ﷲ ތަޢާލާ ގަންދީ ބުނަމެވެ. ދެމަފިރިއަކު ކައިވެނި ރޫޅާލަން ކޯޓަށްދާން ތައްޔާރުވިއެވެ. ވަކީލުންނާއި ގުޅައި ކަރުދާސްތައްވެސް ތައްޔާރުކުރިއެވެ. އެހެނަސް ދެމަފިރިންނަށް މި ޙަދީޘްގެވާހަކަ އަޑުއިވުމުން ދެމަފިރިން އެ ހަދީޘަށް ޢަމަލުކުރިއެވެ. ކައިވެނި ރޫޅައިލުން އެހިސާބުން ނިމުމަކަށް އައެވެ. އެ ޙަދީޘަށް ޢަމަލުކުރަން ފެށުމުން އެދެމަފރިންގެ ލޯބި ކުރިއަށްވުރެ މާވަރުގަދަވިއެވެ. އެދެމަފިރިންގެ މެދުގައި މިހާރުވެސް މައްސަލައެއް ޖެހިއްޖެ ނަމަ ޢަމަލުކުރަނީ އެ ޙަދީޘްފުޅަށެވެ.
އެހަދީޘްފުޅަކީ "އީމާންތެރި އަންހެނަކަށް ނަފްރަތުކުރުމަކީ އީމާންތެރި ފިރިހެނަކު ކުރުން އެކަށީގެންވާކަމެއް ނޫން ކަމަށާއި އޭނާގެކިބައިން ނުބައި ސިފައެއް ފެނިއްޖެނަމަ އޭނާގެކިބައިގައި ހުރި ރަނގަޅު ސިފައަކަށް ވިސްނުމަށް" ރަސޫލް (ޞޢވ) ޙަދިޘްފުޅުކުރައްވަވާފައިވާ ޙަދީޘްފުޅެވެ.
ވިސްނަންވީ ކަމަކީ އުނިސިފަތައް ހުންނަނީ އަނބިންގެކިބައިގައި އެކަނި ނޫން ކަމެވެ. ފިރިންގެކިބައިގައިވެސް އުނިސިފަތައް ހުންނަކަމެވެ. ވީމާ ކަމެއް ދިމާވާއިރަށް އަނެކާ ކުށްވެރިކުރާއިރު ތިމާގެ ކިބައިގައި ހުންނަ އުނިސިފަތަކަށްވެސް ވިސްނަންވާނެއެވެ!
ފިރިމީހާ ރަނގަޅުގޮތުގައި އަނބިމީހާގެ ކަންކަން ބަލަހައްޓައި ޙައްޤުތައް އަދާކުރަމުންދަނިކޮށް ފިރިމީހާއަށް ޝުކުރުވެރިނުވާ އަންހެނަކަށް ﷲ ތަޢާލާ ރަޙުމް ނުކުރައްވަވާނެކަން އެއީ ޙަދީޘުން އެނގެން އޮތް ކަމެކެވެ.
ޝައިޠޯނުން ކުރާ ޢަމަތަކުގެ ތެރެއިން އެންމެ ބޮޑު ޝައިޠޯނާ، އިބިލީސް އެންމެ ބޮޑަށް އުފާވާ ކަމަކީ ދެމަފިރިންގެ މެދުގައި ނަފްރަތު އުފައްދައި ދުރުކުރުވުންކަން އެއީ އެނގެން އޮތްކަމެކެވެ. ދެމަފިރިން ދުރުކުރުވާ ޝައިޠޯނުންނަށް އިބިލީހުގައި އެންމެމަތީ ދަރަޖަދީ، އެ ޝައިޠޯނުންގެ ބޮލުގައި ތާޖުބަހައްޓައި އެޝައިޠޯނުންގެ ޝަރަފުގައި ޖާފަތްދިނުމަކީ އިބިލީސްކުރާ ކަންކަމެވެ.
މިރޭ ބަހެއް ބުނަން މިއުޅެނީ އެކެއްގެ ނުބައި ނުލަފާކަމާއި ޖައްބާރުކަން ބޮޑުވެގެން އެކުގައި ދިރިއުޅެވެން ނެތިގެން، ނުވަތަ އެކެއްގެ ދުލުގެ ނުބައިކަމާއި އަތުގެ އަނިޔާވެރިކަން ބޮޑުވެގެން ނުވަތަ އެކެއްގެ ކިބައިގައި ލޯތްބެއް ކުލުނެއް އަދުލުވެރިކަމެއް އަދި އިޙްޞާންތެރިކަމެއް އަދި އިންޞާފެއް ވެސް ނެތިގެން ރޫޅައިލަންޖެހޭ ކައިވެނިތަކާއިބެހޭގޮތަކުން ނޫނެވެ. އެކުގައި ރިވެތިކޮށް އުޅެމުން ދަނިކޮށް އެދެމެދަށް ޝައިޠޯނާ ވަދެ ފިތުނަ އުފައްދުވައިގެން ރޫޅައިލުވާ ކައިވެނިތަކާއިބެހޭގޮތުންނެވެ.
ފުރަތަމަ ކަމަކީ ވަރިކުރުމަކީ ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ރުހިވޮޑިނުގަންނަވާ ކަންތައް ނަމަވެސް ވަރިކުރުމަކީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަމެކެވެ. ސުވާލަކީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަމެއް ކުރުވުމުން އިބިލީސް މިހައިބޮޑަށް އުފާކުރަނީ ކީއްވެގެން ހެއްޔެވެ؟
ޖަވާބު އޮތީ ވަރަށް ސާފުކޮށް އެނގޭށެވެ!
ފުރަތަމަ ކަމަކީ ހެޔޮގޮތުގައި ދެމަފިރިއަކު ދިރިއުޅެމުންދާއިރު ޝައިޠޯނާއަށް އެދެމަފިރިންގެ މައްޗަށް ބާރު ހިންގޭނީ ވަރަށް ކުޑަކުޑަމިންވަރަކަށެވެ. ނަމަވެސް ވަރިކުރުވިއްޖެނަމަ ބާރުހިންގަން އެތައް ގުނައަކަށް ފަސޭހަވެގެންދެއެވެ. ނުބައި އަމަލުތައް ކުރުވަން ޝައުޤުވެރިކުރުވަން ފަސޭހަވެ އެކަމަށް ފުރުޞަތު ފަސޭހަވެގެންދެއެވެ. ޚާއްޞަކޮށް ފާހިޝް އަމަލުތައް ކުރުވުމަށެވެ.
ދެން އޮތީ އެންމެ ނުރައްކައުތެރިބައެވެ. އެއީ ދަރިން ހަލާކުރުކުރުމެވެ. މައިންބަފައިން ވަކިވުމަކީ ދަރިންނަށް ލިބޭ އެންމެ ބޮޑު ނިކަމެތިކަމެވެ. މައިންބަފައިން އެކުގައި ދިރިއުޅެ ދަރިން ބަލަހައްޓަން މަސައްކަތްކުރާިއރުވެސް ގިނަ ފަހަރަށް އޮންނަނީ އެކަން ނުކުރެވިފައެވެ. ވީއިރު ދެމަފިރިން ވަކިވެ ދެތަންވުމުން ދަރިން ބެލެހެއްޓުމުގައި އަންނާނެ އުނިކަން ނިކަން ހިތަށް ގެނެސްބަލާށެވެ!
ޅައުމުރުގެ ކުޑަކުދިން ނުބައި މަގުތައް ޚިޔާކުރުން ގިނަވަމުން މިދާ އެންމެ ބޮޑު އެއް ސަބަބަކީ މައިންބަފައިން ދެތަންވެ ދަރިން ނުބެލެހެއްޓުމެވެ. ތަރުބިއްޔަތުނުކުރެވުމެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ފާހިޝް އަމަލުތައް ކުރުމުގެ ތެރެއަށް ދަރިން ވެއްޓިގެންދާ އެންމެ ބޮޑު އެއް ސަބަބަކަށްވެފައި އޮންނަނީވެސް ކައިވެނި ރޫޅި ދެމަފިރިން ދެތަންވުމެވެ.
ވީމާ ކައިވެނި ރޫޅުން ވެގެންމިދަނީ ޖީލު ހަލާކުގެ ތެރެއަށް ވައްޓާލަން ޝައިޠޯނުންނަށް އެންމެ ބޮޑަށް ފުރުޞަތުލިބި މަގުފަހިވާ ސަބަބުކަމުގައެވެ.
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ކައިވެނި ރޫޅުމަށްވެސް އެންމެ ބޮޑަށް މަގުފަހިވެގެންދާ އެއްކަމަކީ ޝައިޠޯނާ އުފައްދާ ފިތުނައިގެ ސަބަބުން ރުލި އިސްކުރެވޭކަމެވެ. އެރުޅީގެ ސަބަބުން ކަންކަމުގެ ހަޤީޤަތްވެސް ނުބަލައި އަމަލުތައް ކުރެވޭކަމެވެ.
ވީމާ ފުރަތަމަ ކަމަކަށް ރުޅިއަުދެވޭހިނދު އަޢޫޛްކިޔަން އާދަކުރާށެވެ! އަޢޫޛްކިޔުމަކީ ޝައިޠޯނާގެ ފިތުނައާއި ނުބައިކަމުން ތިމާ ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވޭ އާދޭހެކެވެ. ވީމާ އެއާދޭސް ދެންނެވުމުގައި ސާބިތުވާށެވެ! ހިތުގެ އެންމެ އަޑިން އާދޭސް ދަންނަވާށެވެ!
ދެވަނަކަމަކަށް އަބަދުވެސް ބައިވެރިޔާގެ ރަނގަޅުސިފަތަކުގެ އަގުވަޒަންކުރާމީހަކަށްވާށެވެ! ރަސޫލް (ޞޢވ) ޙަދިޘްފުޅުކުރައްވަވާފައިވަނީ އީމާންތެރި އަންހެނަކަށް ނަފްރަތުކުރުމަކީ އީމާންތެރި ފިރިހެނަކު ކުރުން އެކަށީގެންވާކަމެއް ނޫން ކަމަށެވެ. އޭނާގެކިބައިން ނުބައި ސިފައެއް ފެނިއްޖެނަމަ އޭނާގެކިބައިގައި ހުރި ރަނގަޅު ސިފައަކަށް ވިސްނުމަށެވެ.
ނިންމާލަމުން ބުނަމެވެ! ކޮންމެ ދެމަފިރިއަކު ވަރިކުރުވަންވެސް ޝައިޠޯނާ މަސައްކަތްކުރުން ހުއްޓައިނުލާނެކަން އަހަރެމެންނަށް އެބަ އެނގެއެވެ. ވީމާ ކުރަންވީ ކަމަކީ ޝައިޠޯނާ އެ މަސައްކަތްކުރުން ހުއްޓައިނުލާނެކަން ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތައިނުލުމެވެ. ހަމަ އެއާއިއެކު ﷲ ތަޢާލާގެ ރަޙްމަތަށް އެދި މެދުނުކެނޑި ދުޢާކުރަމުން ގެންދާށެވެ! ދެމީހުން ދުރުވެދާނެ އެއްވެސްކަމެއް މެދުވެރިނުވުމަށް އެދިގެންނާއި ދުވަހެއް ދުވަހަކަށް ހިތުގައި ލޯބި އިތުރުވުން އެދި ދުޢާކުރަމުން ގެންދާށެވެ! ޝައިޠޯނާގެ ފިތުނައިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދިވެސް ގިނަގިނައިން ދުޢާކުރާށެވެ!
- ޝައިޚް މާޖިދް މަޙްމޫދުގެ ދަރުސަކުން