ތައުބާވެ ޙައްޤުގަ ހުރެ ކޮންމެ މުޞީބާތެއް ކުރިމަތިވެގެން މި ދުޢާކުރިނަމަވެސް އެކަމަކުން ސަލާމަތްކުރައްވަވައި ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
ތައުބާވެ ޙައްޤުގަ ހުރެ ކޮންމެ މުޞީބާތެއް ކުރިމަތިވެގެން މި ދުޢާކުރިނަމަވެސް އެކަމަކުން ސަލާމަތްކުރައްވަވައި ދެއްވަވާނެ! އިން ޝާ ﷲ

މިއީ ކިތަންމެ ކުރު ދުޢާއެއް ނަމަވެސް އަދި އެންމެން ހިތުދަސް ދުޢާއެއް ނަމަވެސް ގިނަ ބައަކު ވަނީ މިދުޢާގެމަތިން ހަނދާންނައްތާލައިފައެވެ. އެކަން އެހެންވެގެން މިދަނީ ﷲ ތަޢާލާއަށް އިތުބާރުކުރުމުގަ އާއި ވަކީލުކުރުމުގައި ފޭލްވަމުންދާތީއެވެ! ކޮންމެ މުޞީބާތަކުން ސަލާމަތްކޮށްދެއްވެވޭނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމާއި ތިމާކުރާ ދުޢާ ﷲ ތަޢާލާ ޢިޖާބް ކުރައްވަވާނެ ކަމުގެ ޔަޤީންކަން ކުޑަކުރެވޭތީއެވެ. 

ﷲ ތަޢާލާ އިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެ އެއް ދުޢާއަކީ އިބްރާހީމްގެފާނުގެ އުމުރުފުޅުން، 14، 15 ވަރަކަށް އަހަރުގައި އަލިފާނަށް އެއްލައިލާން އުޅުމުން ކުރެއްވެވި ދުޢާއެވެ. 

މަދުބައަކު ނަމަވެސް މިދުޢާ މިހާރުވެސް މީހުން ކުރެއެވެ. ނަމަވެސް އިޖާބަ ކުރެއްވެވުން ލަސްވުމުން ކަންބޮޑުވެއެވެ. އެއީ ހަމަ އެކަނި އިބްރާހީމްގެފާނު ކުރެއްވެވުމަށް އޮތް ދުޢާއެއް ކަމަށް ޤަބޫލުކުރެވޭ ހިސާބަށްވެސް ކަންކަން އެބަ ދެއެވެ. ވިމާ މިކަން މިވާ ގޮތަކާއިމެދު ވިސްނައިލުން ކީއްހެއްޔެވެ؟

ފުރަތަމަ ކަމަކީ މި ދުޢާ ކުރެވޭނީ ﷲ ތަޢާލާއާއިމެދު ވަރަށް ބޮޑު އިތުބާރެއް ހިތުގައި އޮވެގެންނެވެ. ވަރަށް ބޮޑު ޔަޤީންކަމެއް އޮވެގެންނެވެ. އެފަދަ އިތުބާރާއި ޔަޤީންކަން ލިބޭނީ ހިތުގައި ވަރަށް ވަރުގަދަ އީމާން ކަމެއް އޮތް މީހަކަށެވެ. އެފަދަ އީމާންތެރިކަމެއް ލިބޭނީ ވަރަށް ތަޤްވާވެރި މީޙަކަށެވެ. ހުރިހާ މައްސަލަތަކެއް އުފެދިގެން ދަނީ ދުޢާ ކުރާ މީހާގެ ކިބައިގައި މިކަންކަން ފުރިހަމަ ނުވާތީއެވެ. 

މި ދުޢާ ކުރާ މީހާގެ ހިތުގައި އޮންނަން ޖެހޭ ޔަޤީންކަމުގެ ތެރޭގައި ﷲ ތަޢާލާ ނޫން ދެވަނަ އެއްވެސް ފަރާތެއްގެ އެއްވެސް އެހީތެރިކަމެއް އެމީހަކަށް ބޭނުން ނުވާކަމުގެ ޔަޤީންކަން ބޭނުންވެއެވެ. ނިކަން ބުނެބަލާށެވެ! އެފަދަ ޔަޤީންކަމެއް ހިތުގައި އޮތީ ކިތައް މީހުންގެ ހެއްޔެވެ؟ އެ ޔަޤީންކަން ހިތުގައި އޮތްނަމަ ހޯދައިގެން ނުވާނެ ގޮތްގޮތަށް މީހުންގެ އެހީތެރިކަން ހޯދަން މިއުޅެވެނީ ކީއްވެގެން ހެއްޔެވެ؟ 

އެމީހަކަށް ﷲ ތަޢާލާ އިން އެކަނި ފުދާ ކަމުގެ ޔަޤީންކަން އޮތް މީހަކު ނަމަ އެފަދައިން އެއްވެސް މީހެއްގެ އެހީތެރިކަމަކަށް ބޭނުމެއް ނުވާނެއެވެ. އެމީހާ ހުންނާނީ ހަމަ އެކަނި ﷲ ތަޢާލާ އިން ފުދި އަދި އިތުރުވެސް ވެގެންނެވެ. 

އިބްރާހީމްގެފާނު އެއްލައިލުމަށްޓަކައި އަލިފާންގަނޑު ބޮޑުކޮށް ވަރުގަދަކުރަން 3 ދުވަސްވަންދެން ދަރުއަޅައި އަންދަމުން ދިއައެވެ. އަލިފާން ގަނޑު ބޮޑުވަމުން ދިއައެވެ. އިބްރާހީމްގެފާނަށްޓަކައި އެންމެ ކުޑަމުން ބަހެއް ބުނެލާނެ ހަމަ އެކަކުވެސް މިދުނިޔެއަކު ނެތެވެ. އަމިއްލަ ބައްޕަ ވެސް ހުރީ އިބްރާހީމްގެފާނާއި ދެކޮޅަށެވެ. އެހާލަތުގައިވެސް އިބްރާހީމްގެފާނަށް އޮތް ޔަޤީން ކަމަކީ ﷲ ތަޢާލާ، އެކަލޭގެފާނު ނިކަމެތި ނުކުރައްވަވާނެ ކަމެވެ. 

މިއަދުވެސް ވޮޑިގެންވަނީ ހަމަ އެދުވަހުވެސް ވޮޑިގެންވީ ﷲ ތަޢާލާއެވެ. މިއަދުވެސް މިކުރަނީ ހަމަ އެދުޢާއެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި ދީލަތިވަންތަކަން އަދި މިއަދުވެސް އަހަރެމެންނަށް ހަމަ އެދުވަހު އިބްރާހީމްގެފާނަށް އޮތް މިންވަރަށް އެބައޮތެވެ. ދުޢާގެ ބަރަކާތްވެސް ހަމަ އެދުވަހު އޮތް ވަރަށް އެބަ އޮތެވެ. ހަމައެކަނި ޖެހިގެން މިއުޅޭ މައްސަލައަކީ އަހަރެމެންގެ އީމާންކަން އުނިވުމެވެ. އަހަރެމެން އަމިއްލައަށް މަގުން ކައްސާލައިގެން ދިއުމެވެ. 

ނިކަން ގޮތް ބަލަން ނަމަވެސް މީހާ އިޞްލާޙްވެބަލާށެވެ. ތައުބާވެބަލާށެވެ! އަމަލުތައް ސީދާކޮށްބަލާށެވެ! މިދުޢާއިން ޙާޞިލު ނުވާނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ވަކި ކަމެއް ނޫނެވެ! ކޮންމެ ފަދަ މުޞީބާތަކުން ނަމަވެސް މެއެވެ. މިދުޢާއަކީ އެމީހަކަށް ކުރިމަތިވާ ކޮންމެ މުޞީބާތަކުން ސަލާމްތަވުމަށްވެސް ކިޔަން އޮތް ދުޢާއެވެ. ކޮންމެ ފަދަ މުޞީބާތެއް ކުރިމަތިވެގެން ނަމަވެސް މިދުޢާ ކުރުމުން، އެ މުޞީބާތަކުން ސަލާމަތް ނުވެވިއްޖެ ނަމަ އެއީ ހަމަ އެމީހެއްގެ މައްސލައެކެވެ. އަވަހަށް ކަންކަން އިޞްލާޙްކުރާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން