ކޮންމެ ދުވަހަކު ތިބާއަށް ﷲ އިންޒާރު ދެއްވަވާކަން އެނގޭހެއްޔެވެ؟ ނަރަކައަށް ވަންނަން ޖެހެނީ ޣާފިލުވުމުންނެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ކޮންމެ ދުވަހަކު ތިބާއަށް ﷲ އިންޒާރު ދެއްވަވާކަން އެނގޭހެއްޔެވެ؟ ނަރަކައަށް ވަންނަން ޖެހެނީ ޣާފިލުވުމުންނެވެ!: މުފްތީ މެންކް

ﷲ ތަޢާލާ އެމީހަކަށް އެމީހާ ބޭނުންވާ ހުރިހާ ނިޢްމަތްތަކެއް ދެއްވަވާފައި ސުވަރުގެގޭގައި ލެއްވެވުމުން ﷲ ތަޢާލާ ނަހީކުރެއްވެވި ކަމެއް ކުރުމަށްވުރެ ބޮޑު ފާފައަކީ ކޮބައިހެއްޔެވެ؟ އާދަމްގެފާނާއި ހައްވާގެފާނަށް ކުރެއްވެވުނީ އެބޮޑު ފާފައެވެ. އެހެނަސް ދެކަނބަލުން ތައުބާވެވަޑައިގެން ފާފަފުއްސަވައިދެއްވެވުމަށް އެދިވަޑައިގަތުމުން ވަގުތުން ފާފަ ފުއްސަވައި ދެއްވެވިއެވެ. މިކަމުން އެނގިގެންދަނީ އާދަމްގެފާނުގެ ދަރިފަސްކޮޅުން އުފަންާ ކޮންމެ މީހަކުވެސް، އެމީހަކަށް ފާފަކުރެވުމުން އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުމަށް އެދުމުން ފާފަ ފުއްސަވައިދެއްވަވާނެ ކަމެވެ. އެކަމަށް އެއްވެސް މިންވަރަކަށް ޝައްކުކުރުމެއް ނެތެވެ. 

ފާފަ ކުރެވމަކީ އިންސާނުންގެ ޠަބީޢަތުގައިވާ ސިފައެކެވެ. އެހެންކަމުން އިންސާނުންނަށް ފާފަކުރެވޭނެއެވެ. ފާފަކުރެވުމުން ވަގުތުން އެކަމަށް ހިތާމަކޮށް ތައުބާވާނަމަ އެމީހެއްގެ މައްޗަށް ޝައިޠޯނާއަށް ވެރިވެއެއް ނުގަނެވޭނެއެވެ. އެހެނީ ފާފަކުރެވުމުން އެކަމަށް ހިތާމަކޮށް ތައުބާވާނަމަ އެކަމުން އަންގައިދެނީ ތިބާގެ ކިބައިގައި ﷲ ތަޢާލާއަށް ބިރުވެތިބިރުވެތިވުންވާކަމެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ އަޅުންނަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. 

ހިތާމަވެރި ޙާލަތަށް މީހާދަނީ ގިނަގިނައިން ފާފަކުރެވެން ފެށުމެވެ. އެހާލަތުގައި މެދުވެރިވާގޮތަކީ ފާފަކުރެވުމަކީ ކުރެވޭ ކުށެއް ކަމަށްވެސް މީހާއަށް ޤަބޫލުނުކުރެވެނީއެވެ. އެއީ ފެންބުއިން ފަދަ ޢާންމުކޮށްކުރާ ކަމަކަށްވެގެންދަނީއެވެ. މިޙާލަތަށް މީހުންދަނީ ފާފަކުރެވުމުން ޝައިޠޯނާ އެމީހެއްގެ މައްޗަށް ބާރުގަދަކުރަމުން ގޮސް މީހާގެ މައްޗަށް އެކުގައި ބާރުހިންގަން ފެށުމުންނެވެ. ޝައިޠޯނާގެ ކަސްތޮޅުން މީހާ އެކުގައި ކަސްތޮޅު އެޅުމުންނެވެ. އެފަދަ ޙާލަތެއް މެދުވެރިވުމުން ޝައިޠޯނާގ ކަސްތޮޅުން އޮންނަނީ ސަލާމަތް ނުވެވިފައެވެ! 

މިޙާލަތުގައިވެސް ﷲ ތަޢާލާ އެމީހަކު ދޫކޮށެއް ނުލައްވަވަތެވެ! ކޮންމެ ދުވަހަކުހެން އެމީހަކަށް އިންޒާރުތައް ދެއްވަވަތެވެ. ޞިއްހީ ގޮތުން މައްސަލަތައް ކުރިމަތި ކުރެއްވެވުމާއި މާލީ ދަތިތައް ކުރިމަތި ކުރެއްވެވުމާއި ހިތްދަތިވާކަންކަން ކުރިމަތިކުރެއްވެވުން ފަދަ ކަންކަމުންނެވެ. މިއިން ކޮންމެ އިންޒާރަކީވެސް ފާފަ ކުރުން ހުއްޓާލައި ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމަށް ދެއްވަވާ އިންޒާރެވެ! 

މިފަދަ އިންޒާރުތަކާއި ގުޅިގެން ތައުބާވާން ބައެއް މީހުން މަސައްކަތްކުރެއެވެ. ނަމަވެސް އެކަމެއް ނުކުރެވެއެވެ. އެއީ ޝައިޠޯނާ އެމީހާގެ މައްޗަށް ބާރުހިންގާތީއެވެ. އަދި މަޖާކޮށްލާފައި ތައުބާވިނަމަވެސް ސުވަރުގެދެވޭނެކަމަށް ވިސްނައިދޭތީއެވެ. ޢުމުރުގައި އަދި ވަރަށް ގިނަ ދުވަސް ބާކީ އެބައޮތްކަމަށް ބުނެ ވިސްނައިދޭތީއެވެ. މީގެ އިތުރުން ޝައިޠޯނާ ޖަހާނެ އެންމެ ބޮޑު މަޅިއަކީ އެމީހަކަށް ކުރެވިފައިވާ ފާފަތައް ގިނަކަމުން ﷲ ތަޢާލާ އެމީހަކަށް ޢަފޫނުކުރައްވަވާނެ ކަމަށް ވިސްނައިދިނުމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ ކޮންމެ މީހަކަށް ވަކިވަކިން ބަސްވަޙީކުރައްވަވާނެކަމަށް ދެކެގެން ނުވާނެއެވެ. ކީރިތި ޤުރްއާނުގެ ކޮންމެ އާޔަތެއްގައި އެވަނީ ﷲ ތަޢާލާގެ ވަހީ ބަސްފުޅެވެ. އެންމެހައި މީސްތަކުންގެ މައްޗަށް ވަޙީކުރައްވަވާފައިވާ ބަސްފުޅުތަކެވެ. އެހެންކަމުން މިފަދަ ޙާލުގައި ތިބޭ މީހުން ހިތްވަރުލިބިގަންނަންވީ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވުމުން އެމީހެއްގެ ފާފަތައް ފުއްސަވައި އެމީހަކަށް ރަޙްމަތް ލައްވަވާނެކަމަށް އޮތް ވަޙީ ބަސްފުޅުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން