ފަޤީރަކަށް އެހީވާން ފަސްނުޖެހޭށެވެ! މިލިއަނަރުދޭ އެތައް ހާސް ރިޔާލައަށްވުރެ ތިބާދޭ އެންމެ ރިޔާލައިގެ އަގު މާބޮޑުވެދާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ފަޤީރަކަށް އެހީވާން ފަސްނުޖެހޭށެވެ! މިލިއަނަރުދޭ އެތައް ހާސް ރިޔާލައަށްވުރެ ތިބާދޭ އެންމެ ރިޔާލައިގެ އަގު މާބޮޑުވެދާނެއެވެ!

"ﷲ ގެ ޙަޟްރަތުގަ އެންމެ ހެޔޮކަންބޮޑު މީހަކީ މީސްތަކުންނަށް އެންމެ ފައިދާކުރާނެ ގޮތުގަ ކަންކަން ކުރާ (މީސްތަކުންނަށް އެންމެ ބޮޑަށް އެހީތެރިވެދޭ) މީހާއެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުގަ އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ މީހަކަށް ކުރިމަތިވެފައިވާ މުޞީބާތަކުން ސަލާމަތްވުމަށް އެހީތެރިވެދިނުމަށް ކުރާ ޢަމަލެވެ." މިއީ ޞަހީޙް ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ.  

މިޙަދީޘްފުޅުން އެނގިގެން މިދަނީ ﷲ ތައާލާ އުފައްދަވާފައިވާ އެކަލާނގެ އަޅުތަކުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ﷲ ތަޢާލާ ބާރުއަޅުއްވަވާ މިންވަރެވެ. ﷲ ތައާލާ އުފައްދަވާފައިވާ އެކަލާނގެ އަޅުތަކުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ.

އަދި އެފަދަ މީހުންނަށް ﷲ ތަޢާލާ ދެއްވަވާނެ މަތިވެރި ނިޢްމަތެވެ. އެކަން އެނގިގެންދަނީ " ﷲ ގެ ޙަޟްރަތުގަ އެންމެ ހެޔޮކަންބޮޑު މީހަކީ މީސްތަކުންނަށް އެންމެ ފައިދާކުރާނެ ގޮތުގަ ކަންކަން ކުރާ (މީސްތަކުންނަށް އެންމެ ބޮޑަށް އެހީތެރިވެދޭ) މީހާއެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުގަ އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ މީހަކަށް ކުރިމަތިވެފައިވާ މުޞީބާތަކުން ސަލާމަތްވުމަށް އެހީތެރިވެދިނުމަށް ކުރާ ޢަމަލެވެ." އޮތް ބަސްފުޅުންނެވެ. 

ނިކަން ބުނެބަލާށެވެ ﷲ ތޢާލާގެ ޙަޟްރަތުގަ އެންމެ ހެޔޮކަންބޮޑު މީހަކަންވެވިއްޖެ ނަމަ އެމީހަކަށް ނުލިބޭނީ ކޮން ނިޢްމަތެއް ހެއްޔެވެ؟ ހަމައެއާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުގަ އެންމެ ލޮބުވެތިކަންބޮޑު ޢަމަލު ކުރުމުން ﷲ ތަޢާލާ އެމީހަކަށް މިންވަރު ނުކުރައްވަވާނެ އެއްވެސް ދަރުމައެއް އޮންނާނެ ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީހަކަށް އެހީތެރިވުމުގައި ބަލަންވީ އަނެކާއަށް ޖެހިފައިވާ ހުރިހާ ބޭނުންތަކެއް ފުއްދައިދެވުމަކަށް އެކަންޏެއް ނޫނެވެ. އަނެކާއަށް ބޭނުންވެފައިވާ ކަންކަމުގެ ތެރެއިން ތިމާއަށް ފުއްދައިދެވެން އޮތް މިންވަރަކީ ކިތަންމެ ކުޑަމިންވަރެއް ނަމަވެސް އެކަންވެސް ކޮށްދޭށެވެ! ތިބާގެ ޙާލަތާއި ތިބާ ކޮށްދިންކަންތައް ތިބާކޮށްދިނީ ކިހައި ބޮޑު ޤުރްބާނީއެއްވެގެންކަން ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ!   

މިބުނި ބަހުގެ މާނައަކީ މިސާލަކަށް މީހެއްގެ ގޭގެ ފުރާޅުން ވާރޭ ވެހެނީއެވެ. ޓިނު ބަދަލުކުރަން އެކަމަށް 10000 ރިޔާލަ ބޭނުންވެއެވެ. ތިބާއަށް ދެވެން އޮތީ 10 ރިޔާލަކަމުގައިވީނަމަވެސް ލަދެއްނެތި އަވަހަށް އެ 10 ރިޔާލަދޭށެވެ! ކެންސަރާއި ކިޑްނީގެ ބަލިފަދަ ބަލިތަކަކީ ވަރަށް ގިނަ ފައިސާ ޚަރަދުކުރަންޖެހޭ ބައްޔެކެވެ. ތިބާއަށް ދިއްކޮށްލެވެން އޮތީ އެންމެ ރިޔާލައެއް ނަމަވެސް ދިއްކޮށްލާށެވެ! އެއިރުން އަތުގައި މިލިއަނުން ރިޔާލަހުރި މީހަކު ދޭ އެތައް ހާސް ރިޔާލައަކަށްވުރެ ތިބާ ދިއްކޮށްލާ އެންމެ ރިޔާލައިގެ އަގު ﷲ ތަޢާލާގެ ޙަޟްރަތުގައި މާބޮޑުވެދާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން