ކުރެވޭ އަޅުކަމަކުން ނަރަކައަށް ވަންނަންޖެހި ކުރެވޭ ފާފައަކުން ސުވަރުގެ ވަދެވޭ ބައަކު ތިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކުރެވޭ އަޅުކަމަކުން ނަރަކައަށް ވަންނަންޖެހި ކުރެވޭ ފާފައަކުން ސުވަރުގެ ވަދެވޭ ބައަކު ތިބޭނެ!

އިބްނު އަލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ބައެއް މީހުންނަށް ސުވަރުގެ ލިބިގެންދާ ސަބަބަކީ އެމީހަކަށް ކުރެވުނު ފާފައެއްކަމުގައިވެދާނެއެވެ. އަދި ބައެއް މީހުންނަށް ނަރަކައަށް ވަންނަން ޖެހޭ ސަބަބަކީ އެމީހާއަށް ކުރެވުނު ހެޔޮޢަމަލެއް ކަމުގައިވެސް ވެދާނެއެވެ. 

މިބަސްފުޅުގެ މާނައަކީ މީހަކަށް ފާފައެއް ކުރެވުމުން އެކަމާއިދެރަވެ ހިތާމަކޮށް ކަރުނައަޅައި އެކަމުގެ ބަދަލުގައި ކުރާ ހެޔޮ ޢަމަލުތަކާއި ފާފަފުއްސަވައިދެއްވެވުން އެދި ކުރާ ދުޢާއިން އެމީހާއަށް ސުވަރުގެ ލިބިގެންދާކަމުގެ ވާހަކައެވެ. 

ކުރެވޭ ހެޔޮ ޢަމަލުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހިދާނެކަމުގެ ވާހަކައަކީ މީހާ ހެޔޮ އަމަލުކުރުމަށްފަހު އެކަމުގެ ވާހަކަ ދައްކުމާއި ކުރާ އަޅުކަމާއި ގުޅިގެން ދެއްކުންތެރިކަމުގެ ގޮތުން ކަންކަން ކުރެވުން ފަދަ ކަންކަމުގެ ސަބަބުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުގެ ބަދަލުގައި ކޯފާވެވޮޑިގަތުން ލިބިގެން ހިނގައިދާނެ ކަމުގެ ވާހަކައެކެވެ. 

ދެއްކުންތެރިކަމުގެ ޒައްރެއްގެ މިންވަރު ހިތުގައި އޮތް މީހާ ސުވަރުގޭގެ ވަސްވެސް ނުދެކޭނެތެވެ. ވީމާ އަޅުކަންކުރުމުގައި ވެސް މިކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވިއްޖެނަމަ ސުވަރުގޭގެ ބަދަލުގައި ނަރަކައަށް ވަންނަން ޖެހުމަކީ ވަރަށް ގާތް ކަމެއްކަމަށް ބަލައި ބިރުވެތިވާށެވެ! ދެއްކުންތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ކިތަންމެ ކުޑަ ހިނދުކޮޅަކަށްވެސް ހިތުގައި ނުބާއްވާށެވެ! 

ކުރާ ކޮންމެ ހެޔޮ އަމަލެއް ކުރަންވީ ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. ތިމާކުރާ ޢަމަލަކަށް ދުނިޔޭގެ އެންމެންގެ ރުހުމާއި ތާއީދު ލިބުނު ނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނަމަ ޤިޔާމަތްދުވަހު ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ވީމާ ކުރާ އަޅުކަންކުރަންވީ އެކަމަށް ވިސްނައިގެންނެވެ. އަދި ކޮންމެ ޢަމަލެއްވެސް ކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވާނެ މަގުންނެވެ! 

- ޝައިޚް އަބޫބަކުރު ޒައުދު

މިއަދު އޮންލައިން