ދޮގުހުވާ ކުރަން ބިރެއް ނުގަނޭތަ؟ ޤިޔާމަތް ދުވަހު ﷲ ބަސްވަޙީ ނުކުރައްވަވާނެ! ޢަޛާބުން ސަލާމަތެއް ނުވެވޭނެ!: ޤުރްއާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ދޮގުހުވާ ކުރަން ބިރެއް ނުގަނޭތަ؟ ޤިޔާމަތް ދުވަހު ﷲ ބަސްވަޙީ ނުކުރައްވަވާނެ! ޢަޛާބުން ސަލާމަތެއް ނުވެވޭނެ!: ޤުރްއާން

"ހަމަކަށަވަރުން، ﷲގެ އަހުދާއި، އެއުރެންގެ ހުވާތައް ދީފައި ކުޑައަގެއް ހިފާ މީހުންނީ އާޚިރަތުގައި އެއުރެންނަށް އެއްވެސް ނަޞީބެއް ނެތް ބައެކެވެ. އަދި ޤިޔާމަތް ދުވަހު، ﷲ އެއުރެންނަކަށް ބަސްވަޙީއެއް ނުކުރައްވަވާނެތެވެ. (ފާފައން) އެއުރެން ޠޯހިރެއް ނުކުރައްވަވާނެތެވެ. އަދި އެއުރެންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ!" (އާލްޢިމްރާން: 77)

ކަންއޮތީ މިފަދައިން ނަމަވެސް އެއްވެސް ބިރެއް ނެތި ދެމަފިރިންގެ މެދުގައި ޖެހޭ ކަންކަމުގައިވެސް އެއްވެސް ބިރެއް ނެތި ދޮގުހުވާތައް އެކަކު އަނެކަކަށް އެބަކުރެއެވެ. އެހުވާގެ ސަބަބުން ތިމާކުރި ކުށުން ބަރީޢަވެވިދާނެ ކަމަށެވެ. ފަހަރެއްގައި އެކުރި ދޮގުހުވާގެ ސަބަބުން އެވަގުތު އެ މައްސަލަ ފަހަރެއްގައި ޙައްލުވެސް ވެދާނެއެވެ. 

ނަމަވެސް ބިރުވެތިވާށެވެ! އެއަށްވުރެ މާބޮޑުކަމެއް ކުރމަތިކުރައްވަވައިފާނެ ކަމަށެވެ. މާބޮޑުކަމެއްގައި ފަޟީޙަތް ކުރައްވަވައިފާނެ ކަމަށް ބިރުވެތިވާށެވެ! މާލީ ގޮތުން ލިބިދާނެ ބޮޑު ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ޞިއްޙީ ބޮޑު ބަލިމަޑުކަމަކަށް ބިރުވެތިވާށެވެ! 

ބައެއް މީހުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އެދައްކާ ވާހަކައިގެ ތެދުކަން ޔަޤީންކޮށްދިނުމުގެ ގޮތުން ހުވާކުރެއެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. އަދި އެމީހާ އެދައްކާ ވާހަކަ އާއިމެދު ބިރުވެތިވާންޖެހޭނެއެވެ! 

ﷲ ތަޢާލާ ގަންދީ ހުވާކުރުމަކީ ދައްކާ ކޮންމެ ވާހަކައަކާއި ގުޅިގެން ކުރަންޖެހޭ ކަމެއް ނޫނެވެ. އަދިކޮށްގެންވާނެ ކަމެއްވެސް ނޫނެވެ. ﷲ ތަޢާލާ ގަންދީ ހުވާކުރުމަކީ ބޮޑުކަމެކެވެ. އެކަންކުރަންޖެހޭނީ އެކަންކުރަންޖެހޭ މަޤާމްތަކުގައެވެ. 

ދައްކާ ކޮންމެ ވާހަކައެއްގައި ﷲ ތަޢާލާ ގަންދީ ހުވާކުރާ މީހުން ގިނަފަހަރު އެކަންކުރަނީ އެމީހުން ދައްކާ ވާހަކައިގެ ތެދުކަން ސާބިތުކޮށްދޭން ދައްކާނެ އެއްވެސް ހެއްކެއް ނެތި ގޮތްހުސްވުމުންނެވެ. ވީމާ އެގޮތަށް ދައްކާ ވާހަކަ އެއީ ތެދުކަން ޤަބޫލުކުރަންވާނީ ވަރަށް ބޮޑަށް ވިސްނުމަށްފަހުގައެވެ. 

ﷲ ތައާލާއީ ހުރިހާ ގޮތަކުންވެސް އެންމެ މަތިވެރިކަން ލިބިވޮޑިގެންވާ ފަރާތެވެ! ދުނިޔެއަށް އަހަރެމެން ފޮނުއްވެވީވެސް ﷲ ތަޢާލާއެވެ. އެނުރި ދާންޖެހޭނީ ވެސް އެކަލާނގެ ޙަޟްރަތަށެވެ! މުސްލިމުން ހުވާކުރަންޖެހޭނީ ﷲ ތަޢާލާ ގަންދި ހުވާކޮށް ބުނާ ބަސް ވާންޖެހޭނީ އެއްވެސް ޝައްކެއް، ދޮގެއް ނެތް ސާފުބަހަކަށެވެ! ވީމާ ﷲ ތަޢާލާ ގަންދީ ހުވާކުރުމަކީ އާދައިގެ ކަމެއްކަމަށް ނުދެކޭށެވެ! އެއީ އެންމެ ބޮޑު އެއް ކަންތަކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން