ޙަޤީޤީ ވާހަކަ: ރަނގަޅު ގޮތުގަ މަރުވުމަށް އެދިގެން މަސައްކަތްކުރި ޒުވާނަކަށް ދެއްވެވި ނިޢްމަތްތައް ހާދަމަތިވެރިއޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޙަޤީޤީ ވާހަކަ: ރަނގަޅު ގޮތުގަ މަރުވުމަށް އެދިގެން މަސައްކަތްކުރި ޒުވާނަކަށް ދެއްވެވި ނިޢްމަތްތައް ހާދަމަތިވެރިއޭ!

އޭނާއަކީ ފަތިސް ނަމާދު ޤަވާއިދުން ޖަމާއަތުގައި ކުރަމުން އައި މީހެކެވެ. މިސްކިތުން ފައިބަނީ 9 ޖަހައިލީމައެވެ. އެހައިއިރު ވަންދެން އޭނާ މިސްކިތުގައި އިނދެ ކުރި މަސައްކަތަކީ ކީރިތި ޤްރްއާން ހިތުދަސްކުރުމެވެ. ދުވާލަކު ކޮންމެވެސް މިންވަރެއް ދަސްކޮށްފައި ނޫނީ އޭނާ މިސްކިތަކުން ނުފައިބައެވެ. އެގޮތުގައި މަސައްކަތްކޮށް އޭނާ ކީރިތި ޤްރްއާން ހިތުދަސްކުރިއެވެ. އެއަށްފަހު މުސްލިމް އިލްމްވެރިން ހިންގާ ސްކޫލަކަށް ގޮސް އިމްތިޙާނުގައި ބައިވެރިވެ ޙާފިޛަކަށްވިއެވެ. 

އޭނާއަކީ އަހަރެންގެ ވަރަށް ގާތް ރަޙްމަތްތެރިއެކެވެ. އަހަރެމެން އެންމެން އެފަހަރު އުމުރާއަށް ދިއައީ އެކުގައެވެ. މައްކާގައި ކުރަންޖެހޭ ކަންކަން ކުރުމަށްފަހު ދިއައީ މަދީނާއަށެވެ. މަދީނާގައި އެއް ދުވަސް ހޭދަކުރުމަށްފަހު 2 ވަނަ ދުވަހު އޭނާ މެންދުރު ނަމާދު ކުރީ މަސްޖިދުއްނަބަވީގައި ރަވްޟާގައި އިމާމާގެ ފަހަތުގައެވެ. (ކުރީސަފުގައެވެ.) އެއަށްފަހު އޭނާ 2 ގަޑި އިރު މާތްކަން ލިބިގެންވާ ރަވްޟާގަ ހޭދަކުރިއެވެ. 

އެއަށްފަހު އޭނާގެ މޭގައި ރިއްސަން ފެށިއެވެ. މޭގެ ރިހުން މާގަދަވުމުން އޭނާ ތަޅުންމަތީގައި އޮށޯތެވެ. ޢާއިލާގެ އެންމެން ވަށާލައިގެން ތިއްބައި މަޣްރިބް ނަމާދަށް ބަންގި ގޮވިވަގުތަކީ ﷲ ތަޢާލާ އެކަލާނގެ މަތިވެރި ޙަޟްރަތަށް އޭނާގެ ފުރާނަ ގެންދެވި ވަގުތެވެ. މަރުވެދިއައީ ޝަހާދަތް ކިޔުންމަތީގައެވެ. ރަސޫލް (ޞޢވ)ގެ މިސްކިތްކޮޅުގައެވެ. މަސްޖިދުއްނަބަވީގައެވެ!

ފަސްދާނުލެވިފައިވަނީ އަލްބަޤިޢާ (ޖަންނަތުލްބަޤިޢާ) ޤަބުރުސްތާނުގައެވެ. އެއީ ރަސޫލް (ޞޢވ) ގެ އަމިއްލަފުޅު ޢާއިލާގެ ގިނަ އަދަދެއްގެ ބޭފުޅުންނާއި ގިނަ އަދަދަދެއްގެ ޞަޙާބީންނާއި ޝަހީދުން ފަސްދާނުލެވިފައިވާ ޤަބުރުސްތާނެކެވެ. ވީމާ އޭނާ ވެސް ފަސްދާނު ލެވިގެން އެދިއައީ މަޙްޝަރު ދުވަހު ރަސޫލް (ޞޢވ)ގެ ޝަފާޢަތް ލިބޭނެކަމަށް ވަރަށް ބޮޑަށް އުންމީދުކުރެވޭ ގޮތަށެވެ. 

މީސްތަކުންނޭވެ! އޭނާ ނިޔާވުމުން ކިތަންމެހައިވެސް ދެރަވިއެވެ. ނަމަވެސް އޭނާ ނިޔާވީ އޭނާ އެކަމަށް އެދުނު ގޮތަށެވެ. އެ ޝަރަފް އޭނާއަށް ލިބުނީ ހަމަ ހުރެލާފައި އެކަމަށް އެދުމަކުން ނޫނެވެ. އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކޮށްގެންނެވެ. 

މިވާހަކައިން ބުނެދޭންވީ ވާހަކައަކީ ރަނގަޅު ގޮތުގައި މަރުގެންދެވުމަށް އެދޭނަމަ އެކަމަށް އެދިގެން މަސައްކަތް ކުރަން ޖެހޭ ކަމެވެ. ހަމަ ހިތަށް އެރިހައި ގޮތަކަށް އުޅެމުން އެންމެ ރަނގަޅު ގޮތުގައި މަރު ގެންދެވުމަށް އެދުމަކުން ކުރާނެ ފައިދާއެއް ނެތިދާނެ ކަމެވެ. ވީމާ ހަމަ ކޮންމެ މީހަކުވެސް ޥީހައި ބޮޑަށް އެކަމަށް އެދިގެން މަސައްކަތްކުރާށެވެ! ﷲ ތަޢާލާ ނިޢްމަތްތައް މިންވަރު ކުރައްވަވަނީ ވަކި މީހަކަށް ނޫނެވެ. އެކަމަށް އެދިގެން މަސައްކަތްކުރާ އެންމެންނަށެވެ. 

- މުޙައްމަދު ހޮބޮލޮސްގެ ދަރުސަކުން

މިއަދު އޮންލައިން