ކުރަން މަސައްކަތްކުރާ ކޮންމެ ކަމެއް ނުވުމުން އެއީ ސިހުރު ހާހޫރައާ އެސްފީނާއިން ކަމަށް ޤަބޫލުނުކުރާށެވެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކުރަން މަސައްކަތްކުރާ ކޮންމެ ކަމެއް ނުވުމުން އެއީ ސިހުރު ހާހޫރައާ އެސްފީނާއިން ކަމަށް ޤަބޫލުނުކުރާށެވެ!

ތިމާ ކުރަން މަސައްކަތްކުރާ ކޮންމެ ކަމެއް ޙާޞިލުނުކުރެވުމުން އެއީ ސިހުރު ހާހޫރަ އާއި އސްފީނާއިން ކަމަށް ޤަބޫލުނުކުރާށެވެ! އެހެނީ ކުރެވެން އުޅޭ ކަމަކީ އެމީހަކަށް އެކަމުން ގެއްލުން ލިބޭނެ ކަމެއްނަމަ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅުންނަށް އެކަމެއް ވުމަށް ﷲ ތައާލާ ހުރަސް އަޅުއްވަވަތެވެ.

ބައެއް ފަހަރު ލޯބިވެރިޔާ ނުލިބުން ފަދަ ވަރަށް އާދައިގެ ކަންކަމުގައިވެސް އެއީ ސިހުރުން ކަމަށް އެބަ ޤަބޫލުކުރެވެއެވެ. ލޯބިވެރިޔާ ނުލިބޭ ކޮންމެ ފަހަރަކު އެކަން މެދުވެރިވަނީ ސިހުރަކުން ކަމަށްނުވެދާނެއެވެ. އޭނާގެ ކިބައިން ތިބާއަށް ލިބެން އޮތީ ގެއްލުމާއި ހިތްދަތިކަން ކަމުގައިވާނަމަ ﷲ ތާޢާލާ އެގޮތަށް މިންވަރުކުރެއްވެވުމަކީވެސް ވެދާނެ ކަމެކެވެ. ވީމާ ކޮންމެ ކަމެއް ސިހުރާއި ނުގުޅުވާށެވެ!

ތިމާއަށް ގެއްލުން ހުންނަ އެތައް ކަމެއް ކުރެވުމުން ﷲ ތަޢާލާ މީސްތަކުން ސަލާމަތްކުރައްވަވަތެވެ. އެހެން ނޫން ނަމަ ގިނަ ބައަކަށް ލިބޭ ހިތާމަތައް އިތުރުވެގެންދާނެއެވެ. އަދި ބޮޑެތި ގެއްލުންތައް ލިބުންވެސް މާގިނަވާނެއެވެ.

ތިމާއަށް ސިހުރުގެ އުނދަގުލެއްވާކަމަށް ޝައްކުކުރެވޭނަމަ އެކަން އެނގޭ މީޙުންނާއި މަޝްވަރާކުރާށެވެ! އަދި އެއްވެސް އުނދަގުލެއް ނުވި ނަމަވެސް ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔަމުންގެންދާށެވެ! ހަށިރައްކަލަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާށެވެ. ގެއިން ނުކުންނައިރުވެސް ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިގަތުމަށް ކިޔަންޖެހޭ ޛިކުރުތައް ކިޔައިގެން ނޫނީ ނުނުކުންނާށެވެ! 

"ތިމާ މިއުޅެނީ ހުރިހާ އަޅުކަމެއް ކުރަމުން ވަރަށް ރަނގަޅަށޭ، ތިމާއަށް ސިހުރެއް އެސްފީނާއެއް ނުޖެހޭނެއޭ" ހީނުކުރާށެވެ! ރަސޫލް (ޞޢވ) އަށް އެކަންކަން ޖެހިވަޑައިގެންނެވިކަން އެއީ ޤުރްއާނުން ސާބިތުވާން އޮތްކަމެކެވެ. ވީމާ ތިމާއަށް ނުޖެހޭނެ ކަމަށް ޔަޤީންކުރުމެއް ނެތެވެ. 

ޙައްލަކީ ހަމަ ކުރިން ބުނިފަދައިން ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ހުންނަން މަސައްކަތްކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން