ފާފަކުރެވުން ހުއްޓާލަން ހިތްއެދެންދެން މަޑުކުރާ މީހާގެ ހާލުއެވަނީ ވެންޓިލޭޓަރުގަ އޮތުމަށްވުރެ މާބޮޑަށް ސީރިއަސްވެފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 13ސ
ފާފަކުރެވުން ހުއްޓާލަން ހިތްއެދެންދެން މަޑުކުރާ މީހާގެ ހާލުއެވަނީ ވެންޓިލޭޓަރުގަ އޮތުމަށްވުރެ މާބޮޑަށް ސީރިއަސްވެފަ!

ހޮސްޕިޓަލުތަކުގައި ތިބޭ އެންމެ ޙާލުބޮޑު މީހުން ަބއިތިއްބަނީ ވެންޓިލޭޓަރުގައެވެ. އެއްވެސް މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށްބުނެފިނަމަ އެންމެންވެސް ވަރަށް ބޮޑަށް ކަންބޮޑުވާނެއެވެ. އެމީހާގެ ކަންކަން އެ ނިމެނީ ކަމަށް ހިތަށްވަންނާނެއެވެ. އެއީ ވެންޓިލޭޓަރަށްލާންޖެހޭ މީހުންގެ ނިޞްބަތުން ޝިފާލިބޭ މީހުންގެ ޢަދަދު މަދުވުމުންނެވެ. 

މިއަދު ދައްކަން މިއުޅެނީ ހޮސްޕިޓަލުތަކުގައި ހުންނަ ވެންޓިލޭޓަރުތަކުގައި ބައިތިއްބާފައިތިބޭ ބަލިމީހުންނަށްވުރެ މާހާލުބޮޑު ބައެއްގެ ވާހަކައެވެ. އެއީ ތިމާއަށް ފާފަކުރެވުން ހުއްޓާލަން ތިމާގެ ހިތްއެދެންދެން މަޑުކުރާ މީހުންނެވެ. އެމީހުން އެވަނީ ހަޤީޤަތުގައި ވެންޓިލޭޓަރުގައި އޮތުމަށްވުރެވެސް މާނުރައްކާތެރި، މާސީރިއަސް ޙާލަތުގައެވެ.  

އަހަރެމެންނަށް އޮތީ ފާފަ އެއް ކުރެވޭނަމަ، އެކަމަކުން ތިމާއަށް ކިތަންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، އަދި ކިތަންމެ ބޮޑު މަންފާއެއް ލިބުނު ނަމަވެސް އެކަންކަމަށް ނުބަލައި އަވަހަށް އެކަމަކުން ދުރުވެގަންނާށެވެ. ފާފައެއް ކުރުން ހުއްޓާލަން ޢަޒުމް ކަނޑައަޅައި މަސައްކަތް ފަށައިފިނަމަ އެމީހަކަށް ﷲ ތަޢާލާ މަގުދައްކަވާނެއެވެ. ހިތްވަރުވެސް ދެއްވަވާނެއެވެ. އެކަމުގައި އެމީހަކު އިތުރަށް ސާބިތުވީ ވަރަކަށް ﷲ ތަޢާލާގެ އެހީތެރިވަންތަކަމާއި މަދަދު ދާނީ އިތުރުވަމުންނެވެ. އޮހެމުންނެވެ! ތިމާއަށް ނުވެސް ވިސްނޭހައި ގޮތްގޮތުން ދާނީ ކުރިއެރުމާއި ކާމިޔާބީ ލިބެމުންނެވެ. 

ފާފަ ކުރެވެ މީހަކަށް އެކަން ހުއްޓައިލުމަކީ އެހައި ފަސޭހަކަމަކަށްނުވެދާނެއެވެ. މިސާލަކަށް ޙަލާލް ނޫން ގޮތުގައި ފައިސާ ހޯދައިގެން ދިރިއުޅެމުންދާ މީހަކަށް އެގޮތަށް ފައިސާ ހޯދުން ހުޓައިލުމަކީ އެހައި ފަސޭހަކަމަކަށް ނުވާނެއެވެ. އެމީހެއްގެ ދިރިއުޅުމަށް ޚަރަދުތައް ކުރަން ޖެހޭތީއެވެ. ލޯބިވެރިންގެ ގޮތުގައި ތިބެ ނަހަމަ ގުޅުން ހިންގާ ބައަކަށް އެކަން ކުރުން ހުއްޓައިލުމަކީވެސް ފަސޭހަކަމަކަށް ނުވެދާނެއެވެ. އަދި މިނޫން ގޮތްގޮތުންވެސް ޙަރާމް ކަންކަން ކުރަން އާދަވެފައި ހުންނަ މީހަކަށް އެކަންކަން ކުރުން ހުއްޓައިލުމަކީ އެހައި ފަސޭހަކަމަކަށް ނުވެދާނެއެވެ. 

އެގޮތަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އެކަންކަން ހުއްޓާލިއަ ނުދިނުމަށް އިބިލީސް މެދުކެނޑުމެއް ނެތި ވަސްވާސްދެމުން ގެންދިއުމެވެ. ޙަރާމް ގޮތުގައި ފައިސާ ހޯދުން ހުއްޓާލައިފިނަމަ ބަނގުރޫޓުވެ ނިކަމެތިވާނެ ކަމުގެ ވަސްވާސް ދޭނެއެވެ. ދެލޯބިވެރިން ﷲ ތަޢާލާ އަނގަވާފައި ގޮތަށް އުޅޭނަމަ، އަމަލުތަކުން ދުރުހެލިވެ ތިބޭނަމަ އެކަކު އަނެކަކަށް އޮންނަ ގުޅުން ކުޑަވެ އެކަމުގެ ސަބަބުން ފޫހިކަން އިތުރުވެ، ދެމީހުން ވަކިވެދާނެ ކަމުގެ ބިރުވެރިކަން ހިތަށް ވައްދުވާނެއެވެ. މިފަދަ ހުރިހާ ވަސްވާސްތަކެއް ދިނުމުގެ އިތުރުން އެންމެ ބޮޑަށް ދޭނެ އެއް ވަސްވާސަކީ އުމުރުގައި އަދި ދުވަސްތައް އެބަ އޮތްކަމާއި ފަހުން ހަމަޖެހިލައިގެން ތައުބާ ވެވިދާނެ ކަމުގެ ވަސްވާހެވެ. 

ޙަޤީޤަތަށް ބަލައިފިނަމަ އެންމެ ގިނަ ބައަކު ޖެހެނީ އެންމެ ފަހުން މިބުނި ވަސްވާހުގައެވެ. އުމުރުގަ އަދި ވަރަށް ގިނަ ދުވަސްތައް ބާކީ އެބައޮތް ކަމާއި ފަހުން ތައުބާވެވިދާނެ ކަމުގެ ވަސްވާހުގައެވެ. އަދި އެންމެ ނުރައްކައުތެރިކަން ބޮޑު، އެންމެ ގެއްލުންހުރި ވަސްވާހަކީވެސް ހަމަ އެއީއެވެ. 

މުޖުތަމައުއަށްޓަކައި ނުވަތަ މައިންބަފައިންނަށްޓަކައި އިޞްލާޙްވުމަކީ ހަމަ އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. އިޞްލާޙް ވެވޭނެ ހަމައެކަނި ގޮތަކީ ﷲ ތަޢާލާޢަށް ބިރުވެތިވެ، ތިމާއަށްޓަކައި އިޞްލާޙްވާން މަސައްކަތް ކުރުމެވެ. ފާފަވެރިވެ ނަރަކައަށް ދާން ޖެހޭނީ ތިމާއަށް ކަމަށް ޤަބޫލުކޮށް އަމިއްލަ ނަފުސަށްޓަކައި އިޞްލާޙްވާން މަސައްކަތް ކުރުމެވެ. 

ޔަޤީން ކުރަންޖެހޭނެ ކަމަކީ އިސްލާމް ދީނުގައި އެއްވެސް މީހަކަށް އެއްވެސް ދަތިކަމެއް ނޮއޮންނާނެ ކަމަށް ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިވާ ވަޙީގެ ބަސްފުޅެވެ. އެއްވެސް މީހަކަށް ނުއުފުލޭވަރުގެ ތަކްލީފެއް އެމީހަކަށް ނުޖައްސަވާނެ ކަމަށް އޮތް ޢާޔަތަށެވެ. ބަޤަރާ ސޫރަތުގެ ފަހު ޢާޔަތުން މިކަން އެނގިގެންދާނެއެވެ. ވީމާ މިވެނި ފާފައެއް ކުރުނަ ހުއްޓައި ނުލެވިގެން މިއުޅެނީ މިވެނި ސަބަބަކާއި ހުރެ ކަމަށް ބުނެ ދެއްކެން ދެއްކެން އޮންނާނީ ކޮން ޢުޛުރެއް ހެއްޔެވެ؟ ދެއްކޭނެ އެއްވެސް ޢުޛުރެއް ނުއޮނަނާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން