އެހެން މީހުންގެ ކުށް ހޯދުމަކީ ވަރަށް ގިނަ މީހުންނަށް ކުރެވޭ ކަމެކެވެ. އެގޮތުން މީހުންނަށް ކުރެވޭ ފާފަތަކުގެ މައުލޫމާތު ހޯދައި ޢާންމުކުރުމާއި ފަޟީޙަތްކުރުމަކީ ކުރަމްުން އަންނަ ކަންކަމެވެ. އެންމެ ބޮޑު ހިތާމައަކީ އެއްވެސް މީހަކަށް އެމީހާއަށް އަމިއްލައަށް ކުރެވޭ ކުށްތައް ނުއެނގޭކަމެވެ.
ނިކަންވިސްނައިލަބަލާށެވެ! ދޮގުހެދުން މިއަދު ދުނިޔެއަށް ޢާންމުވެފައިވާ މިންވަރުން އެއީ ކުރެވޭ ފާފައެއް ކަމަށް ޤަބޫލުކުރާ މީހަކުވެސް ނެތްކަމަށް ބުނެވޭ ހާލަތަށް ދޮގުހެދުން މިވަނީ ޢާންމުވެފައެވެ. ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ސިޔާސީ މަޤާމަކަށް ދެވިއްޖެނަމަ ތެދުހަދައިގެން ނުވާނެ ކަމަށާއި ހަދަން ޖެހޭނީ ހުސް ދޮގުކަމަށެވެ. އެމީހުންގެ މި ނުބައި ވިސްނުން ޤަބޫލުކޮށް އެމީހުންގެ ފައިސްބައިގައި އެލިގެން އުޅޭ މީހުންނަކީވެސް ދޮގުހަދަނަ ޖެހިލުންވާ ބައެއް ނޫނެވެ.
ޖާހިލުކަން ހައްދުފަހަނައަޅައިދިއުމުން ﷲ ތަޢާލާއަށް ބިރުވެތިވުން ނެތިގެންދާނެއެވެ. ވީމާ ބާރުހުރި މަޤާމުތައް ލިބުމުން ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ވަރަކަށް ބިރުވެރިކަމެއް ނުއޮންނަނީއެވެ. އެހާލަތަށް ދިއުމުން ދޮގުވެސް ހަދާނެއެވެ. ވައްކަންވެސްކުރާނެއެވެ. މީހުންވެސް މަރާނެއެވެ. ހުރިހާ ނުބައި އަމަލުތަކެއް ވެސް ކުރާނެއެވެ!
ރައްޔިތުންގެ ވެރިކަން ލިބުމުން ނުވަތަ އެނޫންވެސް މަތީ މަޤާމެއް ލިބުމުން ދޮގުހެދުމަކީ ހުއްދަކަމެއް ކަމަށް ދެކޭ މީހުން ނިކަން ވިސްނައިލަބަލާށެވެ! ތިމާގެ ތުއްތު ދަރިފުޅަށް ދޮގުހެދުމަކީވެސް ފާފައަކަށްވާއިރު ބޮޑެތިހައި ދޮގުތައް ހަދާފައި "އެއީ ސިޔާސީ ވާހަކަ" ކަމަށް ބުނުމަކުން ނުފުދޭނެއެވެ!
އިސްލާމް ދިނުގައި އޮތީ އެއް ޙުކުމެކެވެ. ޢަމަލުކުރަންޖެހޭނީ އެއް ގޮތަކަށެވެ. ޙަރާމްކުރައްވާފައިވާ ކަމެއްކުރަން ބޭނުންވުމުން އަމިއްލައަށް އެކަންކުރުން ހުއްދަކުރެވޭނެ އެއްވެސް މަގެއް އިސްލާމްދީނަކުނެތެވެ. ނަމަވެސް ކުރިން ބުނިފަދައިން ދޮގުބުނުން މިހާރު ޢާންމުވެފައި މިއޮތްމިންވަރުން އެއީ ކުރެވޭ ފާފައެއް ކަމަށްވެސް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.
އެއީ ކުޑަފާފައެއް ކަމަށް ބަލައި އެއްވެސް ފާފައެއް ނުކުރާށެވެ! އެންމެ ކުޑަމިނުން އަނބިދަރިންނަށް ނަމަވެސް ދޮގުބުނުމަކީ ކުޑަފާފައެއް ނޫނެވެ. ބުނާ ދޮގުގެ ސަބަބުން އަނެކުންނަށް ކުރާ އަސަރަށް ބަދަލުދޭންޖެހޭނެއެވެ.
ދަރިފުޅު ގޮވައިގެން ހަވީރު ޕާކަށްދާނެކަމަށް ބުނީމާ ދަރިފޅު ހުންނާނީ އެކަމަށް ތައްޔާރުވެގެންނެވެ. އެކަންކޮށްނުދީފިނަމަ އުފުލަންޖެހޭނީ ހަމައެކަނި ދޮގުހެދިކަމުގެ ފާފައެއް ނޫނެވެ. ދަރިފުޅު ކުރި އިންތިޒާރުވެސް ވެގެންދާނީ ހަމަ ފާފައަކަށެވެ. ބަދަލުދޭންވެސް ޖެހޭނެއެވެ. ވީމާ މީސްތަކުންނަށް ދޮގުތައް ހަދައި އޮޅުވާލުމުގައި ހުރި ނުބައިކަން ނިކަން ދެކިބަލާށެވެ!
ވީމާ އެއްވެސް މީހަކަށް ދޮގުހަދައި އެއްވެސް ކަމެއް އޮޅުވައިނުލާށެވެ! އެދޮގަކީ ތިބާގެ އަތުގައި ހިފައި ދަމައި ނަރަކައަށްވައްދުވާނެ އަމަލުކަމުގައިވެދާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން