ކައިވެނިކުރެވެންދެން ޙޫރަލްޢީނެއް! ކައިވެނިކުރެވޭއިރަށް ހުރިހާ ރީތި، ރަނގަޅު ސިފަތައް ގެއްލޭކަމަށްވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
ކައިވެނިކުރެވެންދެން ޙޫރަލްޢީނެއް! ކައިވެނިކުރެވޭއިރަށް ހުރިހާ ރީތި، ރަނގަޅު ސިފަތައް ގެއްލޭކަމަށްވަނީ ކީއްވެ؟

ބައެއް މީހުންނަށް ހީވެގެން އުޅެނީ ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ވާންޖެހޭނީ ސުވަރުގޭގެ ޙޫރަލްޢީނުން ފަދަބައަކަށް ކަމަށެވެ. އެ މީހުންގެ ކިބައިގައި އެއްވެސް އުނިސިފައެއް ހުރެގެން ނުވާނެ ކަމަށެވެ. އަދި ވާންޖެހޭނީވެސް ހުރިހައި ގޮތަކުން ތިމާ އެންމެ ހިތް އެދޭ ހުރިހާ ސިފަތައް ލިބިގެންވާ މީހަކަށް ކަމަށެވެ.

މިކަމުގައި އެންމެ އަޖައިބު ކަމަކީ ކައިވެނިކުރަން އުޅޭއިރު އެކަކު އަނެކަކަށް މިވަނީ ހޫރަލްއީނުން ފަދަ މީހަކަށެވެ. ކައިވެންޏަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަން ބަދަލުވެގެންދާ ކަމެވެ. ކޮންމެވެސް ގޮތަކުން އެހެން މީހަކާއި ބައްދަލުވާއިރަށް ކުރިން ހުރިކަމަށް ޤަބޫލުކުރި ޙޫރަލްޢީނުކަން ކެނޑި ފަހުން ފެނުނު މީހާއަށް އެކަން ބަދަލުވެގެންދާ ކަމެވެ. ނިކަން ބުނެބަލާށެވެ. މިއީ ދެން ތަންފުކެއް ބޮޑުވަރު ނޫން ހެއްޔެވެ؟ 

މިފަދަ ހުރިހާ މައްސަލަތަކެއްވެސް ގިނައިން ކުރިމަތިވަނީ ހަމަ ބެލުންތައް ތިރި ނުކުރެވޭތީއެވެ. އެހެން ބުނަން މިޖެހެނީ ބެލުންތައް ތިރިކޮށްގެން ދިރިއުޅޭ ޢާއިލާތަކުގައި ވަރީގެ މައްސަލަތައް މަދުކަމުންނެވެ. މިސާލަކަށް ބުނާނަމަ ގެއަށް ވަންނަ މެހްމާނުންނާއި ކޮންމެހެން ބައްދަލު ކުރަން ނުޖެހޭނަމަ ބައްދަލު ނުކުރާ މުސްލިމް ޢާއިލާތައް މިއަދުވެސް ހަމަ ބައިވަރެވެ. ކައިވެނި ހެޔޮ ނުވާ މީހުންނާއި މަސްހުނި ނުވާ ޢާއިލާތައް ވެސް ހަމަ ބައިވަރެވެ. މިފަދަ ޢާއިލާތަކުގައި ވަރީގެ މައްސަލަތައް ކުރިމަތިވަނީ ހަމަ ވަރަށް މަދުންނެވެ. 

ބައެއް ފިރިހެނުންނަށް ކަންކަން ކުރެވޭ ގޮތް އެއްގޮތަކަށްވެސް ރަނގަޅެއް ނޫނެވެ. ގެއަށް މެހްމާނަކު ދާއިރަށް އަނބިމީހާ ނެރުވައިގެން އެމީހާއަށް ޚިދުމަތް ކުރުވާތީއެވެ. ރީތި އަންބަކު ލިބިއްޖެ ނަމަ ފަޚުރުވެރިވާންވެސް އެކަން އެބަ ކުރުވައެވެ. އެހާލަތުގައި އަނބިމީހާ މެހްމާނަށް ނުބަލައިފިނަމަ ވަނީ ބޮޑާ އަންހެނަކަށެވެ. އެހެންވެ ބޮޑާ ނޫންކަން ދައްކަން ހިނިތުންވާން އުޅެނަ ހަދައިގެން އޮންނަނީ ހުރިހާ ކަމެއް ގޯހުން ގޯހަށް ގޮސްފައެވެ. މިކަމުގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ހަމަ އެކަނި އެވަގުތު ޒިޔާރަތް ކުރި މެހްމާނެއް ނޫނެވެ. އަނބި މީހާއަށް ދަސްކޮށް މިދެވޭ ނުބައި އާދައެވެ. 

އަހަރެމެން މީހަކަށް ކިތަންމެ ވަރަކަށް ބެލި ނަމަވެސް އެކަމުން ﷲ ތަޢާލާއަށް ލިބިވޮޑިގަންނަވާނެ އެއްވެސް އުނިކަމެއް ނެތެވެ. ހުރިހާ ގެއްލުމެއްވެސް ލިބޭނީ ހަމަ އަހަރެމެންނަށެވެ. ބެލުންތައް ތިރިކުރަން ﷲ ތަޢާލާ އެހައި ވަރުގަދައަށް އަމުރުފުޅު ކުރައްވަވާފައި އެވަނީ ހަމަ އަހަރެމެންނަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމުގައިވާތީއެވެ. ވީމާ ކައިވެނިތައް ޜޫޅުމުން ސަލާމަތްވުމަށްޓަކައި ބެލުންތައް ތިރިކޮށް އިސްލާމް ދީނުގައިވާ ރިވެތި އުޞޫލުން އަމަލުކުރުމަށް ވަރަށް ވަރުގަދައަށް ވަޞިއްޔަތް ކުރަމެވެ. 

މިހާރަކަށް އައިސް ކައިވެނި ރޫޅުން ގިނަވެފައިވުމަކީ ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މުޞީބާތް ކަމަށް ވެސް ބުނެވިދާނެއެވެ. ސުވާލަކީ މިހައި ބޮޑު މުޞީބާތަކަށް މިކަން ވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ހޯދުންތަކުން އެނގުނު ގޮތުގައި ޖަވާބަކީ ބެލުންތައް ތިރި ނުކުރުމެވެ. 

އިސްލާމް ދީނުގައި ބެލުންތައް ތިރިކުރަން ޖެހޭނެ ކަމަށް އައިސްފައި އެވަނީ ވަރަށް ގިނަ ސަބަބުތަކެއް ހުރުމުންނެވެ. އަދި ބެލުންތައް ތިރި ނުކުރުމުން ފާފަވެރިވަނީ ވެސް އެކަމުގައި ހުރި ނުރައްކައުތެރިކަމާއި ގެއްލުންތައް ބޮޑުކަމުންނެވެ. 

އިންސާނުންގެ ހިތުން ދަހިވެތިކަން ފިލުވައިލުމަކީ ވަރަށް ބޮޑު ތަޤްވާވެރިއަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އިންސާނުންނަކީ ފެންނަ ތަކެއްޗަށާއި ކަންކަމަށް ހިތް ކިޔާ ބައެކެވެ. އެއީ އިންސާނުންގެ ކިބައިގައި ޠަބީޢީ ގޮތުންވެސް ހުންނަ ސިފައެވެ. ވީމާ އެކަމަކީ އަހަރެމެން ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން