އަހަރެމެންތެރޭގައި އަދިވެސް އޮތް އެންމެ ބޮޑު އެއް ނުބައަކީ ފާފަކުރެވޭ މީހުންނަކީ ނުބައި ބައެއް ކަމަށް ބަލައި އެމީހުންނާއި އަޅައިނުލުމެވެ. އެމީހުން މުޖުތަމައުން ބާކީކޮށްލުމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފުރަތަމަ ކަމަކަށް ފާފައެއް ކުރެވުނު ނަމަވެސް އެމީހަކަށް ނަފްރަތުނުކުރާށެވެ! ފާފަނުކުރަން އޭނާއަށް ހިތްވަރުދޭށެވެ! ނަޞޭޙަތްތެރިވާށެވެ! ފާފަފައެއް ކުރެވެނިކޮށް ފެނިއްޖެ ނަމަ އެއީ ނަރަކަވަންތަވެރިއެއްކަމަށް ނިންމައި އެމީހަކު ދޫކޮށްނުލާށެވެ!
އެއްވެސް ފާފައެއް ނުކުރެވޭ އެއްވެސް އިންސާނަކު ދުނިޔެއަށް އުފަންވެފައެއް ނުވެއެވެ. މިހެން މިބުނަނީ ނަބީބޭކަލުންނާއި ރަސޫލްބޭކަލުންވެސް ހިމަނައިގެންނެވެ. އާދަމްގެފާނުން ފެށިގެން ދުނިޔެ ނިމެންދެންވެސް އެކަން ދެމިއޮންނާނީ އެގޮތުގައެވެ.
މީހަކަށް ފާފައެއް ކުރެވެނިޮށް ފެނިއްޖެ ނަމަ އެމީހާގެ އަތުގައި ހިފައި އެމީހަކު ގާތްކޮށް، އެމީހަކަށް ހެޔޮކޮށް ހިތައި ވިސްނައިދީގެން އެމީހާ ގޮވައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާށެވެ! ތިބާއަށް ސުވަރުގެ ވަދެވޭ ސަބަބަކީ އެމީހާ ގޮވައިގެން ސުވަރުގެވަންނަން ކުރެވޭ މަސައްކަތް ކަމުގައިވެދާނެ ކަމަށް ބަލައި އެކަމަށް ދަހިވެތިވާށެވެ!
މީހަކަށް ތެދުމަގުދައްކައިދިނުމުގެ މަތިވެރިކަން އެނގޭނަމަ އެ މަސައްކަތް ހަމައެކަކުވެސް ހުއްޓައިވެސް ނުލާނެއެވެ! އެންމެ ގިނައިން ކުރާނީ އެ މަސައްކަތެވެ! ވީމާ ވީހައި ގިނަބައަކު ގޮވައިގެން ސުވަރުގެ ވަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އެމަސައްކަތުގެ ތެރެއިން ތިބާއަށް ކާމިޔާބާއި ފަލާޙް ލިބުމަށް އުންމީދުކޮށްގެން މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން