ކެންސަރު ޖެހުމުން ވެސް އަމިއްލަ ފުރާނައަށް ކަންބޮޑުނުވެ މައިންބަފައިންނަށް ޚިދުމަތްކުރި ޒުވާނަކު ބޭހާ ނުލާ ރަނގަޅުވި ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
ކެންސަރު ޖެހުމުން ވެސް އަމިއްލަ ފުރާނައަށް ކަންބޮޑުނުވެ މައިންބަފައިންނަށް ޚިދުމަތްކުރި ޒުވާނަކު ބޭހާ ނުލާ ރަނގަޅުވި ގޮތުގެ ވާހަކަ!

މިއީ އުމުރުން 30 ވަރަކަށް އަހަރުގައި ކެންސަރު ޖެހުނު ޒުވާނެއްގެ ވާހަކައެވެ. އޭނާއަކީ އޭނާއަށް ލިބޭ ކުޑަކުޑަ މުސާރައިން މަންމަ ޢާއި ބައްޕަވެސް ބަލަހައްޓަމުން އައި ޒުވާނެކެވެ. ކެންސަރު ޖެހުމުން މައިންބަފައިންނަށް އެކަން އަންގައިފިނަމަ އެމީހުންނަށް ލިބޭނެ ދެރައާއި ވަޒީފާ ގެއްލުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ މައިންބަފައިން ބެލެހެއްޓޭނެ ގޮތެއް ވެސް ނެތުމުން އޭނާ ޤަޞްދުކުރީ އޭނާއަށް ބޭސް ނުކުރާށެވެ! ލިބޭ ފައިސާކޮޅު މައިންބަފައިންނަށް ހޭދަކުރާސެވެ! އަދި އޭނާގެ ބަލި މައިންބަފައިންނަށް ސިއްރުކުރާށެވެ! 

އިބްރާހީމް މުއްތުގެ ޢުމުރުން 30 އަހަރުގައި ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހެދުމަށްފަހު ބުނީ އޭނާގެ މެއަށް ކެންސަރު ޖެހިފައިވާ ކަމަށެވެ. އަދި ހުރީ 2 ވަނަ ސްޓޭޖަގައި ކަމަށާއި ވަރަށް އަވަހަށް ފަރުވާ ނުކުރެވިއްޖެ ނަމަ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށެވެ. 

ޑޮކްޓަރުން އެގޮތަށް ބުނި ނަމަވެސް ބޭސްކުރުމުގެ ކުޅަދާނަކަން އޭނާއަށް ލިބިފައެއް ނުވެއެވެ. މައިން ބަފައިންނަކީ ވަރަށް ނިކަމެތި ބައެކެވެ. މައިން ބަފައިން ބަލަހައްޓަނީ އޭނާއަށް ލިބޭ ކުޑަކުޑަ މުސާރައިންނެވެ. އެހެންކަމުން އަތުގައި އެއްވެސް ފައިސާއެއް ނެތުމާއިއެކު އޭނާގެ ބަލި މައިންބަފައިންނަށްވެސް ކުރީ ސިއްރެވެ. އެއީ އެފަދަ ބޮޑު ކަމެއް އޭނާއަށް ކުރިމަތިވެއްޖެކަން އެނގިއްޖެ ނަމަ އެމީހުން ކުރާނެ ހިތާމައިގެ ބޮޑުކަން އިޙްޞާޞް ކުރެވޭތީއެވެ. މީގެ އިތުރުން އޭނާ ވަޒީފާ އަދާކުރުން ހުއްޓުވާނެތީ އާއި އެފަދަ ހާލަތެއްގައި މައިންބަފައިންނަށް ކާންބޯން ދެވޭނެ ގޮތެއްވެސް ނުއޮންނާނެތީއެވެ. އޭނާ ނިންމީ ފަހު ނޭވާ އާއި ހަމައަށްވެސް މައިންބަފައިންނަށް ޚިދުމަތް ކުރުމުގައި ދެމިހުންނާށެވެ. 

އޭނާގެ ހިތުގައި އިތުރު ސުވާލުތަކެއް އުފެދުނީ ޑޮކްޓަރުން އެގޮތަށް ބުނިތާ 1 މަސް ދުވަސްވީއިރުވެސް އޭނާއަށް ބަލީގެ އެއްވެސް އަލާމާތެއް އިހްޞާޞް ނުކުރެވުމުންނެވެ. ވަރަށް އަވަހަށް ކަރުން ލޭ އަންނަން ފަށާނެ ކަމަށް ބުނެފައިވީނަމަވެސް ލޭ ވެސް ނުއަންނާތީއެވެ. 

އެހެންކަމުން އަނެއްކާވެސް ޑޮކްޓަރަށް ދެއްކިއެވެ. އެފަހަރު ޑޮކްޓަރުންނަށް އެނާ ފެނުމުން ލިބުނީ އިތުރު ހައިރާން ކަމެކެވެ. އެއީ ލިޔެދިން ބޭސްތައް ކާނަމަ އޭނާގެ ހަށިގަނޑަށް އަންނަން ޖެހޭ އެއްވެސް ބަދަލެއް އައިކަން ފެންނަން ނެތުމުންނެވެ. ގައިގެ ކުލަ ބަދަލުވާނެއިރު ގައިގެ ކުލައަށްވެސް އެއްވެސް ބަދަލެއް އައިސްފައި ނެތުމުންނެވެ. ހަށިގަނޑު ހިކިފައިވެސް ނުވުމުންނެވެ. އެކަމާއި ސުވާލުކުރުމުން އޭނާ ބުނީ ބޭސް ކަމުން ގެންދާ ކަމަށާއި ހަށިގަނޑުން ފާހަގަ ނުކުރެވުން އެއީ ﷲ ތަޢާލާގެ މިންވަރު ފުޅު ކަމަށެވެ. 

(އޭނާ މާނަ ކުރީ އޭނާ ކޮންމެ ދުވަހަކު ކައިލާ މަލްޓިވިޓަމިން ގުޅައަށެވެ. އޭނާ އެބުނީ އެ ބޭސްގުޅަކާ ވާހަކައެވެ!) 

އެ ފަހަރުވެސް ޓެސްޓްތައް ހެދިއެވެ. ޓެސްޓްތައް ބެލުމަށްފަހު ޑޮކްޓަރުން ބުނީ އަނެއްކާވެސް 1 މަސް ފަހުން އަލުން ޓެސްޓްތައް ހެދުމަށެވެ. އަދި ޤަވާއިދުން ފަރުވާކުރަމުން ގެންދިއުމަށެވެ. އެގޮތަށް 6 މަސް ދުވަސްވަންދެން ކޮންމެ މަހަކު ޓެސްޓްތައް ހެދުމަށްފަހު ބުނީ މިހާރު މުޅިން ރަނގަޅުވެފައިވާ ކަމަށެވެ.

އިބްރާހީމް މުއްތު އާއިމެދު ފާހަގަކުރެވުނު ކަންކަން: 

އިބްރާހީމް މުއްތު އަކީ ކެރަލާގެ ކޮޓަޔަމަށް ނިޞްބަތްވާ ޒުވާނެކެވެ. އުމުރުން 18 އަހަރުން ފެށިގެން ކޮންމެ ދުވަހަކުވެސް ހޮސްޕިޓަލަކަށް ގޮސް ބަލިމީހުންނަށް ޒިޔާރަތް ކުރުމަކީ އޭނާ ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. އަދި އެކަނިވެރި ބަލިމީހުންނަށް ކަންކަން ކޮށްދިނުމުގައި އެހީތެރިވުމާއި ބައިންދާނެ އިތުރު އެހީތެރިއަކު ނެތިގެން ކަންކަން ނުކުރެވިފައި ތިބޭ ބަލިމީހުންގެ ގާތު މަޑުކޮށްދިނުމަކީ އޭނާ އެންމެ ކުރާ ހިތުން ކުރާ ކަންކަމެވެ. 

އޭނާއަށް ކެންސަރު ޖެހުނުކަން އެނގުމުން ވެސް ހޮސްޕިޓަލަށް ގޮސް އޭނާ ބަލިމީހުންނަށް ކޮށްދޭ ކަންކަން ކޮށްދިނެވެ. އޭނާއަށް ބައްޔެއް ޖެހިގެން އުޅޭކަން އޭނާގެ ޚިދުމަތަކުން ނުއަންގައެވެ. މިކަމުގެ އިތުރުން އޭނާގެ ހިތުގައި މައިންބަފައިންނަށް ޚިދުމަތްކުރުމަށް އޮތް މަތިވެރި ލޯތްބާއި ޝައުޤްވެރިކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. އަމިއްލަ ފުރާނަ ޤްރްބާން ކޮށްފައިވެސް މައިން ބަފައިންނަށް ޚިދުމަތްކުރަން ބޭނުންވެގެން ހުރި މިންވަރު ފާހަގަކުރެވެއެވެ. 

މިއީ ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކަމުން ދިއަ ޒުވާނަކަށް މެދުވެރިވި ބޮޑު ޢަޖައިބެއް ފަދަ ކަމެއްގެ ވާހަކައެވެ. ސުވާލަކީ އެހެން މީހުންނަށާއި މައިންބަފައިންނަށް ޚިދުމަތް ކުރުމުގައި އިބްރާހީމް މުއްތު ދައްކާ ނަމޫނާ ކިތައް ޒުވާނުންނަށް ދެއްކޭބާވައެވެ! 

(މައިންބަފައިންނަށް ޚިދުމަތްކުރުމުގެ މުހިންމުކަން އެންމެންނަށްވެސް އެނގެއެވެ. ކިތަންމެ ވަރަކަށް އެނގުނު ނަމަވެސް ޢަމަލުކުރެވެނީ މަދުމީހަކަށެވެ! މިވާހަކައަކީ މީގެ ދޮޅު އަހަރެއްހައި ދުވަސްކުރިން މިއަދުނޫހުގައި ގެނެސްދީފައިވާ ވާހަކައެކެވެ. ވަރަށް ޢިބްރަތްތެރިވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ އަދަދުވެސް މިހާރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާތީ މިވާހަކަ އަލުން ގެނެސްދިނުމުން ގިނަ ބައަކށް ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ.) 

މިއަދު އޮންލައިން