ކޮންމެ ދެމީހަކުވެސް ކައިވެނިކުރަނީ ޢުމުރު ދުވަހު އެކުގައި އުޅުމުގެ މަތިވެރި ނިޔަތުގައެވެ. ނަމަވެސް މައްސަލަތައް ކުރިމަތިވެ އެކުގައި ދިރިނުއުޅެވޭ ޙާލަތަށް ކަންކަން ދެއެވެ. ބައެއްފަހަރު އެއީ ވަކިމީހަކު ނުބައިވެގެނެއްވެސް ނޫނެވެ. ދެ މީހަކަށްވުމުން ޚިޔާލުތަފާތުވެ ދެމީހުންނަށް އެކުގައި ދިރިނުއުޅެވޭ ޙާލަތަށްދަނީއެވެ.
ކޮންމެއަކަސް އެކުގައި ދިރިނުއުލެވޭ ޙާލަތަށް ހިނގައްޖެނަމަ އޮތީ ވަރުވުމެވެ. ވަރިކުރުމެވެ. އެހާލަތުގައި އެއީ ލަދުގަންނަންޖެހޭ އަދި ކަންބޮޑުވާންޖެހޭ ސަބަބެއް ވެސް ނޫނެވެ. ޞަޙާބީންގެތެރެއިންވެސް އެތައް ބޭކަލެއް ވަރިކުރެއްވެވިއެވެ. އަދި އަހަރެންގެ ޙަޔާތުގައިވެސް ވަނީ ވަރިކުރެވިފައެވެ. ވީމާ ވަރިއާއިމެދު ނުބައިކޮށް ނުވިސްނާށެވެ!
ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ދެމަފިރިން އެކުގައި އުޅުމަށެވެ. ރިވެތިގޮތުގައި އެކުގައި ނުއުޅެވިއްޖެނަމަ ރިވެތިގޮތުގައި ވަރިކުރުމަށެވެ. ވީމާ ވަރިކުރަންވާނީ ރިވެތިގޮތުގައެވެ. ރުޅިވެރިކަމެއް އަނިޔާވެރިކަމެއް އިސްނުކޮށެވެ.
"ކަލޭ ދިރިއުޅުނަކަ ނުދޭނަން. ކަލެއަސް މަގޭ ހުރި ނުބައިކަން ދައްކައިލާނަން! ހިތިރަހަ ލައްވާލާނަން! ނިކަމެތިކޮށްލާނަން! ޙާލުގަ ޖައްސާނަން! އެހެން މީހަކާ ކައިވެނިކުރިއަކަެސް ނުދޭނަން!" ފަދަ ހުތުރުބަސްތައް ނުބުނާށެވެ! މިފަދަ ބަސްތައް ބުނެ ނުބައި ޢަމަލުތައްކުރާ މީހުން އެކަމުގެ ރަހަ ދެކޭނެއެވެ. ތިބާ ބުނާ ނުބައި ބަސްތައް ވަނނީ ހަމަ ތިބާއަށެވެ. ތިބާކުރާ ނުބައި ކަންކަން ވެސް ވަނީ ހަމަ ތިބާއަށެވެ. ތިބާގެ ނުބައިކަމުން ގެއްލުން ތިބޭނީ ހަމަ ތިބާއަށެވެ! ﷲ ތަޢާލާގެ ރުހިވޮޑިނުގަތުންވެސް ލިބޭނީ ހަމަ އެމީހަކަށެވެ. އަނެކާއަށް އެކަމުން ކުރާނެ އެއްވެސް އަސަރެއް ނެތެވެ. އަނެކާއަސް ލިބޭނީ އިތުރު މޮޅުތަކެވެ.
ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ކައިވެނި ރޫޅިއްޖެނަމަ އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ޢަމަލެއް ނުކޮށް އީމާންކަމުގައި ސާބިތުވުމެވެ.
ވަރިކުރުމަށްފަހު ނުވަތަ ވަރިވުމަށްފަހު އެކަކު އަނެކަކަށް ހެޔޮކޮށްހިތުން އިތުރުކުރާށެވެ! ދެމީހުން އެކުގައި އުޅުނުއިރު އެކަން ނުކުރެވުނުކަމަށްޓަކައި ދެމީހުން ދުރުވުމުން އެކަންކުރާށެވެ! ކައިވެނި ރޫޅުމަކީ އެއްވެސް ޙާލެއްގައި ދެމީހުންނަކީ ދެ ހަތުރުންނަށްވާންޖެހެންވީ ސަބަބެއް ނޫނެވެ.
- މުފްތީ މެންކުގެ ދަރުސަކުން