ރަސޫލް (ޞޢވ) ބައެއް ޞަޙާބީންނަށްޓަކައި ވަނީ ވަރަށް މުހިންމު ހެޔޮދުޢާތައް ކުރައްވަވައި ދެއްވަވައިފައެވެ. ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރިކަމުގެ ޚަބަރުވެސް ވަނީ ބައެއް ޞަޙާބީންނަށް ދެއްވަވައިފައެވެ.
މިފަދަ ޚަބަރުތައް ގިނައިން ދެއްވަވަނީ ގިނަ ޢަދަދެއްގެ ޞަޙާބީން ތިއްބަވާ މަޖިލިސްތަކުގައެވެ. އެހެންކަމާއިއެކުވެސް އެއްވެސް ޞަހާބީއަކު އެއިން އެއްވެސް ކަމަކާއި ގުޅިގެން އެއްވެސް ޝަކުވާއެއް ނުކުރައްވަވައެވެ. މަސައްކަތްޕުޅުކުރައްވަވަމުން ގެންދެވީ އެފަދަ މަތިވެރި ދަރަޖައެއް، ރަޙްމަތެއް އެބޭކަލުންނަށްވެސް ލިބިވަޑައިގަތުން އެދިވަޑައިގެނެވެ.
އެއީ އެކަންކަން އެގޮތަށް މެދުވެރިވަނީ ﷲ ތައާލާގެ މަތިވެރިޙަޟްރަތުންކަމުގެ ފުރިހަމަ ޔަޤީންކަން އެބޭކަލުންގެ ހިތްޕުޅުގައި އޮތުމުންނެވެ. އަދި އެބޭކަލުންނަށް ﷲ ތަޢާލާ ދެއްވަވަން ކަނޑައަޅުއްވަވާ އެއްވެސް ނިޢްމަތެއް ލިބިވަޑައި ނުގަންނަވާނެ ކަމުގެ ޔަޤީންކަން އެބޭފުޅުންގެ ހިތްޕުޅުގައި އޮންނާތީއެވެ!
އަހަރެމެންގެ ކިބައިގައިވެސް އޮންނަންވީ ހަމަ އެ ޔަޤީންކަމެވެ. އަނެކާއަށް ދެއްވަވާފައިވާ ނިޢްމަތްތަކަށް ހަސަދަވެރިވމެއް ނެތެވެ! އެއްވެސް މީހަކަށް ދެއްވަވާ ނިޢްމަތަކާއި ގުޅިގެން ހަސަދަވެރިވެވޭނަމަ، ހިތުގައި ޢަދާވާތްތެރިކަން އުފެދޭނަމަ އެކުރެވެނީ ވަރަށް ބޮޑު ފާފައެކެވެ. އެނގިގެން އެދަނީ އެމީހާގެ ކިބައިގައި އީމާންކަން ކުޑަ މިންވަރެވެ. ވަކީލުކުރުން ކުޑަކަމެވެ.
އެހެން މީހުން ދިރިއުޅޭ ފެންވަރާއި ލާފޭރާމާއި ކައިއުޅޭތަކެއްޗާއި އަޅާ ގަހަނާފަދަތަކެއްޗާއިމެދު ނުވެސް ވިސްނާށެވެ! ކޮންމެ މީހަކަށްވެސް ދެއްވަވާނީ އެމީހަކަށްދެއްވަވަން ކަނޑައަޅުއްވަވާފައިވާ ކަންކަމެވެ. ދެއްވަވަން ކަނޑައަޅުއްވަވާފައިވާ މިންވަރަކަށެވެ.
މުހިންމީ އެހެން މީޙުންނަށް ދެއްވަވާ ކަންކަމާއިމެދު ވިސްނުމެއް ނޫނެވެ. އެކަންކަމާއިމެދު ފިކުރުކުރަން ވަގުތު ބޭކާރުކުރުމެއްވެސް ނޫނެވެ. މުހިންމީ އެމީހާގެ އަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރުމާއި ހެޔޮ ޢަމަލުކުރުން ގިނަކުރުމާއި އެމީހާ އެދޭ ކަންކަން ހިތްމަވައިދެއްވެވުން އެދި ދެންނެވުން ގިނަކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
--