މިއަހަރުގެ އާޝޫރާ ދުވަސް އަހަރެމެންނާއި ވަކިވެގެން ހިނގައްޖެއެވެ. ހިތްވަރާއިއެކު މަސައްކަތްކޮށް އެދުވަހުގެ ރޯދަ ހިފިމީހުންގެ ފާއިތުވި އަހަރުގެ ފާފަތައް ﷲ ތަޢާލާ ވަނީ ފުއްސަވައި ދެއްވަވައިފައެވެ. އިން ޝާ ﷲ
މީސްތަކުންނޭވެ! އާޝޫރާ ދުވަސް އަހަރެމެންނާއި ވަކިވެގެން ދިއުމަކީ މުޙައްރަމް މަސް އަހަރެމެންނާއި ވަކިވުމެއް ނޫނެވެ. ޙުރުމަތްތެރިވެގެންވާ ބަރަކާތްތެރި މުޙައްރަމް މަހުގެ ދުވަސްތައް އަދިވެސް މިވަނީ އަހަރެމެންނާއިއެކުގައެވެ. އެދުވަސްތަކުގެ ފައިދާ ލިބިގަންނަން މަސައްކަތްކުރަންވާނެއެވެ.
މުޙައްރަމް މަހުގެ މަތިވެރިކަމަށްބަލާށެވެ! ހިޖުރީ ކަލަންޑަރުގެ ފުރަތަމަ މަސްކަމުގައި ޢުމަރުގެފާނު މުޙައްރަމް މަސް ކަނޑައެޅުއްވެވީ ކީއްވެގެން ހެއްޔެވެ؟ އެންމެ ބޮޑު ސަބަބަކީ އެ މައްސަރުގެ މާތްކަން އިތުރުވުމެވެ. ރަސޫލް (ޞޢވ) ޢުމުރުފުޅުން 53 އަހަރުގައި އިސްލާމް ދީނަށްޓަކައި މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވެވި ކަމެވެ.
ހިޖުރަކުރުމަކީ ޤައުމުން ބޭރުވެލާފައި އެނބުރި ޤައުމަށް ދިއުމެއް ނޫނެވެ. އިސްލާމް ދީނަށްޓަކައި ހިޖުރަކުރުމަކީ އެމީހާގެ ރަށްދޫކޮށް އެހެންތަނަކަށް ދިއުމެވެ. އެތަނުގައި ހުރެ އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރުމެވެ. ރަސޫލް (ޞޢވ) މައްކާއި މަދީނާއަށް ހިޖުރަކުރެއްވެވުމަށްފަހު ކުރެއްވެވީ އެ މަސައްކަތްޕުޅެވެ. ނަތީޖާއަކަށްވެގެންދިއައީ މީސްތަކުން ބައިބައަށް މަދީނާއަށް އައިސް އިސްލާމްވަމުން ދިއުމެވެ. ދުނިޔޭގެ ކަންކޮޅުތަކަށް އިސްލާމް ދީން ފެތުރިގެންދިއުމެވެ. ދުނިޔޭގެ ކަންކޮޅުތައް އިސްލާމީ ނޫރުން އުޖާލާވަމުން ދިއުމެވެ.
މުޙައްރަމް މަސް އެހައި ޚާއްޞަވެގެން ދިއައީ އިސްލާމް ދީނަށްޓަކައި ރަސޫލް (ޞޢވ) އެމައްސަރުގައި އެޅުއްވެވި ހަރުދަނާ ފިޔަވަޅުގެ ސަބަބުންނެވެ. އެ މަސައްކަތްޕުޅުތަކުގެ ސަބަބުން އިސްލާމީ ޙަޟާރަތެއް ޤާއިމުކުރެވި އިސްލާމްދީނަށް ލިބިގެންދިއަ ނަޞްރުގެ ސަބަބުންނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ މާތްމައްސަރު ފެށިގެން މިހައިތަނަށްއައިއިރު ތިބާ ކުރީ ކޮންކަމެއްހެއްޔެވެ؟ ތިބާގެ އުޅުމަށް ގެނައީ ކޮންބަދަލެއް ހެއްޔެވެ؟ އިސްލާމް ދީނަށް ނަޞްރުދޭން ކުރީ ކޮންކަމެއްހެއްޔެވެ؟ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށް ތިބާކުރީ ކޮންކަމެއްހެއްޔެވެ؟ އެކަމަށް އެއްވެސް ކަމެއް ކޮށްފިން ހެއްޔެވެ؟
ﷲ ތަޢާލާ ވަޙިކުރައްވަވާފައިވަނީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމަށެވެ! ނަމަވެސް މިފަދަ މާތް މައްސަރެއް ނިމިގެންދާއިރުވެސް މީސްތަކުން އަދިވެސް މިތިބީ ޣާފިލުކަމުގައެވެ. ޙެޔޮޢަމަލުތައް ކުރަން ފަށަން ކަންނެތްވެފައެވެ. ފަށާނީތޯ ނޫނީ އަދިވެސް ފެށުން ލަސްކޮށްލާނީތޯ ސުވާލުކުރުމުގައެވެ.
މީސްތަކުންނޭވެ؟ ސުވާލު އުފައްދަން ވަގުތުތައް ބޭކާރުނުކުރާށެވެ! ހެޔޮ ޢަމަލުތައްކުރުމުގައި އަވަސްވެގަންނާށެވެ! މިވަގުތުވެސް މަރު އައިސް ބައްދަލުކޮށްފާނެކަމާއިމެދު ބިރުވެތިވާށެވެ!
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން