ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެގެން އުޅުމުގެ ކުރިން ތިބާގެ ދައުރު ފުރިހަމަކުރެވުނުކަން ޔަޤީންކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެގެން އުޅުމުގެ ކުރިން ތިބާގެ ދައުރު ފުރިހަމަކުރެވުނުކަން ޔަޤީންކުރާށެވެ!

ތިބާ ކަމަކަށް ބޭނުންވުމުން އަވަސްވެގަންނަނީ ﷲ ތަޢާލާއަށް ވަގުތުން ދުޢާކުރުމަށެވެ. ދުވާލެއް ރޭގަނޑެއް މެންދަމެއް ނުބަލަމުއެވެ. އަދި ދުޢާކުރުމާއިއެކު ވަގުތުން ޢިޖާބަކުރައްވަވައި ދެއްވެވުމަށްވެސް އެދެމުއެވެ. އެހައިވެސް ކެތްތެރިކަމެއް ވެސް ނުހުރެއެވެ. 

ވިސްނައިލަންޖެހިފައިވާ ކަމަކީ ހެނދުނެއް މެންދުރެއް ހަވީރެއް ރޭގަނޑެއް ދަންވަރެއް ފަތިހެއް ނެތި ދުވަހުގެ 24 ގަޑިއިރުގެ ތެރެއިން ކޮންމެ ވަގުތަކު ތިބާ ދުޢާކުރި ނަމަވެސް ﷲ ތަޢާލާ އައްސަވައިވޮޑިގެންވާއިރު ދުވާލަކު 5 ފަހަރު ގޮވާ ބަންގީގެ އަޑު ތިބާއަށް އިވޭކަމާއިމެދުގައެވެ. ނަޞްރާއި ކާމިޔާބުލިބިގަތުމަށްޓަކައި ނަމާދުކުރަން އަންނާށެވެ ގޮވާއަޑު އިވޭކަމާއިމެދުގައެވެ. 

މީސްތަކުންގެ ޖާހިލުކަން ބޮޑުކަމުން ﷲ ތަޢާލާ އިންސާނުންނަށް ދެއްވެވި ޢިލްމުން ހޯދާފައިވާ ޓެކްނޮލޮޖީގެ ބޭނުން، ﷲ ރުހިވޮޑިނުގަންނަވާ، ކަނޑައެޅިގެން ޙަރާމްކުރެއްވެވި ކަންކަން ކުރަން ބޭނުންކުރި ނަމަވެސް ހަމައެ ޓެކްނޮލޮޖީގެ އެހީގައި ބަންގީގެ އަޑުވެސް އެހޭނެގޮތް ﷲ ތަޢާލާ ވަނީ ފަހިކުރައްވަވައި ދެއްވަވައިފައެވެ. އަދި ޓެކްނޮލޮޖީގެ އެއްވެސް ވަސީލަތެއް ނެތިވެސް ނަމާދުވަގުތުތައް ދެނެގަނެވޭނެ މަގުވެސް ﷲ ތަޢާލާވަނީ ކުރައްވަވައިދެއްވަވައިފައެވެ. 

ވީމާ އެއަޑު ނުއިވޭކަމަށް ނުވަތަ ނަމާދު ވަގުތު ޖެހުނުކަން ނުއެގޭކަމަށް ބުނެ ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގައި ކޮންމެ ތަނެއްގައި ހުރި މީހަކު ނަމަވެސް އެއަޑުއަހަން ބޭނުންވާ މީހާއަށް އަޑުއެހޭނެއެވެ. ވަގުތު ޖެހިއްޖެކަން ދެނެގަންނަން ބޭނުންވާ މީހާއަށް ދެނެގަނެވޭނެއެވެ. 

ވީމާ ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދެން ބޭނުންވާއިރު، އެދެން ޖެހިފައިވާއިއރު ފުރަތަމަ ކަމަކަށް ބަންގީގެ އަޑުއަހާށެވެ! އެންމެ މަދުވެގެން ފަރުޟު 5 ނަމާދު ބަރާބަރަށް އަދާކުރަމުން ގެންދާށެވެ! ދުނިޔަވީ ގޮތުން ބެލިނަމަވެސް ކަންކަމު އެދޭއިރު ފުރަތަމަ ފުރިހަމަކުރަންޖެހެނީ އެކަމެއް އެދޭ މީހާ ފުރިހަމަކުރަންޖެހޭ ބައެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދުމުގައިވެސް އޮތީ ހަމައެމަގެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން