ޙަރާމް ޙަލާލަށް ބެލުން ކުޑަވެ ފައިސާ ލިބޭނަމަ ކޮންމެ ކަމަކީވެސް ޙަލާލުކަމަކަށް މިހާރު މިވަނީ ގިނަ ބައަކު ހަދައިފައެވެ. ނަމަވެސް އެއީ އެކަން އެގޮތަސް ކުރަން ﷲ ތަޢާލާ ހުއްދަ ދެއްވަވައިގެނެއް ނޫނެވެ. އިސްލާމް ދީން ހުއްދަކުރާތީއެއް ނޫނެވެ. އެކަން އެމީހުންނަށް ހުއްދަކުރަނީ އެމީހުންނަށް ހުރިހާ ކަންކަމަކަށް ހުއްދަދޭ ޝައިޠޯނާއެވެ.
ޝައިޠޯނާގެ އެފަދަ ވަސްވާސްތަކަށް ނުހެއްލި ސާބިތުވެއްޖެނަމަ އެމީހަކަށް ﷲ ތަޢާލާ ރަހްމަތް އޮއްސަވާނެ ގޮތްތައް ހަމައެކަކަށްވެސް ނުވިސްނޭނެއެވެ! ވަޒީފާގެ ޔުނިފޯމްކަމަށްވީތީ އަޢުރަ ނިވާނުކޮށް ޔުނިފޯމް އެޅުމަކީވެސް ހަމަ ޙަރާމްކަންކަމެވެ. އެޔުނިފޯމުގައި މަސައްކަތްކޮށްގެން އޭނާ ފައިސާ އެހޯދަނީ އޭނާގެ ޢައުރަ ވިއްކައިގެން ނޫން ކަމަށް ހެދޭނެ އެއްވެސް ގޮތެއް އޮންނާނެހެއްޔެވެ؟
ކުންފުނިތަކަށް ރީތި އަންހެން ކުދިން ވައްދައި ވަޒީފާ ދިނުމުގެ ނަމުގައި ގެންގުޅެ އެކުދިންގެ އަޢުރަވިއްކައިގެން މުއްސަނދިވަމުން އެދަނީ އާޚިރަތް ދުވަހަށް ބިރެއް ނެތުމުންނެވެ! މަރުވާނެކަން ޤަބޫލުނުކުރެވޭތީއެވެ! އިބިލީހުގެ އަޅުންނަސްވެފައިތިބިވަރުންނެވެ.
ވަޒީފާއެވެ! މަޖުބޫރެވެ! ފައިސާ ބޭނުންވެއެވެ! މިފަދަ ކަންކަން ބަހަނާގެ ގޮތުގައި މިއަދު ދެއްކިދާނެއެވެ. ނަމަވެސް އެބަހާތައް ބިލާހަކަށްވެ ނަރަކައިގެ އަލިފާނުގައި އޮންނަންޖެހޭ ވަގުތު ހުރިހާ ކަމެއް ވިސްނޭނެއެވެ. ނަމަވެސް އެއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ.
މިކިޔައިދެނީ މާތްވެގެންވާ މުޙައްރަމް ވިސްނައިލުން މުހިންމު ވާހަކައެކެވެ. އަންހެންކުއްޖަކު ﷲ ގެ ދީނަށްޓަކައި ހިޖުރަކުރުމުން ދެއްވެވި މަތިވެނިޢްމަތުގެވާހަކައެވެ. މިފަދަ ހާދިސާތަކުން ޢިބްރަތް ޙާޞިލުނުކުރެވޭނަމަ އަހަރެމެންގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ރަނގަޅަށް އަޑުއަހާށެވެ!
ޝައުބީން ދާސްއަކީ މުސްލިމް ފިލިޕިންސްގެ މުސްލިމް އަންހެން ކުއްޖެކެވެ. މައިން ބަފައިން މަރުވުމުން ގެންގުޅެ ބޮޑުކުރީ ކްރިސްތިއަން ބޮޑުބޭބެއެކެވެ. ބޮޑުބޭބެ އޭނާ ތަމްރީނުކޮށް ދަސްކޮށްދިން މަސައްކަތަކީ މަސާޖް ކުރުމެވެ.
ޝައުބީން މަސައްކަތްކުރަނީ 5 ތަރި ހޮޓަލެއްގެ މަސާޖްޕާލަރގައެވެ. ނަމަވެސް ހިތްހަމަޖެހިގެނެއް ނޫނެވެ. ހިލޭ ފިރިހެނުންގެ ގައިގައި އަތްއުނގުޅައި ހެދުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެންމެ ފަހުން އޭނާ ނިންމީ ވަޒީފާ ދޫކޮށް ފިލާށެވެ! އެގޮތަށް ނިންމައި ހަފަތާ ބަންދެއްގައި ދަތުރަކު ދަނީ ކަމަށް ބުނެ ގެއިން ނުކުމެ ޝައުބީން ފެށީ މުޅިން ތަފާތު ދަތުރެކެވެ. އޭނާގެ ދިރިއުޅުން ބަދަލުކޮށްލުމުގެ ދަތުރެކެވެ. އެ ދަތުރު ނިންމައިލީ ދިރިއުޅޭ އަވަށާއި 400 ކިލޯ މީޓަރު ދުރުގައި އޮތް އަވަށަކަށެވެ.
ލިބޭ މުސާރަ ބޮޑުބޭބެއަށް ދޭން ޖެހޭތީ ނުދީ އަތުގައި ބޭއްވިފައި، ނުވަތަ ރައްކާކުރެވިފައި އޮތީ އެންމެ 200 ވަރަކަށް ޑޮލަރުގެ ފައިސާއެވެ. އެހެންކަމުން އޭނާ ޤަޞްދުކުރީ ނިކަމެތިން ހިލޭ ބަލަހައްޓައިދޭ ތަނެއްގައި މަޑުކުރުމަށެވެ. އެ އަވަށުން އެފަދަ ތަނެއް ހޯދަން ނުއެނގޭތީ ދިއައީ މިސްކިތަކަށެވެ. މިސްކިތުން ބައްދަލުވި މުސްކުޅި އުމުރުގެ އަންހެނަކަށް އޭނާގެ މަޤްޞަދާއި އެދޭ ގޮތް ކިޔައިދިނުމުން އެމީހާގެ ގޭގައި މަޑުކުރުމަށް ދައުވަތުދިނެވެ.
އެގޭގައި އެމީހުންނަށް ޚިދުމަތްކުރަން ހުންނަތާ ހައަކަ މަސްވީތަނާ ސައުދީގައި ވަޒީފާ އަދާކުރާ އެގޭގެ އެންމެ ދޮށީ ދަރިފުޅު ޗުއްޓީއަކަށް އައީ އޭނާގެ ބޮސްގެ ފިރިހެން ދަރިފުޅާއިއެކުގައެވެ. ކުރުކޮށްލަމާ ހިނގާށެވެ. ބޮސްގެ ދަރިފުޅު އެނބުރި ޤައުމަށް ފުރީ ޝައުބީން އާއި ކައިވެނިކޮށް އޭނާ ގޮވައިގެންނެވެ. މިހާރު ޝައުބީންއަކީ އުފަލުގައި ދިރިއުޅެމުންދާ 4 ކުދިންގެ މަންމައެކެވެ.
އަހަރެންނާއި ޝަޢްބީން އާއި ބައްދަލުވީ މީގެ 2 މަހެއްހައި ދުވަސް ކުރިން ޖިއްދަގައި އޯއައިސީގެ ބައްދަލުވުމެއްގެ ތެރެއިން ބޭއްވުނު ހަފްލާއެއްގައެވެ. އޭނާގެ ފިރިމީހާގެ ބައްޕައަކީ އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރާ އިމާމެކެވެ. ކެއުމުގައި އޭނާ ބައިވެރިވީ ޢާއިލާ އާއިއެކުގައި ކަމަށްވުމުންނެވެ.
މިފަދަ ވާހަކަތައް ހަމައެކަނި އަޑުއަހަންވީއެއް ނޫނެވެ! އަޑު އިވުނު ކަމަށްވާނީ ޢިބްރަތް ޙާޞިލުކުރުމުންނެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވާން މަސައްކަތްކޮށްފި މީހަކަށް އެކަމަށް މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ. ޝަޢްބީނަކަށްވާން ބޭނުން ކޮންމެ މީހކަށްވެސް ޝަޢުބީނަކަށްވެވޭނެއެވެ. ހަމަ އެ ފުރުޞަތު ދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން