ޙަޔާތުގެ ކޮންމެ ކަމެއް ވަގުތުންވުމަށް ނޭދޭށެވެ! ކެތްތެރިކަން އިސްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޙަޔާތުގެ ކޮންމެ ކަމެއް ވަގުތުންވުމަށް ނޭދޭށެވެ! ކެތްތެރިކަން އިސްކުރާށެވެ!

އިންސާނުންގެ ކިބައިގައި ހުރުން އެންމެ މުހިންމު ސިފައަކީ ކެތްތެރިކަމެވެ. ކެތްތެރިކަމުގެ އަގު ﷲ ތަޢާލާގެ ޙަޟްރަތުގައި އެހައިބޮޑުވެގެންދަނީ އެސަބަބަށްޓައެވެ. ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގިއެދޭ މީހުންނާއިއެކުގައިކަމަށް ވަޙީ ބަސްފުޅުގައި އޮތުމުން މިކަމުގެ ދަލީލަކަށް ފުދެއެވެ. 

އަހަރެމެން ކޮންމެ މީހަކީވެސް ދިރިއުޅުމުގައި އެތައް ބައިވަރު ކަންކަމަށް އަބަދުވެސް ބޭނުންވެފައި ތިބެންޖެހޭ ބައެކެވެ. ކޮންމެ ކަމަކަށްވެސް އެދި ދަންނަނަވަން ޖެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. އެކަލާނގެ އަނގަވާފައިވަނީވެސް ކޮންމެ ކަމަކަށް އެދިގެންވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަށެވެ. ވީމާ ހަމަ ދަންނަވަމުން ގެންދަންވީއެވެ. 

ވިސްނަންވީ 2 ކަމަކަށެވެ. އެއީ ކެތްތެރިކަން އިސްކުރުމަށާއި ނަމާދު ޤާއިމުކުރުމަށެވެ. ނަމާދުޤާއިމުކުރުމުގެ މާނައަކީ ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރަމުން ގެންދިއުމެވެ. އަދި ފަރުވާތެރިވެ ޖަމާޢަތުގައި ކުރަން މަސައްކަތްކުރުމެވެ. ވަގުތުޖެހުމުން ވީހައި އަވަހަކަށް ނަމާދުކުރުމެވެ. 

އަހަރެމެންނަށް ސަލާމަތް ޞިއްހަތުގައި ބަނޑުފުރާނަ މުއްތިކޮށްގެން ތިބެވޭނަމަ އަހަރެމެންނަށް އެވަނީ ﷲ ތަޢާލާގެ ނިޢްމަތް ލިބިފައެވެ. ކެތްތެރިވާށެވެ! ޝުކުރުވެރިވާށެވެ! ބޭނުންވެގެން ހުންނަ ހުރިހާ ކަންކަން ވަގުތުން ފުރިހަމަވާނެ ކަމަށް އުންމީދުވެސް ނުކުރާށެވެ! 

ކޮންމެ މީހަކުވެސް އެދޭނީ ނުވަތަ ބޭނުންވާނީ އެމީހަކު ބޭނުންވާހައިކަންކަން ވަގުތުން ވަގުތަށް ފުރިހަމަވުމަށެވެ. ނަމަވެސް ﷲ ތަޢާލާ ކޮންމެ ކަމެއްވެސް ފުރިހަމަކުރައްވަވައި ދެއްވަވާނީ އެކަމަކުން އެމީހަކަށް އެންމެ ބޮޑަށް ފައިދާކުރާނެ ވަގުތުގައެވެ. އެކަމުގެ ޔަޤީންކަން ހިތުގައި ބާއްވާނަމަ ކަންކަން ޙާޞިލު ނުކުރެވި ލަސްވެގެން އުފެދޭ ކަންބޮޑުވުންތަކުން ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ 

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން