ހެޔޮލަފާ އަންތބަކަށް އޭނާގެ ފިރިމިހާ ކިތަންމެ ފަޤީރުވެފަ ނިކަމެތި ނަމަވެސް ޤަބޫލުކުރެވޭނީ މުއްސަނދި ރަސްކަލެއްކަމަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ހެޔޮލަފާ އަންތބަކަށް އޭނާގެ ފިރިމިހާ ކިތަންމެ ފަޤީރުވެފަ ނިކަމެތި ނަމަވެސް ޤަބޫލުކުރެވޭނީ މުއްސަނދި ރަސްކަލެއްކަމަށެވެ!

ކޮންމެ ފިރިއަކީ މުއްސަންޖެއް ނޫނެވެ. ދުނިޔޭގައި ގިނައީ ފަޤީރުންނެވެ. ވީމާ ފިރިންގެ ތެރޭގައިވެސް ގިނަވާނީ ފަޤީރުންނެވެ. އެކަން ހެޔޮހިތުން ޤަބޫލުކުރަންޖެހޭނެއެވެ. އެކަން ޤަބޫލުނުކުރެވޭ، ތިމާގެ ފިރިމީހާއަކީ މުއްސަންޖެއް ކަމުގައިވުމަށް ބޭނުންވާ އަންހެނުންނަށް އޮތީ ފަޤީރު ފިރިހެނުންނާއި ކައިވެނި ނުކުރުމެވެ. 

ފަޤީރު ފިރިހެނަކާއި ކައިވެނިކުރަންވާނީ އޭނާގެ ފަޤީރުކަން ޤަބޫލުކުރާ ޙާލުގައެވެ. ވީމާ ކައިވެނިކުރުމަށްފަހު ފިރިމީހާގެ ނެތް ތަނަވަސްކަމަށް ނޭދޭށެވެ! ފައިށާ އިތުރަށް ބޭނުންވެގެން ފިރިމީހާގެ ބޯ ގޮއްވަން ނުހަދާށެވެ! ފިރިމީހާ ދަރަނިވެރިކުރުވުން ފަދަ ކަންކަން އެއްގޮތަކަށްވެސް ނުކުރާށެވެ! 

ފިރިހެނުންވެސް ސަމާލުކަންދޭންޖެހޭނެ ކަމެއްވެއެވެ. އެއީ ތިމާގެ ކިބައިގައި ނެތް ތަނަވަސްކަން ހުރިކަމަށް ނުދައްކާށެވެ! ކައިވެނިކުރަންވާނީ ޙާލަތު ރަނގަޅަށް ކިޔައިދީފައެވެ. ޚަރަދުކުރެޭނެ މިންވަރާއި ކޮށްދެވޭނެ ކަންކަންވެސް ކިޔައިދީފައެވެ. ޙާލަތު އޮޅުވާލައިގެން ކައިވެނިކޮށްފިނަމަ ކުރިމަތިވާ ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމީހެކެވެ.   

"ހެޔޮލަފާ އަންތބަކަށް އޭނާގެ ފިރިމިހާއަކީ ފަޤީރެއް ނަމަވެސް އޭނާއަކީ ރަސްކަލެއްކަމަށް އިޙްޞާޞް ކުރުވިދާނެއެވެ!" މިއީ "އިސްލާމިތިންކިންގ" ޓްވިޓަރު އެކައުންޓުން ހާމަކޮށްފައިވާ ވަރަށް އިބްރަތްތެރި ޖުމުލައެވެ.  

އިބާރާތުގައި އެބުނާ ފަދައިން ހެޔޮލަފާ އަނބިންނަކީ މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ބައެކެވެ. ފިރިމީހާގެ މާލީ ޙާލަތު ޤަބޫލުކޮށް އެކަމަށް ޝުކުރުވެރިވެގެން ދިރިއުޅެން މަސައްކަތްކުރާނަމަ ފިރިމީހާއަށް އޭނާގެ ފަޤީރުކަން އިޙްޞާޞް ވެސް ނުކުރެވޭނެއެވެ. އޭނާއަށް އިޙްޞާޞް ކުރެވޭނީ ހަމަ ރަސްކަލެއް ފަދައިން އޭނާއަކީވެސް ތަނަވަސް މީހެއް ކަމަށެވެ. 

އެއާއި ޚިލާފަށް އަނބިމީހާއަކީ އަބަދުވެސް ލިބޭމިންވަރު މަދުވެގެން ޝަކުވާ ކުރާ މީހަކަށް ވެއްޖެ ނަމަ އެކަމުގެ ސަބަބުން ފިރިމީހާ އަބަދުވެސް ހުންނާނީ މޮޔަވާވަރުވެފައެވެ. ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައެވެ. އަަބދުވެސް ހުންނަން ޖެހޭނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައެވެ. 

މިކަމުގައި އިތުރު ވިސްނުމަކުންވެސް ވިސްނައިލަން ޖެހެއެވެ. ލިބޭ މިންވަރު މަދުވެގެން ޝަކުވާ ކުރުމާއި ލިބޭ މިންވަރުން ޢާއިލާއަށް ކުރާ ޚަރަދު ކުޑަވެގެން ޝަކުވާ ކުރުމަކީ މުޅިން ދެކަމެކެވެ. ފިރިމީހާއަށް ލިބޭ އާމްދަނީން ޢާއިލާއަށް ޚަރަދު ނުކުރާނަމަ އެކަމުގެ ޝަކުވާ ކުރުމަކީ އަނބިމީހާއަށް ލިބިގެންވާ ޙައްޤަކަށްވާތީއެވެ. އެހެނީ ފިރިމީހާގެ އަތްމައްޗަށް ﷲ ތަޢާލާ ދެއްވަވާ ތަނަވަސްކަމުގައި ނުވަތަ ފިރިމީހާއަށް ލިބޭ އާމްދަނީގައި ޢާއިލާގެ ހިއްޞާ ހިމެނިގެންވެއެވެ. އެ ހިއްޞާ ފުރިހަމައަށް އަދާ ކުރުމަކީ ކޮންމެހެން އަދާކުރަން ޖެހޭނެ ވާޖިބެއް ކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. 

ތަޤްވާވެރިކަން އިތުރުކުރާށެވެ! ތަނަވސްކަން ދެއްވެވުން އެދި ދެމަފިރިން އެކުގައި ދުޢާކުރާށެވެ! އެފަދަ ދެމަފިރިންނަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރުކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން