުގެ އަތްޕުޅުގައިވާ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށް ﷲ ތަޢާލާ މޫސާގެފާނަށް އަމުރުފުޅު ކުރެއްވެވި ހިނދެވެ.
އެ ހިނދުގައި މޫސާގެފާނު އެއްވެސް އިތުރު ސުވާލެއް ނުކުރައްވަވައެވެ. އަދި ޝަކުވާގެ ނުވަތަ ކަންބޮޑުވެވަޑައިގަތުމުގެ ބަސްފުޅެއްވެސް ވިދާޅެއް ނުވެއެވެ! ﷲ ތަޢާލާ އަމުރުފުޅުކުރެއްވެވި ފަދައިން ޢަމަލުފުޅުކުރެއްވެވީއެވެ. އެކަމުގެ ނަތީޖާއަކަށްވެގެންދިއައީ މޫސާގެފާނާއި އެކަލޭގެފާނުގެ އަރިއަހުގައި ތިބި އެންމެން ފިރުއަޢުނުގެ ކިބައިން ސަލާމަތްވުމެވެ. އަދި ފިރުއަޢުނާއި އޭނާގެ ބިޔަ ލަޝްކަރު ކަނޑަށް ޣަރަޤުކުރެއްވެވުމެވެ.
ސުވާލަކީ ހާސްވުމާއި ކަންބޮޑުވުމުގެ ވަގުތުތަކުގައި ޢަމަލުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް މިއަދު އަހަރެމެންނަށް ޢަމަލުކުރެވޭހެއްޔެވެ؟ ރަސޫލް (ޞޢވ) ދަސްފުޅުކޮށްދެއްވެވި ފަދައިން ޢަމަލުކުރެވޭހެއްޔެވެ؟ ހިތުގައި އުފެދޭ އުދާސްތައް ޝަކުވާގެ ގޮތުގައި ބޭރުނުކުރަމުހެއްޔެވެ؟ ﷲ ތަޢާލާގެ ރަޙްމަތްފުޅަށް އިތުބާރުކުރެވޭ ހެއްޔެވެ؟
ބަޤަރާ ސޫރަތުގެ 3 ވަނަ އާޔަތަށްބަލާށެވެ! "އެއުރެންނީ ޣައިބަސް އީމާންވާ، އަދި ނަމާދު ޤާއިމުކުރާ، އަދި ތިމަން ރަސްކަލާނގެ އެއުރެންނަށް ދެއްވެވި ތަކެތިން ހޭދަކުރާ މީހުންނެވެ" އޮތް ބަސްފުޅަށް ވިސްނާށެވެ!
އަހަރެމެންވާންޖެހޭނީ އަބަދުވެސް ޣައިބަށް އީމާންވާ ބައަކު ކަމުގައެވެ. ﷲ ތަޢާލާ މިންވަރުކުރައްވަވާ ކޮންމެ ކަމެއް ބަލައިގަންނަން ތައްޔާރަށް ތިބޭ ބައަކަށެވެ. މުޞީބާތުގެ ވަގުތުގައިވެސް އަދި އެހެން ވަގުތުތަކުގައިވެސް އަބަދުވެސް ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންވާ ބައަކު ކަމުގައެވެ. ނަމާދުޤާއިމުކޮށް ﷲ ތަޢާލާގެ މަގުގައި ހޭދަކުރާ ބައަކުކަމުގައިވެ ތިބެ ﷲ ތަޢާލާގެ އަމުރުފޅުތަކަށް ކިޔަމަންތެރިކަން އަދާކުރާ ބައަކު ކަމުގައިވާނަމަ ކުރިމަތިވާ ހުރިހާ ކަންކަމަކުންވެސް ﷲ ތަޢާލާ އެމީހަކު، އެބައަކު ސަލާމަތްކުރައްވަވާނެތެވެ.
ފަށަމުން މިބަޔާންކުރި މޫސާގެފާނުގެ ވާހަކައިންވެސް އެނގިގެންދަނީ ހަމައެކަމެވެ. ބަނީއިސްރާއީލުގެ އެންމެން ސަލާމަތްކޮށްދެއްވެވި މިހާދިސާއަކީ ހަމަ މިއަދުވެސް އަހަރެމެން ވިސްނައި އަމަލުކުރަން އޮތް އެންމެ ވަރުގަދަ ފިލާވަޅެވެ. އަަހރެމެންގެ ކިބައިގައިވެސް އެ ސާބިތުކަން ހުރެއްޖެ ނަމަ އަހަރެމެންނަށްވެސް ނަޞްރު ދެއްވަވާނެތެވެ. އިން ޝާ ﷲ
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން