ރަސޫލް ޞޢވ, ގެ ފަހަތްޕުޅުން ސުވަރުގެ ވަންނަ މީހުންގެ ތެރޭގަ ހިމެނެން ބޭނުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ރަސޫލް ޞޢވ, ގެ ފަހަތްޕުޅުން ސުވަރުގެ ވަންނަ މީހުންގެ ތެރޭގަ ހިމެނެން ބޭނުންހެއްޔެވެ؟

ސުވަރުގެ ވަނުމާއި ސުވަރުގެއިން މަތީ ދަރަޖަ ހޯދުން ވަނީ މީސްތަކުންގެ އަތްމަތީގައެވެ. އެކަން ޙާޞިލުކުރެވެން އޮތީ އެމީހަކުކުރި މަސައްކަތަކުންނެވެ. އެކަން އެނގެނީ އެބޭކަލަކު އެންމެ އެދިވަޑައިގަންވާ ކަމެއްގެ ވާހަކަ ވިދާޅުވަން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވުމުން އަދި އެ ބަސްފުޅު ތަކުރާރުކުރެއްވެވުމުން ވެސް "އެންމެ އެދިވަޑައިގަންނަވާ ކަމަކީ ސުވަރުގޭގައި ރަސޫލް (ޞޢ) އާއި އެންމެ އަރިއަހުގައިވުމަށް" ކަމުގައި ދެންނެވުމުން ކުރެއްވެވި ޙަދީޘްފުޅުންނެވެ. 

ޙަދީޘްފުޅު ކުރެއްވެވީ "ގިނަގިނައިން ސަޖިދަ ކުރުމަށެވެ! / ސަޖިދަކުރުން ކުރުމަށެވެ." މާނައަކީ ސުންނަތް ނަމާދުތައް ކުރުން ގިނަކުރުމެވެ. މި ޙަދީޘްފުޅު މިގޮތަށް ކުރެއްވެވުމުން އެނގިގެން މިދަނީ ސުވަރުގެ ވަނުމާއ ސުވަރުގެއިން ދަރަޖަ ޙާޞިލުވުން ވަނީ އެމީހަކު ކުރި މަސައްކަތަކުންކަމެވެ.    

ސުވަރުގޭގެ ދޮރުކޮޅު ހުޅުވޭނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަޑައިގެން ދޮރުކޮޅުގައި ޓަކި ޖެއްސެވުމުންނެވެ. އެތެރެއިން ސުވާލުކުރެވި އެއީ ރަސޫލާ މުޙައްމަދު (ޞޢވ) ކަން ޔަޤީން ކުރެވުމުންނެވެ. 

ރަސޫލާ މުޙައްމަދު (ޞޢވ) ސުވަރުގެ ވަދެވަޑައިގަތުމާއިއެކު އެކަލޭގެފާނުގެ ފަހަތްޕުޅުން ސުވަރުގެ ވަދެވަޑައިގަންނަވާނީ އަބޫބަކުރުގެފާނެވެ. އެންމެ ފުރަތަމަ ސުވަރުގެ ވަދެވަޑައިގަންނަވާނެ އަންހެން ބޭކަނބަލަކީ ރަސޫލް (ޞޢވ)ގެ ދަރިކަނބަލުން ފާޠިމަތުގެފާނެވެ. އެންމެ ފުރަތަމަ ސުވަރުގެ ވަދެވަޑައިގަންނަވާނެ ތުއްޕުޅު ބޭފުޅުންނަކީ ރަސޫލް (ޞޢވ)ގެ ކާފަ ދަރިކަލުން، ޙަސަންގެފާނާއި ޙުސައިންގެފާނެވެ. ޝަހީދުންގެ ތެރެއިން އެންމެ ފުރަތަމަ ސުވަރުގެ ވަދެވަޑައިގަންނަވާނީ ހަމްޒަތުގެފާނެވެ. 

އެންމެ ފަހުގެ އުންމަތަކީ ރަސޫލް (ޞޢވ)ގެ އުންމަތެވެ. އެހެން ނަމަވެސް އެންމެ ފުރަތަމަ ސުވަރުގެ ވައްދާވާނީ ވެސް ރަސޫލް (ޞޢވ)ގެ އުންމަތުގެ މީހުންނެވެ. މިއީ ރަސޫލް (ޞޢވ)އަށް ﷲ ތަޢަލާ ދެއްވަވާފައިވާ އެންމެ މަތިވެރި އެއް ޝަރަފެވެ.

މިޝަރަފުގެ ފައިދާ އަހަރެމެންނަށް ކުރާނީ އަހަރެމެންނަކީ ސުވަރުގެ ވައްދަވާ މީހުންގެ ތެރޭގައި ހިމެނިގެންނެވެ. އެހެން ނޫން ނަމަ އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ވީމާ އެންމެންވެސް ގަދައަޅައި މަސައްކަތް ކުރަންވީ ސުވަރުގެ ވަނުމަށެވެ. އެއީ ބުރަ މަސައްކަތެއް ކަމަށް ނުދެކޭށެވެ! ތިމާއަށް ޙަޤީޤީ ފައިދާއެއް ކުރާނީ އެ މަސައްކަތުންކަން ޤަބޫލުކުރެވުމުން ހުރިހާ ކަމެއް ވަރަށް ލުއިވެގެންދާނެއެވެ. ވީމާ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއި ކޮށްލަން އެންމެ މުހިންމު ސުވާލަކީ ތިމާއަކީ ހަމަ ހަޤީޤަތުގައިވެސް ސުވަރުގެ ލިބުމަށް އެދޭ މީހެއްތޯއެވެ! 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން