މުސްލިމުންނަކީ އެއްވެސް މީހަކާއިމެދު ޝައްކުކޮށްގެންވާނެ ބައެއް ނޫނެވެ. ޝައްކުކުރުމަކީ ކުޑަކަމެއް ކަމުގައި ނުދެކޭށެވެ! އެއީ ބޮޑުފާފައެކެވެ.
ތިމާ އާއިއެކުގައި އުޅޭ ގާތް މީހަކާއިމެދު ހިތުގައި އެއްވެސް ޝައްކެއް އުފެދިއްޖެ ނަމަ އެކަން ރަނގަޅަށް ބަލާށެވެ! އެކަމުގެ ޙަޤީޤަތް އޮޅުންފިލުވާށެވެ! އޭނާ އާއި ސުވާލުކުރަންޖެހޭ ޙާލަތުގައި ސުވާލުކުރަންވެސް ފަސްނުޖެހޭށެވެ!
އަނިބީމާ އާއިމެދުގައިވެސް އަދި ފިރިމީހާ އާއިމެދުގައިވެސް އެއްވެސް ބާވަތެއްގެ ޝައްކެއް އުފެދިއްޖެނަމަ ހަމަ މިބުނިމަގުން ކަންތައްކޮށް އެކަމުގެ ޙަޤީޤަތް އޮޅުންފިލުވާށެވެ! ވީހައި އަވަހަކަށް ހިތުން ޝައްކުތައް ފިލުވައިލާށެވެ!
ނުބައި ޝައްކުގެމަތީގައި ހުރެވޭއިރު ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. އަނެކާ ކިތަންމެ ރަނގަޅަށް ކަމެއްކުރިނަމަވެސް ބަލައިގަންނަންވެސް އުނދަގޫވާނެއެވެ. އެކަމުގެ ސަބަބުން ދާނީ ފިތުނަތައް އިތުރުވަމުންނެވެ. އެ ފިތުނަތައް ބަދަލުވާނީ ނުބައި ހަސަދަވެރިކަމަކަށެވެ.
ގާތް، އެކުގައި އުޅޭ މީހަކާއިމެދު އެއްވެސް ބާވަތެއްގެ ޝައްކެއް އުފެދިއްޖެނަމަ އެކަން ޙައްލުކުރަން އަވަސްވެގަންނަންވާނެއެވެ! ނޫންނަމަ ކަމުގެ ޙަޤީޤަތް އެނގޭއިރު މުޅި އުމުރަށް ހިތާމަކުރަންޖެހުމަކީވެސް ހަމަ މެދުވެރިކަމުން އަންނަ ކަމެކެވެ. އެއިރުން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެއެވެ!
ޝައްކުގެމަތީގައި ހުންނަން ހަދައިގެން އުފެދޭ ފިތުނައިގެ ސަބަބުން ކައިވެނިތައް ރޫޅިގެންވެސް އެބަ ދެއެވެ. ކައިވެނި ރޫޅޭފަހުން ޙަޤީޤަތް އެނގި ކުރިން ބުނިފަދައިން މުޅި އުމުރަށް ހިތާމަކުރަން އެބަޖެހެއެވެ. ޝައްކުކުރުމަކީ ފާފައެއްކަމުގައި ލައްވަވާފައިވަނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން