ދެމަފިރިންނަމަވެސް ނުބައި ބަސް ބުނާނަމަ އެކަން އެކުރަނީ އިސްލާމް ދީނުން ބޭރުން! އެކަމުން ރޯވާ އަލިފާން ވަރަށް ހޫނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ދެމަފިރިންނަމަވެސް ނުބައި ބަސް ބުނާނަމަ އެކަން އެކުރަނީ އިސްލާމް ދީނުން ބޭރުން! އެކަމުން ރޯވާ އަލިފާން ވަރަށް ހޫނުވާނެ!

ދެމަފިރިން ނަމަވެސް ޚިޔާލުތަފާތުވާ ވަގުތުތަކުގައިވެސް އަދި އެނޫން ވަގުތުތަކުގައި ނަމަވެސް ނުބައި ބަސްތައް ބުނާނަމަ އެކަން އެކުރަނީ އިސްލާމް ދީނުން ބޭރުންނެވެ. އެހެނީ ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެފަދަ ކަމެއް ﷲ ތަޢާލާއަށް އީމާންވެގެން ހުރި މީހަކު ނުކުރާނެ ކަމަށެވެ. 

ވިސްނަން ޖެހޭނެ ކަމަކީ ދުލުން ބުނެ ބޭރުކުރާ ނުބައިބަސްތަކުގެ ސަބަބުން އަނެކާގެ ހިތުގައި އަލިފާން ރޯވާނެ ކަމެވެ. އެއަލިފާން ވަރަށް ހޫނުވާނެ ކަމެވެ. އަދި އެ އަލިފާން ނިއްވާލައި ހިތަށް ފިނިކަން ދިނުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫންކަމެވެ. ގިނަފަހަރަށް އޮންނަނީ އެކަން ނުެސްކުރެވިފައިކަމެވެ. 

ރޫޅެމުންދާ ކައިވެނިތަކަށް ބަލާށެވެ! ޖިސްމާނީ އަނިޔާކުރާތީ ރޫޅޭ ކައިވެނިތަކަށްވުރެ ގިނަވާނީ ދުލުގެ ނުބައިކަމަށް ކެތް ނުކުރެވިގެން ރޫޅެން މެދުވެރިވާ ކައިވެނިތަކެވެ. އެކަމުގެ ސަބަބަކީ ޖިސްމާނީ އަނިޔާކުރާ މީހުންނަސްވުރެ ދުލުން ނުބައި ބަސްތައް ބުނާ މީހުން ގިނަވުން ކަމަށްވެސް ވެދާނެއެވެ. މިއީ ކޮންފަދަ ދެރަ ނިކަމެތިކަމެއް ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ދުލުން ނުބައި ބަސްތައް ބުނުމާއިމެދު މަޗްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެފައިވާ ބަސްކޮޅެއްވެސް ހާމަކޮށްލާނަމެވެ!  

ޚިޔާލުތަފާތުވުމަކީ އިންސާނުންގެ ކިބައިގައި ލައްވަވާފައިވާ ސިފައެކެވެ. އެކަން އެނގެނީ ރަސޫލް (ޞޢވ) އަށްފަހު އެންމެ މަތިވެރިކަން ލިބިވަޑައިގެން ތިއްބެވި ޞަހާބީންގެ މެދުގައިވެސް ކަންކަމުގައި ޚިޔާލުތަފާތުވުން އުފެދޭ ކަމެވެ. ވަރަށް ބޮޑަށް ޚިޔާލުފުޅުތައް ތަފާތުވެގެންދިއަކަމެވެ. 

ފާހަގަކުރަން ޖެހޭ ކަމަކީ ކިތަންމެ ބޮޑަށް ޚިޔާލުފުޅުތައް ތަފާތުވެ ކިތަންމެ ހޫނުވި ނަމަވެސް އެއްވެސް ބޭކަލަކު އަނެއް ބޭކަލަކަށް ދުވަހަކުވެސް ކުޑައިމީސް ބަސްފުޅެއް، ހަޑިހުތުރު ބަސްފުޅެއް ވިދާޅުނުވާކަމެވެ. އަނެއް ބޭކަލަކު ދެރަކޮށް ނިކަމެތިކޮށްލެއްވެވުމުގައި ޤަޞްދުގައި ބަސްފުޅެއް ވިދާޅުނުވާކަމެވެ. އޮޅުމަކުން އެފަދަ ކިތަންމެ ކުޑަބަސްފުޅެއް ވިދާޅުވެވުނުނަމަވެސް މަޢާފަށް އެދިވަޑައިގަތުމަށް އަވަސްވެވަޑައިގަންނަވާ ކަމެވެ. 

ނަމަވެސް މިއަދު ކަންކަން މިވަނީ އެގޮތަކަށް ނޫނެވެ. ޚިޔާލުތަފާތުވެއްޖެ ނަމަ ޢަބުރާއި ޝަޚްޞިއްޔަތަށްވެސް އަރައިގަންނަނީއެވެ. ކަތިލަނީއެވެ. އަނެކާއާއި މެދު ނުބުނާ ނުބައި ބަހެއް ނުއޮވެއެވެ. ބައެއް ޢިލްމުވެރިންވެސް އެފަދައިން އެބަ ކަންކަން ކުރައްވައެވެ. އަނެކާއަށް ނުބައި ބަސްތައް ބުނަމުން ގޮސް ޝައިޠޯނާ ލަދުގަންނަވަރަށް އެބަ ނުބައި ބަސްތައް ބުނެއެވެ.  

ކޮންމެ ފެންވަރެއްގެ މީހަކު ނަމަވެސް އެފަދަ ކަންކަން އެކުރަނީ އިސްލާމް ދީނުގައިވާ ގޮތަކަށް ނޫނެވެ. އިސްލާމް ދީނުގައި ކަންކަން ކުރަން އޮތީ ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ) ގެ ސުންނަތާއި އެއްގޮތަށެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އީމާންވެގެން ހުރި މީހަކު އޭނާގެ އަޚާއާއިމެދު ނުބައިބަސްތައް ބުނެ ފަޟީޙަތް ނުކުރާނެ ކަމަށެވެ! ނިކަމެތި ނުކުރާނެ ކަމަށެވެ! 

- މުފްތީ މެންކް

މިއަދު އޮންލައިން